އެއީ ތަނަވަސް ފިރިއެކެވެ. އަނބިމިހާއާއިއެކުގައި ދިރިއުޅެމުން އައީވެސް އުފަލުގައެވެ. އެކަމަކު އެކަން މާގިނަ ދުވަހަކަށް ދެމިގެނެއް ނުދިއައެވެ. ގޭގައި ގެންގުޅޭ ކުއްޖާ ބަލިވެއިނީއެވެ. އޭނާ ބުނަނީ ބަލިވެއިނީ ބޮސްއަށް ކަމަށެވެ.
އެކަމުގައި ޢަމަލުކުރާނެ ގޮތަކާއިމެދު ދެމަފިރިންގެ މެދުގައި މައްސަލަ ހޫނުވެފައިވަނިކޮށް އެނގުނީ އަނބިމީހާވެސް އިނީ ބަލިވެކަމެވެ. އެކަމަށް ދެމަފިރިން އުފާކުރަންފެށިތަނާ ފަޅާއެރީ އަނބިމީހާ ބަލިވެއިނީ ކާރުޑްރައިވަރަށް ކަމެވެ. ފަޅާއެރީ އެދެމީހުންގެ ދެކެވުނު ވާހަކައެއް ބޭޒާރުވުމުންނެވެ.
އެހިސާބުން ކަންކަން އިތުރަށް ހޫނުވެ ފިރިމީހާ ޙުކުމް އިއްވިއެވެ. ދެމީހުންނަށްވެސް މިވަނީ ކުށެއް ކުރެވިފައެވެ. އެހެންވީމާ އޮތީ އެކަން ޤަބޫލުކުރުމެވެ. ތިބާ އެމީހަކަށް ބަލިވެއިން މީހާއާއިއެކު ގެއިން ނުކުމެގެންދާށެވެ. އެންމެ ޒިންމާދާރުގޮތަކީ ދަރިފުޅުގެ ބައްޕައާއިއެކުގައެވެ. އަހުރެން އަހުރެންގެ ދަރިފުޅުގެ މަންމައާއިއެކު ދިރިއުޅޭނަމެވެ. ޒިންމާދާރު ފިރިހެނުންނަކީ ދަރިންގެ ޒިންމާތައް އުފުލާ ފިރިންނެވެ.
ވިސްނަވާށެވެ. ދެމަފިރިންވެސް ކުރީ އެއްކުށެކެވެ. އެކަމަކު ދެރަ މިލިބުނީ އަނބިމީހާއަށެވެ. އެމީހާގެ ނިންމުމާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. އަހުރެންވެސް ބުރަވާނީ އޭނާގެ ނިންމުން ރަނގަޅުކަމަށެވެ.
އަނބިން އަބަދުވެސް ވިސްނަންވީ މިޙާލަތަށެވެ. ޚާއްޞަކޮށް ތަނަވަސް ފިރިއަކު ލިބިއްޖެނަމަ މާބޮޑަށްވެސް ވިސްނަންވާނެއެވެ. ތިމާގެ ކުށަކާލައިގެން ކައިވެނި ރޫޅުނަ ނުދޭން ކުރެވެންއޮތް ހުރިހާ ކަމެއް ކުރަންވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން