މާލޭގެ އެއް ނަންބަރު ޖެޓީ ސަރަހައްދުގައި އުޅަނދުފަހަރަށް ތޮއްޓާ ގާތްކޮށްގެން އޮވެވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަށް ކަމަށް މާލޭ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލެ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުގެ ހެޑް ޖިޔާމް ސަޢީދު ވިދާޅުވީ، އުޅަނދަކަށް އެއް ނަންބަރު ޖެޓީގެ ތޮއްޓާ ކައިރިކޮށްފައި ބޭއްވޭނީ އެންމެ ގިނަވެގެން 10 ދުވަހަށް ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އުޅަނދު އެ ސަރަހައްދުން ދުރުކުރަން ޖެހޭނެ ކަމަށާއި، އަލުން ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖިޔާމް ވިދާޅުވި ގޮތުގައި ކުރިން އޭ ޒޯނުގައި މުދަލާއި ފަސިންޖަރުން އުފުލުމަށް ބޭނުންކުރަމުންދިޔަ 9 ވަރަކަށް އުޅަނދު މިހާރު ވަނީ އެއް ނަންބަރު ޖެޓީއަށް ބަދަލުކޮށްފައެވެ. މި ބަދަލާއެކު އުޅަނދުފަހަރުން ނަގަމުންދިޔަ ފީތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
"އޭ ޒޯނުގައި އޭރު އެތަން ބޭނުން ކުރަމުން ގެންދިޔަ މުދަލާއި ފަސިންޖަރުން އުފުލާ އުޅުނު އުޅަނދުތައް އަޅުގަނޑުމެން އެއް ނަންބަރު ޖެޓީއަށް މި ބަދަލުކުރީ، 9 ވަރަކަށް އުަޅަނދު ވާނެ ބަދަލުކޮށްފައި. އޭރު އަޅުގަނޑުމެން ނަގަމުން ދިޔަ 50 ލާރި މި ކޮޅަށް ބަދަލުވުމުން މިވަނީ، ހިލޭ ޚިދުމަތް ދޭ ގޮތަށް ބަދަލުކޮށްފައި،" ޖިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، 10 ދުވަހުގެ މުއްދަތު ހަމަވެގެން އުޅަނދު ދުރުކުރުމަށްފަހު، އަލުން ކީވޯލްއާ ކައިރިކުރަން ބޭނުންވާނަމަ ޖެހޭނީ ކިއުގައި ނޯޓުކުރުމަށެވެ. އަދި އުޅަނދަށް އަލުން ފުރުސަތު ލިބޭނީ ކިއު ތަރުތީބުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.