ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީން ބޭއްވި "ދިވެހީންގެ ރާއްޖެ ތަރީވީސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މަލްޓި ޕާޓީ ޑިމޮކްރަސީގެ ތާރީޚަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުންނަނީ ރިޔާސީ އިންތިޚާބުގައި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންގެ ނިސްބަތް އެވްރެޖްކޮށް 86 އިންސައްތައިން މަތީގައި ހުރިއިރު، މަޖިލިސް އިންތިޚާބުގައި އެ އަދަދު ހުރީ 76 އިންސައްތައިގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ. "މީގެން ލިބޭ ފައިދާއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވުން. މިހާތަނަށް އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުން ވޯޓު ލާން ނިކުމެފަވަނީ ރިޔާސީ އިންތިޚާބުގައި. މަޖިލީހާއި ކައުންސިލް އިންތިޚާބަށްވުރެ އެތައް ގުނައެއް އިތުރު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ހަމަތަކުން ބެލިނަމަވެސް މި ބަދަލަކީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެހެންކަމުން، އޭޕްރީލް 4 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ތާއީދުކޮށް "އާއެކޭ" ބުނުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، މި ވޯޓުގައި ރައްޔިތުން ނިންމާ ނިންމުމަކަށް ބިނާކޮށް، އައު މަޖިލީހުން ޑިސެމްބަރު މަހު ބަޖެޓް ފާސްކުރަން ޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެންނަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.