ކިތަންމެ ގިނަބައެއްގެ ތެރޭގަ އުޅެންޖެހުނަސް އެންމެ މުހިންމުކަމަކީ ދީނުގަ ޘާބިތުވުން! މަސައްކަތްކުރަންވީ ތިމާގެ ސަބަބުން އެންމެ މީހަކުނަމަވެސް އިސްލާމްކުރުވޭތޯ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 8ސ
ކިތަންމެ ގިނަބައެއްގެ ތެރޭގަ އުޅެންޖެހުނަސް އެންމެ މުހިންމުކަމަކީ ދީނުގަ ޘާބިތުވުން! މަސައްކަތްކުރަންވީ ތިމާގެ ސަބަބުން އެންމެ މީހަކުނަމަވެސް އިސްލާމްކުރުވޭތޯ!

ފުރަތަމަކަމަކަށްވެސް ވިސްނާލަން އޮތްކަމަކީ ﷲ ތަޢާލާ ފިޔަވައި އެންމެ ބޮޑަށް ކިޔަމަންތެރިވާންޖެހެނީ މައިންބަފައިންނަށާއި އަނބިން ފިރިންނަށް ކަމެވެ. އެކަމެއްގައި ﷲ ތަޢާލާގެ ޙަޟްރަތަށް އުރެދުމެއްވާކަމެއްގައި މެނުވީއެވެ. ވީއިރު ސޮސައިޓީއޭ، ބަވަނަވެފައިވާ ދުނިޔެއޭ ކިޔައިގެން ﷲ ތަޢާލާއަށް އުރެދެން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟  

މުސްލިމުންނަކީ އެކަނި ހުންނައިރުވެސް ، ކިތަންމެ ގިނަ ޢަދަދެއްގެ ޣައިރު މުސްލިމުންގެ ތެރޭގައި ހުންނަން ޖެހުނަސް، ކިތަންމެ "ބޮޑެތި" ބައެއްގެ ތެރޭގައި ހުންނަން ޖެހުނަސް ﷲ ތަޢާލާގެ ދީނުގައި ސާބިތުވެ ދީނުގެ ޙުކުމްތަކުގައި ހިފަހައްޓައިގެން ހުންނަންޖެހޭ މީހެކެވެ. އެންމެ ފަހަރަކަށްވެސް ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވެސް ދީނުން ބޭރުވުމުގެ ހުއްދައެއް ނެތެވެ.  

ވީމާ މުސްލިމުންނަކީ ތަފާތު އެހެން ދީންތަކުގެ މީހުންނާއިއެކު ތިބޭއިރުވެސް އިސްލާމް ދީނުގައި ސާބިތުވެ ތިބެން ޖެހޭނެ ބައެކެވެ. ކިތަންމެ ބޮޑު ހަފްލާއެއްގައި އަދި ރަސްމިއްޔާތެއްގައި ކިތަންމެ ގިނަ ބައެއްގެ މެދުގައި ހުންނަން ޖެހުނު ނަމަވެސް އަދި ހުންނަން ޖެހުނީ އެކަނި ނަމަވެސް އެ ސާބިތުކަން ދައްކަންވާނެއެވެ. އަދި ސަބަބެއް މެދުވެރިވެ ޣައިރު މުސްލިމުންނާއިއެކު ދިރިއުޅެން މެދުވެރިވި ނަމަވެސް ހަމަ އެ ސާބިތުކަން ދައްކައިދޭން ޖެހޭނެއެވެ.  

ފުރަތަމަ ކަމަކީ އެކަމުގެ މަތިވެރިކަމެވެ. ދީނީ ބައެއް ޢިލްމުވެރިން ސިފަކުރައްވާ ގޮތުގައި ޣައިރު މުސްލިމުންގެ ގިނަ ބައެއްގެ މެދުގައި އެމީހުން ކުރާ އިސްލާމް ދީނާއި ޚިލާފް ކަންކަމުގައި ބައިވެރި ނުވެ އިސްލާމް ދީނުގައި ސާބިތުވެ ހުރުމަކީ އިސްލާމް ދީނަށްޓަކައި ކުރެވޭ ވަރަށް މަތިވެރި ޖިހާދެއް ފަދަ ކަމެކެވެ. އަދި އެފަދަ ޖިހާދެއް ކުރުމަކީ ވަރަށް ކެތްތެރި އަދި އިސްލާމް ދީނުގައި ވަރަށް ސާބިތުވެ ހުރި މުސްލިމަކަށް ނޫނީ ކުރެވޭނެ ކަމެއްވެސް ނޫނެވެ.  

މިހާރަކަށް އައިސް ތަފާތު ދީންތަކުގެ މީހުން ބައިވެރިވާ ރަސްމީ ބޮޑެތި ބައެއް ހަރަކާތްތަކުގެ ތެރެއިންވެސް ޕާޓީކުރަން އެބަފަށައެވެ. ބަނގުރާ ބޮއި މަސްތުވުމާއި ދެޖިންސް މަސްހުނިވެގެން ނެށުން ފަދަ އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވާ އެތައް ކަމެއް ކުރަން އެބަ ފަށައެވެ. އެފަދަ އެތައް ހަރަކާތްތަކެއް އެބަ ހިންގައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަދާކުރާ މަޤާމުގެ ގޮތުން އެފަދަ ތަނެއްގައި ހުންނަން ޖެހިދާނެއެވެ. އެފަދަ ހަފްލާއެއްގައި ބައިވެރިވާންވެސް ޖެހިދާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް އިސްލާމް ދީނުގައި ވަރުގަދައަށް ހިފަހައްޓާށެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ އެއްވެސް ކަމަކަށް އަރައިނުގަންނާށެވެ. ޣައިރު މުސްލިމުންނަށް މުސްލިމުންގެ ފުރިހަމަ ޝަޚްޞިއްޔަތު ދައްކައިދޭށެވެ. ﷲ ތަޢާލާ ދެކެ އަހަރެމެން ލޯބިވާ މިންވަރާއި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އަހަރެމެން ކިޔަމަންތެރިކަން އަދާކުރާ މިންވަރު އަމަލުން ދައްކައިދޭށެވެ.

މިފަދައިން ނަމޫނާ ދެއްކުމުން އެފަދަ ހަފްލާތަކުގައި ބައިވެރިވާ ޙަޤީޤަތް ޤަބޫލުކުރާ މީހުން އެކަމަށް ވިސްނައި އިސްލާމް ދީން އިޚްތިޔާރުކޮށްފައި ވެސް އެބަހުއްޓެވެ. ވީމާ މި ދެއްކެނީ ކުޑަ ކަމެއްގެ ވާހަކައެއް ނޫނެވެ. ތިމާއަށް ދެ ދުނިޔޭގައި ވެސް އެކަމަކުން ފައިދާ ކުރާނެ ކަންކަމުގެ ވާހަކައެވެ.  

ހިތާމައަކީ މިފަދަ ކަންކަމަށް ނުވިސްނައި ޣައިރު މުސްލިމުންގެ ތެރޭގައި ހުންނައިރު އެމީހުން ކުރާ ކަންކަން ބައެއް މީހުންނަށް ނަމަވެސް ކުރެވޭ ކަމެވެ. އެމީހުން އުޅޭ ގޮތަށް އުޅެވޭ ކަމެވެ. އެކަމުން އެނގެނީ އެމީހެއްގެ އީމާންކަން ފުރިހަމަނުވާ ކަމެވެ. މުސްލިމުންނަކީ ކޮންމެ ތަނެއްގައި ކޮންމެ ބައަކާއިއެކު އުޅުނު ނަމަވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް ލޯބިކޮށް އަމަލުކުރަން ޖެހޭ ބައެކެވެ.  

ވީމާ އެކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާނުން ފިލުވާލައިގެން ނުވާނެއެވެ! އަހަރެމެން ކޮންމެ މީހަކީވެސް އެނބުރި ﷲ ތަޢަލާގެ ޙަޟްރަތަށް ދާންޖެހޭނެ މީހެއް ކަމާއި ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަން އަބަދުވެސް ހިތުގައި ބާއްވަން ވާނެއެވެ. އީމާންކަން ފުރިހަމަވާނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން