އިންސާފު ޤާއިމްކުރުމުގައި އިންސާނީ ވިސްނުމާއި އިހުސާސް ޓެކްނޮލޮޖީއަށްވުރެ މުހިންމު: އުއްތަމަ ފަނޑިޔާރު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
އިންސާފު ޤާއިމްކުރުމުގައި އިންސާނީ ވިސްނުމާއި އިހުސާސް ޓެކްނޮލޮޖީއަށްވުރެ މުހިންމު: އުއްތަމަ ފަނޑިޔާރު

އިންސާފު ޤާއިމްކުރުމުގެ މަރުޙަލާތަކުގައި އިންސާނީ ވިސްނުމާއި އިހުސާސްތަކަކީ އަބަދުވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކަށްވުރެ މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޢަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ވިލާ ނޯޓިކާ ރިސޯޓުގައި ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ ޝަރަފުވެރިކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޓެކްނޮލޮޖީގެ ސަބަބުން މަސައްކަތްތަކަށް ފަސޭހަކަން ލިބުނު ނަމަވެސް، ވަކި އަތަކަށް ޖެހުމުގެ ނުވަތަ "ބައިއެސް" ވުމުގެ ސިފައަކުން އެ ވަސީލަތްތައް ސަލާމަތްވެފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އޭއައި ބޭނުންކުރުމުގައި އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުރޭ. ޓެކްނޮލޮޖީގެ ވަސީލަތްތަކުން މަސައްކަތްތަކުގައި ފަސޭހަކޮށްދިނަސް ބައިއެސްވުމުގެ ސިފަޔަކުން ސަލާމަތް ނުވޭ. އެހެންކަމުން އިންސާފު ޤާއިމްކުރުމުގައި އިންސާނީ ވިސްނުމާއި، އިހުސާސް އަބަދުވެސް ޓެކްނޮލޮޖީގެ މައްޗަށް މުހިންމު ދައުރެއް އަދާކުރާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ޙައްލުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި ކޯޓުތަކުގައި މައްސަލަތައް ނުނިމި ލަސްވާ މައްސަލައަށް މިއަހަރުގެ ތެރޭގައި ދާއިމީ ޙައްލެއް ގެނައުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި މަހާސިންތާގެ ފުރަތަމަ ދުވަހު މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ޝަރުޢީ ދާއިރާގައި އޭއައި އާއި ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭ ސެޝަންތަކެވެ. އަދި ދެވަނަ ދުވަހު މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން އަލަށް އެކުލަވާލާ ޤަވާއިދަށް ފަނޑިޔާރުންގެ ފަރާތުން ބޭނުންވާ ލަފަޔާއި މަޝްވަރާ ހޯދުންވެސް މި މަހާސިންތާގެ ތެރެއިން ކުރިއަށްދާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

މިއަދު އޮންލައިން