ޢިބްރަތްތެރި ވާހަކަ: ލޯބިން ދެމަފިރިން އެކުގަ އުޅެނިކޮށް މަންމަ މަރުވުމާއިއެކު މަގުންކައްސައިލި ބައްޕައަށް ވިސްނައިދޭން ދަރިފުޅު ލިޔުނު އަސަރުގަދަ ސިޓީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢިބްރަތްތެރި ވާހަކަ: ލޯބިން ދެމަފިރިން އެކުގަ އުޅެނިކޮށް މަންމަ މަރުވުމާއިއެކު މަގުންކައްސައިލި ބައްޕައަށް ވިސްނައިދޭން ދަރިފުޅު ލިޔުނު އަސަރުގަދަ ސިޓީ-

ލޯބިވާ ބައްޕާއެވެ! ރަނގަޅަށް ވިސްނަވައިގެން މިސިޓީ ކިޔައިލަދެއްވާށެވެ!    

އަޅުގަނޑުގެ ކުރިމަތީގައި މަންމައާއި ބައްޕަ އުޅުނީ ވަރަށް ލޯބިންނެވެ. ދެމީހުންވެސް އަބަދުވެސް އަޅުގަނޑަށް ބުނެދިނީ ކައިވެންޏަށްފަހު ދެމީހުންވެސް އަނެކާގެ ހިތާމަތަކުގައި ބައިވެރިވާންޖެހޭނެ ކަމަށއެވެ. އުފާވެރިކަން ލިބޭނީ އެއިރުން ކަމަށެވެ.  

މަންމަ ނިޔާވެ އަދި މިއުޅެނީ 2 ހަފްތާ ނުވެގެންނެވެ. މަންމަގެ ގޭގައި ބައްޕަ ތިއަކުރަނީ ކޮންކަމެއް ހެއްޔެވެ؟ މިހާރުވެސް މިގެއަށް ތަފާތު 3 އަންހެނުން ވައްދައިފީމުއެވެ. ހަމައެކަނި ގެއަށް ވެއްދީއެއް ނޫނެވެ. ކޮޓަރިއަށްވެސް ވެއްދީއެވެ.  

މަންމަ ގޭގައި ނެތުމަކީ ގޭޜގައިކުރާ ކަންކަން މަންމައަށް ނުއެނގޭނެ ސަބަބަކަށްނުވެދާނެއެވެ. މަންމައަކީ ވަރަށް ކެތްތެރި ތަޤްވާވެރި އަންހެނެކެވެ. ރޭގަނޑުގެ ބޮޑުބައެއްގައި ހޭލައި އިނދެގެން ރޭއަޅުކަންކުރިއެވެ. ވީއިރު ކައްވަޅުގައި ލިބެމުންދާ ނިޢުމަތްތައް އެނެގެނީ ކާކަށްހެއްޔެވެ؟  

ލޯބިވާ ބައްޕާއެވެ! ބައްޕަ ދެވަނަ ކައިވެންޏެއް ކުރަން ދެކޮޅުހަދަނީއެއް ނޫނެވެ. އުފަލުގައި ދިރިއުޅެން ހުރަސްއަޅަނީއެއްވެސް ނޫނެވެ. ނިކަން ބުނެބަލާށެވެ! ބައްޕަ މަންމަދެކެ ލޯބިވިން ހެއްޔެވެ؟ މަރުވިދުވަހު ރުއީ ހަމަ ޙަޤީޤަތުގައިވެސް ދެރަވެގެން ހެއްޔެވެ؟ އަޅުގަނޑަށް ހަމަ ޝައްކެވެ. އެއީ މިހާއަވަހަށް ބައްޕަ ތިއަގޮތަށް އުޅެން ފެށީމައެވެ.  

ލޯބިވާ ބައްޕާއެވެ! ބައްޕައަށް އަމުރުނުކުރެވޭނެކަންވެސް އެނގެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިއަވިޔާނުދާ އުޅުން ހުއްޓައިލާށެވެ. މަންމަ ވަކިވެދިއަކަމުގެ ހިތާމަ އަޅުގަނޑުގެ ހިތުން ކުޑަވެލަންދެން މުއްދަތެއް ދެއްވާށެވެ! އެއަށްފަހު ހެޔޮލަފާ އަންހެނަކާ ކައިވެނިކުރައްވާށެވެ! އެކަމަށް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތެވެ.  

މިވާހަކަތައް ބައްޕަގެ ގާތުގައި ބުންނަޖެހުނު އެންމެ ބޮޑު ސަބަބާއިމެދު ވިސްނާލަން މިކުރަނީ ސުވާލެކެވެ. މަންމަ ނެތުމުން މިނިވަންކަން ލިބުނީ ކަމަށް ބަލައި އަޅުގަނޑު ރެއަކު ފިރިހެނަކު ގެއަށް ވައްދައި ކޮޓަރިއަށް ގެންދަން ފަށައިފިނަމަ ބައްޕަ އަނގައިވެސް ނުބުނާނަން ހެއްޔެވެ؟  

ލޯބިވާ ބައްޕާއެވެ! އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. އެކަމަކު އެއްވާހަކަ ބުނާނަމެވެ. މިއީ ބައްޕަގެ ގެއެއްވެސް ނޫނެވެ. މިއީ މަންމަގެ ގެއެވެ. މަންމަ މިގެ ވަނީ އަޅުގަނޑަށް ދީފައިކަން ބައްޕައަށްވެސް އެނގޭނެއެވެ. ވީމާ މަންމައަށް އިޙްތިރާމް ކުރުން އެދެމެވެ. ބައޕަ ދެވަނަ ކައިވެންޏެއް ކުރުމަކީ އިޙްތިރާމް ނުކުރުމެއް ނޫނެވެ. ނަމަވެސް ތިއަގޮތަށް ކަންކަން ކުރުމަކީ އިޙްތިރާމް ނުކުރުމެވެ.  

ބައްޕައާ މަންމަދެކެ ލޯބިވާ ދަރިފުޅު-" 

ސިޓީކިޔާފައި ބައްޕައަށް ރޮވުނެވެ. ދަރިފުޅު ތަރުބިއްޔަތުކުރަން މަންމަ ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކުރެވުނެވެ. ޖަވާބު ހަމަ އެސިޓީގެ ތިރީގައި ލިޔެލާފައި ދަރިފުޅަށް ދިނެވެ.  

"ލޯބިވާ ދަރިފުޅާއެވެ! ބައްޕައަށް ވިސްނިއްޖެއެވެ. ބައްޕައަށް ލިބުނު ހިތްދަތިކަމުން ސަލާމަތްކުރުމުގެ ނަމުގައި އެންމެ ގާތް މީހަކު ޖެހި މަޅީގައި ޖެހެވުނީއެވެ. ބައްޕަގެ ކިބައިން އެފަދަ ކަމެއް ދެން ދުވަހަކުވެސް ނުފެންނާނެއެވެ. ބައްޕަ ކަންކަން ކުރާނީ ދަރިފުޅު ތިއަ އެދުނު ގޮތަށެވެ."  

އެހިސާބުން ދެބަފައިންވެސް އެކަން ނިންމައިލިއެވެ. އެއްވެސް ކަމެއް ނުވެސްހިނގާފަދައެވެ. މިއީ އަޅުގަނޑުގެ ބޮޑުބޭބެއަށް ކަންކަން މެދުވެރިވި ގޮތެވެ. އަހަރުވީފަހުން ބޮޑުބޭބެ ދެވަނަ ކައިވެނިކުރީ ދަރިފުޅުގެ އެދުމަށެވެ. ދަރިފުޅު ދެއްކި އަންހެނަކާއިއެވެ. ބައްޕަގެ ކައިވެންޏަށްފަހު ދަރިފުޅުވެސް ކައިވެނިކޮށް އެންމެ އެކުގައި އުފަލުގައި އަންނަނީ ދިރިއުޅެމުންނެވެ.

މިޙާދިސާއިން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ފައިދާއެވެ. އަދި ހަމައެހެންމެ އެކުވެރިންގެ ގޮތުގައި ނުބައިމީހުން ގެންގުޅެވޭނަމަ ކިތަންމެ ބޮޑު ގޯހެއްވެސް ހައްދުވައިފާނެ ކަމެވެ. ބޮޑުބޭބެއަށް އެދެރަދިނީ ހެޔޮއެދޭކަމަށް ހެދިގެން އެންމެ ގާތްކޮށް އުޅުނު އެކުވެރިއެކެވެ. ނަފްސާނީ ބަލިކަށިކަމެއްގައި ހުންނަންޖެހުނު ވަޤުތު އެކަމުގެ ނާޖާއިޒު ފައިދާ ނެގީއެވެ. އޭނާ އުޅޭގޮތަށް ބޮޑުބޭބެވެސް ބަދަލުކޮށްލުވަން މަސައްކަތްފެށީއެވެ.

 

- ޒާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން