ފިރިންނަށް ޢާއިލާގެ ވެރިކަމާއި ވަރިކުރުމުގެ ބާރު
ދެއްވެވީ ﷲ ތަޢާލާއެވެ. ވިސްނަންވީ ދެއްވެވި ބާރާއި މެދަކު ނޫނެވެ. އެބާރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. ދެއްވެވި ބާރާއި ވެރިކަން ރަނގަޅު ގޮތުގައި ދެމިއޮންނާނީ އެއިގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ މީހުންނަށެވެ.
ވަރިކުރުމުގެ ބާރު ފިރިހެނުންނަށް އޮންނާތީ ބައެއް ފިރިހެނުން ހިތަށް އަރާއިރަށް ވަރިކޮށްލައެވެ. އަނެއްބައަކު އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކޮށް އަދި ވަރިވެސް ނުކޮށް ހިފަހައްޓައެވެ. މިދެކަމަކީވެސް އޭނާއަށް ކުރެވޭ އަނިޔާއެކެވެ. ދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ.
ބައެއް ޙާލަތްތަކުގައި އަނބިންގެ ނިކަމެތިކަން ބޮޑުކަމުން ކުރެވޭނެ ކަމެއް ނެތަތީ ކެތްތެރިވެގެން އިނުން ނޫން ގޮތެއް ނެތަތީ އަނިޔާތަކަށް ކެތްތެރިވެގެން އިނދެދާނެއެވެ. އެޙާލަތުގައި އަނިޔާވެރިވަމުންދާއިރު ޔަޤީންކުރަން ޖެހޭނެ ކަމަކީ ތިއަކުރާ ހުރިހާ އަނިޔާތަކެއް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަމާއި ވަޤުތު ޖެހުމުން ތިބާއާއިމެދު ފިޔަވަޅު އަޅުއްވަވާނެ ކަމެވެ.
ވިސްނާށެވެ! ކައިވެނި ދަމަހައްޓަން ބޭނުންނުވާނަމަ ޢަމަލުކުރަންޖެހޭނެ ގޮތް ޤުރްއާނުން އެނގެން އެބައޮތެވެ. އެކަނބަލުންނަށް ދޭންޖެހޭ ޙައްޤުތައް ދީގެން ނުގެންގުލެވޭނެ ނަމަ އޮތީ ހެޔޮގޮތުގައި އެކަނބަލުންނާއި ވަކިވުމެވެ. ކަސްތޮޅުގައި ބައިތިއްބައިގެން އަނިޔާވެރިވުމަކީ ކުރެވޭނެ ބޮޑު ފާފައެކެވެ.
ފިރިމީހާގެ ކިބައިން ލިބެންޖެހޭ ޙައްޤުތައް ނުލިބޭނަމަ ކައިވެނި ރޫޅާލަން ކޯޓަށް ދިއުމުގެ ޙައްޤު އަނބިންނަށް ލިބިގެންވެއެވެ. އެޙާލަތުގައި މައްސަލައަށް ބަލައި ފިރިމީހާގެ ނުރުހުމުގައިވެސް ކައިވެނި ރޫޅާލައިދެވޭނެ ސަބަބުތައް އެބަހުއްޓެވެ. އެކަމަށް ޝަރުޠުހަމަވާތީ ފަނޑިޔާރު ނުވަތަ ފަނޑިޔާރުން ކައިވެނި ރޫޅާލައިދީފިނަމަ އެކަންވާނީ ހަމަ ވަރިއަކަށެވެ. ފިރިމީހާ ކިތަންމެ ނުޤަބޫލަސް އަދި ރުޅިއައިނަމަވެސް މެއެވެ. އެކަމަށް އޮންނާނެ ހަމައެކަނި ޙައްލަކީ އަލުން ކައިވެނިކުރުމެވެ. އެނޫން އިތުރު އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން