ބައެއް ޢިލްމުވެރިން ރުޅި ސިފަކުރައްވަނީ އިންސާނާގެ ހަލާކުކަމުގައެވެ. ސަބަބަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ، ރުޅި އިސްކުރެވޭ މީހަކަށް ދުނިޔޭގައި ހުރިހާ ކަމަކުންވެސް ނާކާމިޔާބީތަކާ ކުރިމަތިލާންޖެހޭނެތީއެވެ.
ރުޅި ކޮންޓްރޯލް ނުކުރެވޭ މީހާއަށް ޢާއިލީ ލޯތްބެއްވެސް ޒަވާޖީ ޙަޔާތުގެ ލޯތްބެއްވެސް އަދި ވަޒީފާގެ މާޙައުލުން ރުހުމެއްވެސް އަދި އެކުވެރިންގެ ރުހުމެއްވެސް ނުލިބޭނެތީއެވެ. އަދި ކީއްހެއްޔެވެ؟ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހަކަށް ދަރިންގެ ލޯތްބެއްވެސް ނުލިބޭނެއެވެ. ރުޅި ކޮންޓްރޯލް ނުކުރެވޭ ދަރިއަކަށް މައިންބަފައިންގެ ލޯތްބެއްވެސް ނުލިބޭނެއެވެ.
ޖުމުލަ ގޮތަކަށް ބުނާނަމަ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހަކަށް އެއްވެސް މީހެއްގެ ލޯތްބެއް ނުލިބޭނެއެވެ. އެމީހާއަށް އެންމެންވެސް ކުރާނީ ނަފްރަތެވެ.
عَنْ أَبِي هُرَيْرَةَ رضي الله عنه : «أَنَّ رَجُلًا قَالَ لِلنَّبِيِّ صلى الله عليه وسلم: أَوْصِنِي. قَالَ: لَا تَغْضَبْ. فَرَدَّدَ مِرَارًا. قَالَ: لَا تَغْضَبْ».
"رَوَاهُ البُخَارِيُّ"
ޙަދީޘްފުޅުގެ މާނައިގައި ވަނީ މިފަދައިންނެވެ. އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުގައި މީހަކު ދެންނެވިއެވެ. "ތިމަންނާއަށް ވަޞިއްޔަތެއް ކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ރުޅި އިސްނުކުރާށެވެ." ދެން އެތައް ފަހަރަކު އެފަދައިން ތަކުރާރުކުރެއްވިއެވެ. (ކޮންމެ ފަހަރަކުވެސް) ޙަދީޘްކުރެއްވިއެވެ. "ރުޅި އިސްނުކުރާށެވެ."
ދެން ވިސްނާލަންވީ ރުޅި އިސްނުކުރަން މިހާބޮޑަށް ވަޞިއްޔަތް ކުރެއްވެވި ސަބަބުތަކަށެވެ. ކުރިން މިބަޔާންކުރި ފަދައިން އެމީކަށް އެހެން މީހުންގެ ލޯބި ނުލިބުމާއި ނަފްރަތުކުރުމުގެ އިތުރުން އެމީހާއަށް ގެއްލުން ލިބޭނެ އެތައް ކަމެއް އެމީހާއަށް ކުރެވުންވެސް އެއީ ސަބަބެކެވެ. ދުލުން ނުބައިބަސްތައް ބުނެވުމުގެ އިތުރުން އަތުންފައިން ނުބައި ޢަމަލުތައްވެސް ކުރެވޭނެއެވެ. ތިމާ އެންމެ ބޮޑަށް އެބައަކުދެކެ ލޯބިވާންޖެހޭ އަނބިދަރިންނަށް އަނިޔާކުރެވޭތަންވެސް އައުދެއެވެ. އެކަންކަން ކުރެވުނީތީ ހިތާމަކުރަންޖެހޭ އެތައް ކަމެއް ކުރިމަތިވެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ހުރިހާ ސަބަބުތަކަށްޓަކައިވެސް އިސްނުކުރަން މަސައްކަތްކުރާށެވެ! ރުޅިއަކީ އިންސާނޫންގެ ކިބައިގައި ހުންނަ ސިފައެކެވެ. އެކި މީހުންގެ ގައިގައި އެކިވަރަށެވެ. ޠަބީޢީ ގޮތުން ރުޅިގަދަބައަކުވެސް އުޅޭނެއެވެ. އެމީހުންނަށް އޮތީ އެކަމަށް ވިސްނައި ރުޅި އިސްނުކޮށް އަމިއްލަ ނަފްސުގެ މައްޗަށް ބާރުހިންގަން ގަދައަޅައި މަސައްކަތްކުރުމެވެ.
މީހަކު 10 އިންސައްތައަށް ރުޅި އަތުވެއްޖެނަމަ 50 އިންސައްތައަށް އުފުލުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. 50 އިންސައްތައަށް އުފުލުމުން 100 އިންސައްތައަށް އުފުލުވަން ޝައިޠޯނާ މަސައްކަތްކުރާނެއެވެ. އެހިސާބުން އެމީހާގެ އަމިއްލަ ނަފްސްގެ ކޮންޓްރޯލް އޮންނާނީ އެމީހެއްގެ އަތުން ބީވެފައެވެ. އެމީހާގެ ކޮންޓްރޯލް އެއިރު އޮންނާނީ ޝައިޠޯނާގެ އަތުގައެވެ. ދުލުން ނުބައި ބަސްތައް ބުނެވި އަތްފައިން ނުބައި ޢަމަލުތައް ކުރެވެނީ އެހެންވެގެންނެވެ.
ވީމާ ކޮންމެ މީހަކުވެސް ރުޅި އިސްނުކުރަން ގަދައަލައި މަސައްކަތްކުރަންވާނެއެވެ. ސުންނަތުގައި އޮތްގޮތަށް ޢަމަލުކުރަންވާނެއެވެ. ދުލުން ހެޔޮ އެއްޗެއް ކިޔަން މަސައްކަތްކުރަންވާނެއެވެ. އެންމެ ކާމިޔާބު އެއްގޮތަކީ ރުޅި މައިތިރިކުރެވެންދެން ހަނުހުރުމެވެ. ރުޅި އައުމުން ހަނުހުރެއްޖެނަމަ ޝައިޠޯނާ މާޔޫސްވެ ދުރަށްދާނެއެވެ. އިން ޝާ ﷲ
އެންމެ ބާރުގަދަ މީހަކީ އަތުގެ ބާރުގަދަ މީހާ ނޫންކަމަށާއި ރުޅި އައުމުން ރުޅި ކޮންޓްރޯލްކުރެވޭ މީހާކަމަށް އޮތް ޙަދީޘްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. އެއިރުން އެމީހަކަށް އަބަދުވެސް ދާނީ ކާމިޔާބު ލިބެމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން