ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން މަރުޙަބާ ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ހިމެނިވަޑައިގަތުމާ ގުޅިގެން ޑަބްލިއުއެޗްއޯއިން މަރުޙަބާ ދަންނަވައިފި

ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމާ ގުޅިގެން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ. މިއީ އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން ކޮންމެ އަހަރަކު ހޮވާ ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ ފަރާތްތަކުގެ ތެރޭގައި ދިވެހި ރައީސަކު ހިމެނިވަޑައިގަތް ފުރަތަމަ ފަހަރެވެ.

ޑަބްލިއުއެޗްއޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ޓައިމް މެގަޒިނުން އެކުލަވާލި މި ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. މީގެ އިތުރުން، ރާއްޖެއާއެކު އޮތް ވަރުގަދަ ގުޅުން ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާއިން އުންމީދުކުރާ ކަމަށްވެސް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

ޓައިމް މެގަޒިނުން ރައީސުލްޖުމްހޫރިއްޔާ މި ލިސްޓުގައި ހިމަނާފައިވަނީ ރާއްޖޭގެ އާންމު ޞިއްޙަތު ރަނގަޅުކުރުމަށް އެމަނިކުފާނު އަޅުއްވަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް ރިޢާޔަތްކޮށެވެ. ވަކިން ޚާއްޞަކޮށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖެއިން ތައާރަފްކުރި "ޖެނަރޭޝަން ބޭން" ސިޔާސަތު އެ މެގަޒިނުން ވަނީ ފާހަގަކޮށްފައެވެ.

މި ސިޔާސަތަކީ ކުރިއަށް އޮތް ޖީލުތަކަކީ ދުންފަތުގެ ނުރައްކަލުން ސަލާމަތްވެފައިވާ ޖީލަކަށް ހެދުމަށް ރައީސް މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ. މިފަދަ ބައިނަލްއަޤްވާމީ ލިސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަތުމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިއަދު އޮންލައިން