ފުރަތަމަ ފިރިހެނުންނަށް ބަލައިލަމާ ހިނގާށެވެ.
އެމީހުން އެކުވެރިންގެ ގާތުގައި ދައްކާނީ ކުރާ ނޫނީ ކުރަން ހުންނަ ކަންކަމުގެ ވާހަކައެވެ. ގިނަ ފައިސާ ހޯދޭނެ ގޮތުގެ ވާހަކައެވެ. ފިރިހެނުންގެ ތެރޭގައި ތިބޭ ރަނޑު ބައަކު ނޫނީ އަނބިންގެ ވާހަކައެއް ނުދައްކާނެއެވެ. ގޭތެރޭގައި ހިނގާ ކަންކަމުގެ ވާހަކައެއްވެސް ނުދައްކާނެއެވެ.
ދެން އަންހެނުންނަށް ބަލާއިރު އެންމެ ގިނައިން ދައްކާނީ ގޭތެރޭގައާއި ދެމަފިރިންގެ މެދުގައި ހިނގާ ކަންކަމުގެ ވާހަކައެވެ. ދައްކަމުންގޮސް ދައްކަން ދީނުގައި ހުއްދަނޫން ވާހަކަތައްވެސް ދައްކާނެއެވެ. އެއިގެ އިތުރުން ދެން ދައްކާނީ އެވެނި ދެމަފިރިއެއްގެ ވާހަކައެވެ. ނޫނީ މިވެނި މިވެނި މީހުން މިވެނި މިވެނި ބައަކާ ލޯބީގެ ގޮތުން އުޅޭކަމުގެ ވާހަކަތަކެވެ. މިހެންގޮސް 2،3 ގަޑިއިރު ވާހަކަދައްކާއިރުވެސް އެމީހުންގެ ދިރިއުޅުމަށް ފައިދާކުރާނެ އެއްވެސް ވާހަކައެއް އޮންނާނީ ނުދެއްކިފައެވެ. އަދި ދެއްކިފައި ހުންނާނީ އަމިއްލަ ދިރިއުޅުމަށް ގެއްލުން ލިބޭނެ ވާހަކަތަކެވެ.
މިއީ ކަނބަލުން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމެކެވެ. އަނގަތައް ކޮންޓްރޯލްކުރަން އެބަޖެހެއެވެ. ދިރިއުޅުމަށް އެހެން މީހުންގެ އުނދަގޫތައް ފޯރަނީވެސް މިކަމަށް ސަމާލުކަން ނުދޭތީއެވެ. ފިރިމީހާ އާއިބެހޭ ގޮތުން ދައްކައިގެން ނުވާނެ ވާހަކަތައް ކިޔައިދެވޭތީއެވެ.
އެއްދުވަހަކު މަޝްވަރާކޮށްލަން އައި އެކުވެރި ދެއަންހެނެއްގެ މައްސަލައަކަށްވެފައި އޮތީ އެކުވެރިޔާ އޭނާގެ ފިރިމީހާއަށް ޝައުޤުވެރިވެ ގުޅުން ހިންގުމެވެ. އަހުރެންކުރި ސުވާލުތަކަށް ޖަވާބުދީ ނިމުނިއިރު އެކުވެރިޔާ އޭނާގެ ފިރިމީހާއަށް ޝައުޤުވެރިވީ އެކުވެރިޔާ އޭނާގެ ފިރިމީހާއަށް ކިޔައިދޭ ވާހަކަތަކުންނެވެ. އެކަންކަމުހެ ޙަޤީޤަތް އޮޅުންފިލުވަން ތަޖުރިބާކޮށްލީއެވެ.
އޭނާ ކަންތައްކުރި ގޮތުގައި ަމއްސަލައެއް ނެތްކަމަށް ބުނެ ރަނގަޅުކުރަނީއެއް ނޫނެވެ. މިބުނަނީ ނުބައިގެ ފެށުން އެއައީ އެކުވެރިޔާގެ އަނގައިގެ ސަބަބުން ކަމަށެވެ. މީރު ކާއެއްޗެއް އިޝްތިހާރުކުރާނަމަ ރަހަބަލައިލަން ބޭނުންވުމަކީ އެންމެންވެސް ކުރާހިތްވާ ކަމެކެވެ. ފިރިމީހާގެ ހެޔޮކަމާ އެެހން ކަންކަން އިޝްތިހާރުކުރީމާވެސް މިވަނީ ހަމަ އެފަދަ ގޮތެކެވެ.
މިބާވަތުގެ ވާހަކަތައް ވަރަށް ގިނައިން ދައްކަމެވެ. ނަޞީޙަތުގެ ގޮތުން ކިޔައިދެމެވެ. ދެރައީ އަޑުއަހައި ނުވިސްނާތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން