އިސްލާމް ދީން ބަލިކަށިކުރެވޭތޯ ފެށުނީންސުރެ ކެނޑިނޭޅި މަސައްކަތްކުރަމުން އައިނަމަވެސް އެމީހުންގެ މަޤްޞަދު ޙާޞިލްވާތަނެއް އަދި ނުފެނެއެވެ. އެމަސައްކަތް ކުރަނީ ކާފިރުންނެވެ. ކާފިރުންނަކަށް އެކަމެއް ނުކުރެވޭނެއެވެ. މިހާރު އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ.
އެހެންވެ މިހާރު އެމީހުން އަމާޒުހިފާފައިވަނީ މުސްލިމުންގެ ތެރެއިން ބައަކު ލައްވައި އެކަންކުރުވުމަށެވެ. އެހެންވެ އެމެރިކާފަދަ ޤައުމުތަކަށް މުސްލިމް ދަރިވަރުން ކިޔަވަން ދިއުމުން އެދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގައެވެ. އެދަރިވަރުންނަށް ވާނުވާ ނުއަންގައި އެދަރިވަރުންގެ ސިކުނޑިތަކަށް ވަރަށް ގަދަ ޗިޕްތައް ޖަހައެވެ.
އެއީ މިޙަދީޘްފުޅު އެމީހުންނަށް ޤަބޫލުކުރެވޭތީއެވެ. "އިސްލާމް ދީން ފުނޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން" ކަމަށް އޮތް ޙަދީޘްފުޅެވެ.
އިސްލާމް ދީން ނިކަމެތިކޮށް ބަލިކަށިކުރަން އެއްވެސް ކަމެއް ކޮށްފިނަމަ އެމީހެއްގެ ކިބައިގައި އިސްލާމްކަމެއް ނުއޮންނާނެއެވެ. އޭނާ ވާނީ މުސްލިމުންގެ ތެރޭގައިވީ މީހަކަށެވެ. އެއީ ޝައިޠޯނުންގެ ތެރެއިންވާ ބައެކެވެ. އެފަދަ މީހުންގެ ނުބައިކަން ޝައިޠޯނުންނަށްވުރެވެސް މާބޮޑުވާނެއެވެ.
މިއަދު މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތަކުގައި އިސްލާމް ދީން ނިކަމެތިވަމުން އެދަނީ މިކަންކަމަށް ސަމާލުކަން ނުދީ އެމީހުންގެ ދަރިންނަށް މޮޅަށް ކިޔަވައިދޭން އެމެރިކާފަދަ ޤައުމުތަކަށް ފޮނުވާތީއެވެ. އެދަރިން އެނބުރި ޤައުމަށް އަންނަނީ ސިކުނޑި ޚަރާބުކޮށްލައިގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޑރ. އާދަމް ޝަމީމްގެ ގުޅުންހުރި ދަރުސެއް:
އިސްލާމް ދީން ފުނޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު )ﷺ) ދުނިޔެ ދޫކުރެއްވެވިއިރު އިސްލާމް ދީން އޮތީ ހަމައެކަނި އަރަބި ކަރައިގެ ތެރޭގައެވެ. އެހެންނަމަވެސް ޢުމަރުގެފާނުގެ ޚިލާފަތުގައި މިޞުރާއި ފާރިސްކަރަ ފަދަ ޤައުމުތައް މުސްލިމުންގެދަށަށް ދިއައެވެ. އަދި އެކަންކަން އެގޮތަށް ވާނެ ކަމުގެ ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު )ﷺ) ވަނީ ދެއްވަވަވައިފައެވެ.
މިފަދަ އުފާވެރިކަމުގެ ޚަބަރުތައް ދެއްވެވުމަށްފަހުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރުތަކެއްވެސް އިތުރު އެކަލޭގެފާނު ވަނީ ދެއްވަވައިފައެވެ.
ކައު އިތރު ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގައި ވެއެވެ. "އިސްލާމް ދީނުގެ އުޅައްތައް އުޅަކަކުން ބިނދިގެން ދާނެ ދުވަސް އެބަ ކައިރިވެއެވެ. އެއީ އިސްލާމްދީނުގައި އުފަންވެ، ޖާހިލިއްޔަ ޒަމާން ނުދަންނަ، މިދީނުގައި އުޅެ ބޮޑުވާ ބައެއްގެ އަތުންނެވެ!"
އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ އެއްޗަކީ ނުވަތަ ދީންތަކަކީ ޖާހިލިއްޔަތެވެ. "އިސްލާމް ދީނަކީ މާތް ﷲ ގެ ވަހީ. އެހެން ހުރިހާ އެއްޗަކީ ޖާހިލިއްޔަތު! މިދީން ހަލާކުވާނީ ޖާހިލިއްޔަތު ނުދަންނަ ބައެއްގެ ސަބަބުންނެވެ."
އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީނެވެ. އެހެން ނަމަވެސް އެކަން އެނގޭނީ ޖާހިލިއްޔަތު އެނގުމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންކަން ހިނގައިދިއަ ގޮތް ވެސް އެނގުމުންނެވެ.
- ޝައިޚް އާދަމް ޝަމީމް ދައްކަވާފައިވާ ވާހަކަފުޅަކުން