ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަމަށް ފުލުހުން ބުނެފި

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން މިހާތަނަށް ޖުމްލަ 99 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.

ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރެވޭނެއެވެ. އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކޯޓުތަކުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކަށް ފުރިހަމައަށް ބޯލަނބައި، އެ އަމުރުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަމުރާ ހިލާފު އެއްވެސް އަމަލެއް ހިނގާނަމަ، ލަސްނުކޮށް އެކަން ރިޕޯޓުކުރުމަށްވެސް ފުލުހުން ބާރުއަޅައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަމާން ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު އިސްކަމެއްދޭ މަސައްކަތެއްކަން އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން