މި ދައުރު ނިމޭއިރު މަސްވެރިކަމުން ލިބޭ ޢާމްދަނީ ދެގުނަ ވެގެންދާނެ: ވަޒީރު ޝިޔާމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
މި ދައުރު ނިމޭއިރު މަސްވެރިކަމުން ލިބޭ ޢާމްދަނީ ދެގުނަ ވެގެންދާނެ: ވަޒީރު ޝިޔާމް

މި ދައުރު ނިމޭއިރު މަސްވެރިކަމުގެ ސިނާއަތުން ލިބޭ ޢާމްދަނީ ދެގުނަ ވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 62 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ވަންނަ ދާއިރާއަކަށް ވީނަމަވެސް، އެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް މިހާތަނަށް އެދެވޭ ފެންވަރެއްގައި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ބާނާ މަސް އަގު އެއްކޮށްގެން (ވެލިއު އެޑް ކޮށްގެން) ބޭރުކުރުން ކަމަށް ވީނަމަވެސް، ވޭތުވެދިޔަ 40 އަހަރު ތެރޭގައި އެކަމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގައި ގާއިމުކުރެވިފައިވަނީ އެންމެ ފެކްޓްރީއެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެއީ ފެލިވަރުގައި ހުރި 50 ޓަނުގެ ފެކްޓްރީ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ބޭރުކުރާ ހުރިހައި މަހުގެ ބާވަތްތަކަކީ އަގު އެއްކޮށްގެން ބޭރުކުރާ ތަކެތި ކަމުގައި ހެދުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި މަގްސަދު ހާސިލުކުރުމަށްޓަކައި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ހުރި ކެޕޭސިޓީ އެތައް ގުނައެއް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަމަށް ޚަރަދު މިކުރަނީ އިރާދަކުރެއްވިއްޔާ މިހާރު ހުރި ކެޕޭސިޓީ އަޅުގަނޑުމެން އެތައް ގުނައެއް މިކުރަނީ އިނގޭތޯ. ގާތްގަނޑަކަށް 50 ޓަނު އަޅުގަނޑުމެން 300 ޓަނަށް އަޅުގަނޑުމެން އިތުރު މިކުރަނީ. އެ މަސައްކަތްތަކުގެ ބޮޑު މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ފެނިގެންދާނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި މަޝްރޫއުތައް ނިމުމުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިންނަށް ލިބޭ ނަފާވެސް ބޮޑުވެގެންދާނެ ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން