ސަރުކާރުން ފައިސާ ދޭންހުރި ކުދި ވިޔަފާރިތަކަށް 15 ދުވަހުގެ ތެރޭގައި ޕޭމަންޓުތައް ހަދައި ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ ތެރޭގައި އެކަނިވެސް ކުދި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 200 މިލިޔަން ރުފިޔާ ސަރުކާރުން ދައްކާނެ ކަމަށް އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. ސަރުކާރުން އިޤްތިޞާދީ ހާލަތު މެނޭޖްކުރަމުންދަނީ ބޭރަށް ދައްކަން ހުރި ދަރަނިތައް ދެއްކޭނެ އިންތިޒާމުތަކާއެކު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކުދި ވިޔަފާރިތަކަށް ފައިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ކުރިއަށްއޮތް ހަފުތާއަކީވެސް މިގޮތުން ކުދި ވިޔަފާރިތަކަށް ރާއްޖޭގައި މަސައްކަތްކުރާ ކުދި ވިޔަފާރިތަކުން ނުވަތަ ކުންފުނިތަކުން ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ދޭންހުރި ފައިސާގެ މަދުވެގެން 200 މިލިޔަން ރުފިޔާ ދޭނެ ހަފުތާއެއް. ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އަދަދެއް އެބަދެން." ކަމަށެވެ.
މީގެއިތުރުން، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ކުދި އަދަދުތަކުން ފައިސާ ދައްކަންޖެހޭ ވެންޑަރުންނަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ ހަފުތާގައި ފައިސާ ދޫކުރާއިރު، 1 މިލިޔަން ރުފިޔާއަށްވުރެ މަދުން ފައިސާ ދޭންހުރި ބިލްތަކަށް އިސްކަންދޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.