ޤުރްއާނާއިމެދު ޝައްކު އުފައްދުވަން ފަތުރާ ވާހަކަތަކަށް ނުހެއްލޭށެވެ! މިއަދުވެސް އެއޮތީ ރަސޫލް ޞޢޥ ޖިބްރީލްގެފާނާއިއެކު މުރާޖަޢާ ކުރެއްވެވި ގޮތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޤުރްއާނާއިމެދު ޝައްކު އުފައްދުވަން ފަތުރާ ވާހަކަތަކަށް ނުހެއްލޭށެވެ! މިއަދުވެސް އެއޮތީ ރަސޫލް ޞޢޥ ޖިބްރީލްގެފާނާއިއެކު
މުރާޖަޢާ ކުރެއްވެވި ގޮތަށް!

ކީރިތި ޤުރްއާނާއިމެދު ވީހާ ގިނަ މަޢުލޫމާތު ހޯދައި ހިތުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުންވެސް ހިމެނިގެންދާނީ ޤުރްއާނާއިއެކު ވަޤުތު ހޭދަކުރުމުގެ ތެރެއިންނެވެ. އެހެންކަމުން މިގެނެސްދެނީ ކޮންމެހެން އެނގެން ޖެހޭ ބައެއް މަޢުލޫމާތެވެ.  

ކީރިތި ޤުރްޢާނަށް ފާޑުކިޔުމަކީ އިއްޔެއަކު މިއަދަކު ކުރަމުން އަންނަ ކަމެއް ނޫނެވެ. ކީރިތި ޤުރްޢާނުން ކުށެއް ނުވަތަ އުނިކަމެއް ހޯދަން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން އަންނަނީ ބާވައިލައްވަވަން ފެށްޓެވި ދުވަހުން ފެށިގެންނެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް ކުށެއް ނުވަތަ އުނިކަމެއް ހޯދިފައެއް ނެތެވެ.  

މިހާރު އެންމެ ގިނައިން ކުރެވޭ ކަމަކީ އެމީހުންގެ ޚިޔާލީ ތަޞައްވުރު ހާމަކޮށް މީސްތަކުގެ ހިތުގައި ޝައްކުތައް އުފައްދުވަން މަސައްކަތްކުރުމެވެ. އެހެނަސް އެކަމަކުންވެސް ފައިދާއެއް ނުކުރެއެވެ. މޮޅު ވާހަކަތަކެއް ފަތުރަން ފަށާއިރަށް އެއީ މޮޔަ ވާހަކަތަކެއްކަން އޮންނަނީ ހާމަވެފައެވެ. އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔެ ދެމިއޮތްހައި ދުވަހަކަށް ﷲ ތަޢާލާ ވަނީ އެފޮތް ޙިމާޔަތްކުރައްވަވައިފައެވެ. އެކަން ނިގުޅައި ގަނެވޭނީ ކާކަށް ހެއްޔެވެ؟ އެމީހަކު ނުވެއެވެ. ނުވެސްވާނެއެވެ!  

ކީރިތި ޤުރްއާނުގެ އާޔަތްތައް ތަރުތީބުކުރެއްވެވީ ޞަޙާބީން ނުވަތަ ޚަލީފާއިން ކަމަށް ބުނެ މުސްލިމުންގެ ޢަދާވާތްތެރި ގެންދަނީ މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފައްދުވަން މަސައްކަތްކުރަމުންނެވެ.  

ޤުރްއާނާއިމެދު ޝައްކު އުފައްދުވަން ފަތުރާ ވާހަކަތަކަށް ނުހެއްލޭށެވެ! މިއަދުވެސް އެއޮތީ ރަސޫލް (ޞޢޥ) ޖިބްރީލްގެފާނާއިއެކު މުރާޖަޢާ ކުރެއްވެވި ގޮތަށެވެ.  

ފަތުރާ މިފަދަ ކަންކަމަކީ މުސްލިމުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭނެ ކަންކަމުގައިވާތީ އެގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް އޮޅުން ފިލުވައި ދެއްވަމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ މިފަދައިންނެވެ.:  

ޤުރްއާން ތަރުތީލް ކުރެއްވީ ރަސޫލުﷲ ﷺގެ އަމުރުފުޅަށް އެކަލޭގެފާނު އަންގަވާގޮތަށެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލު ﷲ ﷺ  އާއި ބައްދަލު ކުރައްވަވާ އިރުގާ ކީރިތި ޤުރްއާން އެއަހަރެއްގެ ތެރޭގައި ބާއްވާލެއްވުނު ބައި މުރާޖަޢާ  ކުރައްވަވައެވެ.  

އަދި ކޮންމެ އާޔަތެއް ބާއްވާލެއްވުމުން ރަސޫލުﷲ ﷺ  ވަޙީ ލިޔުއްވާ އަޞްޙާބު ބޭކަލުންނަށް މިވެނި އާޔަތެއްގެ ކުރިޔަށް ނުވަތަ މިވެނި އާޔަތެއްގެ ފަހަތަށް މިވެނި ސޫރަތެއްގަ މިއާޔަތް ހިމަނަން އަންގަވަތެވެ.  

އެހެންވީމާ އާޔަތްތައް ތަރުތީލު ކުރުން އެއީ އެއްވެސް ޙާލަތެއްގައި އިންސާނެއްގެ އަތްމަތީގާ އޮތް ކަމެއްނޫނެވެ. އެއީ ސީދާ ﷲ ގެ އަމުރުފުޅަށް ރަސޫލު ﷲ ﷺ އެންގެވި ގޮތަށް އެ ވަޙީ ލިޔުއްވުމަށް ޙަވާލުވެފައިވާ އަޞްޙާބު ބޭކަލުން ކަންތައް ކުރައްވާފައިވާ ގޮތެވެ. އޭގެ އެއްވެސް ޞަޙާބީއެއް އަބޫބަކުރެއް، ޢުމަރެއް، ޢުޘްމާނެއް، އެހެން ބޭކަލެއް އެއްވެސް ބޭކަލެއްގެ ދައުރެއް މިކަމަކު ނޯންނާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ޢުޘްމާންގެފާނު ކުރެއްވެވި ކަމަކީ ހަމައެކަނި ޤުރްއާނުގެ މުޞްޙަފް ލިޔުއްވައި ބައެއް ޤައުމުތަކަށް ފޮނުއްވެވުން ކަމަށެވެ. "އެއިރަކު ޗާޕެއް ނުކުރެވޭ. ފޮޓޯކޮޕީއެއްވެސް ނުހެދޭ. އެހެންވީމާ ޖެހެނީ އަތުން ލިޔަން."  

ﷲ ތައާލާ ވަނީ ޤިޔާމަތާއި ހަމައަށް ކީރިތި ޤުރްއާން ރައްކައުތެރިކުރައްވަވައިފައެވެ.

މިއަދު އޮންލައިން