މަރުވެފައިވާ މީހެއްގެ ބޮލެއްގެ ކަށިގަނޑު ފެނުމުން ސަޖިދަކުރި މީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މަރުވެފައިވާ މީހެއްގެ ބޮލެއްގެ ކަށިގަނޑު ފެނުމުން ސަޖިދަކުރި މީހާގެ ވާހަކަ-

ގިނަ މީހުން ﷲ ތަޢާލާއަށް ބިރުވެތިވާކަމަށް ބުނެލަނީ ދުލުކުރިންނެވެ. މިހެން މިބުނަނީ އެއްވެސް ބިރެއްނެތި ފާފަކުރާ މީހުން ގިނަވާތީއެވެ. މިހެން މިބުނަނީ އެއްވެސް ބިރެއް ނެތި ފާފަކުރާތީއެވެ. ފާފަކުރުންމަތީގައި ދެމިތިބޭތީއެވެ. ފާފައެއް ކުރެވުމުން ހިތަށް ބިރުވެރިކަންވަދެ ތައުބާވާ މީހުން މަދުވާތީއެވެ.  

އެމީހުންނަށް އެމީހުންގެ މަރާއިމެދު ވިސްނައެއް ނުލެވެއެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ހިތަކަށް ނުވަދެއެވެ. ޤިޔާމަތް ދުވަހު ހިސާބުބައްލަވާނެކަމާއި ކުރެވުނު ފާފަތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހިދާނެކަން ހަނދާނެއް ނުކުރެއެވެ.  

މިހެންމިވަނީ ފަރުޟްނަމާދުތަކަށް ރައްކައުތެރިނުވެވޭތީއެވެ. ސުންނަތް ނަމާދުތައް ނުކުރެވޭތީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރެވޭތީއެވެ. އެކަންކަން ކުރެވޭނަމަ އެމީހެއްގެ ހިތަށް ބިރުވެތިކަން ވަންނާނެއެވެ. ފާފަކުރަން ބިރުގަންނާނެއެވެ. ސުވަރުގެ ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާނެއެވެ. ގިނަ މީހުންނަށް މަރާއިމެދު ވިސްނައިލެވެނީވެސް ކޮންމެވެސް ބޮޑުކަމެއް ކުރިމަތިވުމުންނެވެ. ލޮލަށް ބިރުވެރިކަންފެނި ހިތަށް އެކަން އިޙްޞާޞްކުރެވުމުންނެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ތިމާ ކޮންމެ ވަޤުތަކު ކުރާ ކޮންމެކަމެއްވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާކަން އިޙްޞާޞްކުރެވޭނެއެވެ. ހިތަށް ބިރުވެރިކަން ވަންނާނެއެވެ. އިން ޝާ ﷲ  

ދެއަތް އުފުލައި ނަމަވެސް ސަޖިދައިގައި އޮވެގެން ނަމަވެސް ދުޢާކުރާ ކޮންމެ މީހަކަށް ނުވަތަ ދުޢާކުރާ ކޮންމެ ފަހަރަކު މިފަދަ އަޑެއް ނުއިވިދާނެއެވެ. ނަމަވެސް އެމީހަކުކުރި ދުޢާގެ އަޑު ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.  

ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. މާކުރީ ޒަމާނުގައި އުޅުނު ބަނީ އިސްރާއީލުންގެ މީހެކެވެ. އޭނާ ޤަބުރުސްތާނަކުން ދަނިކޮށް މާކުރިން މަރުވެފައިވާ މީހެއްގެ ބޮލުގެ ކަށިގަނޑު ފެނުމުން އޭނާ އަށް ކުރެވިފައިވާ ފާފަތައް ހނދާންވުމުން ބުންޏެވެ. 

ޔާ ﷲ! މިއަޅާއަކީ ޖާހިލަކީމެވެ. ކަންކަން ނުއުނގޭ މީހަކީމެވެ. އިނބަ ﷲ އީ ގިނަގިނައިން، އެތައް ފަހަރަކުވިޔަސް ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. (ތަކުރާރުކޮށް ކުރެވޭ ފާފަތައް ފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ.) މިއަޅާއީ ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭ މީހަކީމެވެ.  

އެހެން ބުނެފައި އޭނާ ހުރިތަނަށް ބިންމައްޗަށް ސަޖިދަކުރީއެވެ. 

އެވަގުތު އޭނާއަށް އަޑެއް އިވުނެވެ.  "ބިންމަތިން ބޯ ހިއްލައިލާށެވެ! (ތެދުވާށެވެ!) ތިމަން ﷲ އީ ގިނަގިނައިން ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެއެވެ. ތިބާއީ (މީސްތަކުންނީ) ގިނަގިނައިން ފާފަތަކަށް އަރައިގަނެވޭނެ ބައެކެވެ."

މީސްތަކުންނޭވެ! އަހަރެމެންގެ ޙާލުހުރިގޮތަކީ މިއެވެ. އަބަދު އަބަދު ތަކުރާރުކޮށް ފާފަތައް ކުރެވެނީއެވެ. ވީމާ އޮތީ ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދެންނެވުމެވެ. ގިނަގިނައިން މަރު ހަނދާންކުރުމެވެ. ޖަނާޒާތަކުގައި ގިނަ ގިނައިން ބައިވެރިވެ ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރާށެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން  

ގުޅުންހުރި ވީޑިއޯ:  

 

މިއަދު އޮންލައިން