ލިބޭ އާމްދަނީން ކިތަންމެ ގިނައިން ނިކަމެތިންނަށް ބެހިޔަސް ފަޤީރެއް ނުވާނެ! ދާނީ ތަނަވަސްކަން އިތުރުވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ލިބޭ އާމްދަނީން ކިތަންމެ ގިނައިން ނިކަމެތިންނަށް
ބެހިޔަސް ފަޤީރެއް ނުވާނެ! ދާނީ ތަނަވަސްކަން އިތުރުވަމުން!

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެއިން

ނިކަމެތިންނަށް އެހީތެރިވާން ޖެހިލުންވާ ބައަކު އުޅެއެވެ. އެއީ އެމީހުންނަށް މަދުވެދާނެކަމަށްޓަކައެވެ. ކުރަންހުންނަ ކަންކަން ނުކުރެވިދާނެ ކަމަށްޓަކައެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.

"އޭނާއަކީ ދީލަތި މީހެކެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރާ މީހެކެވެ. މީހަކު ބޭނުމަކު އަތުވެއްޖެ ނަމަ އަމިއްލަކަންކަން ނުކޮށް ބަހައްޓާފައިވެސް އެމީހެއްގެ ބޭނުން ފުއްދައިދޭ މީހެކެވެ. އެމީހާގެ އެކައުންޓުގައި މާގިނަ ފައިސާތަކެއް ނުހުރެއެވެ. އަބަދުވެސް ހުންނަނީ ހުސްވެފައެވެ. އެހެން ނަމަވެސް ޢަޖައިބަކީ އަހަރުން އަހަރަށް އޭނާގެ ވިޔަފާރި ފުޅައުވެ ކުރިއަރަމުން އަންނަކަމެވެ. އިތުރު ވިޔަފާރިތައް ފަށައިގަނެވޭ ކެމެވެ. އުފަލުގައި ދިރިއުޅެވޭ ކަމެވެ."

 

ވަރަށް ކުރުކޮށްލާފައި މިކިޔައިދިނީ އަހަރެން ވަރަށް ގާތުން ދަންނަ މީހެއްގެ ވާހަކައެވެ. އެމީހާ އާއިމެދު ކަންތައްތައް މެދުވެރިވަމުންދާ ގޮތުގެ ވާހަކައެވެ. މިހެން މިކަންކަން މެދުވެރިވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލަމާ ހެއްޔެވެ؟

 

ގިނަ މުއްސަނދިން ފަޤީރުވަނީ އެމީހުންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އެއީ ތިމާ އިމްތިޙާން ކުރެއްވެވުމަށްޓަކައި ﷲ ތަޢާލާ ޙަވާލު ކުރެއްވެވި އަމާނާތެއްކަން ޤަބޫލު ނުކުރެވި އެއީ ތިމާގެ މަސައްކަތުން ލިބިގަތް ތަނަވަސްކަމެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. މިކަމުގެ ހެކިދައް ދަނީ ފެންނަމުންނެވެ.

 

ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ﷲ ތަޢާލާ އަނގަވާފައިވާ ގޮތުގައި އެ ނިޢްމަތުގެ ބޭނުން ހިފާ ގިނަ މީހުންނަށް ދަނީ ތަނަވަސްކަން އިތުރުވަމުންނެވެ. ވަރަށް މަދު މީހަކަށް ދަތި ޙާލަތެއް ކުރިމަތިވެދާނެއެވެ. އެއީ ވެސް މާޔޫސްވާން ޖެހެންވީ ކަމެއް ނޫނެވެ. އެހެނީ އެއީ ވެސް އިމްތިޙާން ކުރެއްވެވުމެކެވެ. އެ އިމްތިޙާނުންވެސް ފާސް ވެއްޖެ ނަމަ އެމީހަކު އާޚިރަތް ދުވަހު ހުންނަވާނީ އުފަލުންނެވެ.

 

ﷲ ތަޢާލާ ތަނަވަސްކަން އަދި އެނޫންވެސް ނިޢްމަތެއް މިންވަރު ކުރައްވަވައިފިނަމަ ފުރަތަމަ ކަމަކަށް ނަމާދުކުރަން ސަމާލުކަން ދޭށެވެ. ތިމާއަކީ ފަރުޟު 5 ނަމާދު ކުރާ މީހަކު ކަމުގައިވަނީ ނަމަ ސުންނަތް ނަމާދު ކުރުން ގިނަކުރާށެވެ. ކީރިތި ޤްރްއާން ކިޔެވުން ގިނަ ކުރާށެވެ. ހަމައެއާއިއެކު ﷲ އަށް ޝުކުރުވެރިވެ ޙަމްދުކުރުމާއި ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތްކުރުންވެސް އިތުރުކުރާށެވެ. އަދި ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން އިތުރުކުރުން އިތުރުކުރާށެވެ.

 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެމީހުން މުއްސަނދިވަނީ އެމީހުންގެ ސިކުނޑި މޮޅުކަމުން ކަމަށެވެ. އެގޮތަށް ވިސްނާ މީހުންނަށް ނުއެނގޭ ކަމަކީ އެމީހުންނަށް ސިކުނޑިން ދެއްވަވައި މޮޅަށް ވިސްނުމުގެ ބާރު ދެއްވެވީ ކޮން ފަރާތަކުން ކަމެވެ. އަދިވެސް އެފަދަ މީހުންނަށް ނުވިސްނޭ ވަރަށް ބޮޑު ކަމެއް އޮވެއެވެ. އެއީ އެމީހާގެ ވަށައިގެން އެނބުރޭ މީހުންނަކީ އޭނާގެ ވަށައިގެން އެނބުރޭ ބައެއް ނޫންކަމާއި އެއީ އޭނާގެ އަތުގައި ހުރި ފައިސާގެ ވަށައިގެން އެނބުރޭ ބައެއް ކަމެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން