ފުރަތަމަ ކޮށްލާނީ ސުވާލެކެވެ. އެއީ ތިބާއަށް
ފާފަކުރެވުނީއެވެ. ފާފަކުރެވުނީމާ ތައުބާވެ ފާފަ ފުއްސަވައިދެއްވެވުމަކަށް ނުއެދޭނަން ހެއްޔެވެ؟ ތައުބާވީ ފަހުންވެސް ފާފައެއް ކުރެވުނީއެވެ. ފަހަރެއްގައި ކުރިން ކުރެވުނު ފާފަ ތަކުރާރުކުރެވުނީކަމަށްވެސްވެދާނެއެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ ތައުބާނުވެ ހުންނާނީހެއްޔެވެ؟
ހަމަޔަޤީނެވެ.! ކިތަންމެ ގިނަފަހަރު ފާފަކުރެވުނަސް ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދަންނަވާނެއެވެ. އިޚްލާޞްތެރި މުސްލިމަކުނަމަ ރޮއިކަރުނަވެސް އަޅާނެއެވެ.
ދެން ވާހަކަ ދެބައަކަށް ބަހައިލާނަމެވެ. ފުރަތަމަ ބުނަން ބޭނުމީ ދެމަފިރިންގެ ވާހަކައެވެ. އެކަކަށް ކުށެއް ކުރެވުމުން އެއީ އުޑު ބޮލަށްވެއްޓުން ފަދަ ކަމަކަށް ހަދާއިރު ކުރިން މިބުނި ސުވާލަށް ދޭން އޮންނާނީ ކޮން ޖަވާބެއް ހެއްޔެވެ؟
ދެން ބަލައިލާނީ ޢާއިލާއިން ނުވަތަ މުޖުތަމަޢުން ކުށްކުރެވޭ މީހުންނަށެވެ. މީހަކަށް ކުށެއް ކުރެވިއްޖެނަމަ އެހިސާބުން އެމީހަކު ޢާއިލާއިން ބާކީކޮށްލަން ނުވަތަ މުޖުތަމަޢުން ބޭރުކޮށްލަން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟
މިކަމުގައި ބަލަން އޮތީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށެވެ. މުޝްރިކުންނާއިމެދު ޢަމަލުކުރެއްވެވި ގޮތަށެވެ. އަދި އިސްލާމްވުމަށްފަހުގައިވެސް ކުށެއްކުރެވުމުން ޢަމަލުފުޅު ކުރެއްވެވި ގޮތަށެވެ. ވިސްނާލަން އޮތް ކަމަކީ ކުށެއް ކުރެވުމުން ކިތައް ފަހަރު މާފުކުރެއްވެވި ކަމާއިމެދުގައެވެ.
ޢާއިލީ ދިރިއުޅުން ބާއްޖަވެރިކުރެވޭނީވެސް އަދި
މުޖުތަމަޢު އިޞްލާޙްކުރެވޭނީވެސް މާފުކުރުން އިސްކޮށްގެންނެވެ. އެއިގެ މާނައަކީ އެމީހަކު އިޞްލާހްކުރަން އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅުމެއް ނޫނެވެ. މުހިންމު ކަމަކީ އިޞްލާޙްވާން ފުރުޞަތު ދިނުމެވެ. އިސްލާމް ދީނަކީ މާފުކުރުމުގެ ދީނެވެ. ހިތްހެޔޮކުރުމުގެ ދީނެވެ. ދިރިއުޅުމުގައި އުފާވެރިކަން ލިބުން އޮތީ އެކަންކަމުގައިވެސް ސުންނަތަށް ޢަމަލުކުރިވަރަކުންނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރިވަރަކުންނެވެ.
--މުފްތީ މެންކްގެ ދަރުސަކުން