ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކުއުކަނބަލުންގެ ތެރެއިން ދެ ހިޖުރައިގެ ލަޤަބުލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ رُقيّة رضى اللّـه عنها އެވެ. އެކަމަނާ ރައްކައުވީ ޒައިނަބު ބިންތި ރަސޫލުﷲ صلّى اللّـه عليه وسلّم އުފަންވެވަޑައިގެންނެވުމުގެ ތިން އަހަރުފަހުން މާތްވެގެންވާ މައްކާގައެވެ.
رُقيّة رضى اللّـه عنها އާ އެންމެ ފުރަތަމަ ކާވެނިކުރީ އަބޫލަހަބުގެ ދަރިއެއްކަމުގައިވާ عتبة بن أبي لهب އެވެ. އެކަމަނާގެ ކާވެނިފުޅާއެކު އެކަމަނާގެ އުޚުތު أمّ كُلثُوم رضى اللّـه عنها ގެ ކާވެނިފުޅު އަބޫލަހަބުގެ އަނެއް ދަރި عُتيبة بن أبي لهـب އާ ކުރެވުނެވެ. ނަމަވެސް އެދެބޭކަނބަލުން ތުއްޕުޅުކަމުން ތިއްބެވީ މައިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައެވެ.
އޭގެ ދުވަސްކޮޅެއްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމާގެން ފޮނުއްވައިފިއެވެ. މާތް ރަސޫލާއާ އެންމެ ބޮޑަށް އަދާވާތްތެރިވެގެން އުޅުނު އެކަކީ އަބޫލަހަބެވެ. އޭނާއަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަފައިފުށުގެ ބޮޑުބޭބޭފުޅެކެވެ. އޭނާ ގަދަބާރު އަޅައިގެން އޭނާގެ ދެދަރިން ލައްވައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދެދަރިކަނބަލުން ވަރިކުރުވިއެވެ.
އަބޫލަހަބުގެ ބަދުނަސީބު ދެދެރިން رُقيّة رضى اللّـه عنها އާއި أمّ كُلثُوم رضى اللّـه عنها ވަރިކުރެވުންވީ އެދެބޭކަނބަލުންގެ ނަސީބުފުޅަށެވެ. އޭގެ ދެމީހުންނަށްވުރެ ރަނގަޅު ފިރިކަލެއް އެދެބޭކަނބަލުންނަށް ލިބިވަޑައިގެންނެވިއެވެ. އެއީ عثمان بن عفّان رضى اللّـه عنه އެވެ. عثمان بن عفّان رضى اللّـه عنه އެންމެ ފުރަތަމަ ކާވެނިފުޅު ބައްލަވައިގެންނެވީ رُقيّة رضى اللّـه عنها އާއެވެ. އެކަމަނާ އަވަހާރަވުމުން أمّ كُلثُوم رضى اللّـه عنها އާއެވެ.
عثمان بن عفّان رضى اللّـه عنه އާއި رُقيّة رضى اللّـه عنها އަކީ ވަރަށް ރީތި ދެމަފިރިކަނބަލުންނެވެ. ބޭރުފުށުގެ ރީތިކަމަށް ބެލިކަމުގައި ވިޔަސް ނުވަތަ އަޚްލާޤުގެ ފުރިހަމަ ކަމަށް ބެލިކަމުގައި ވިޔަސް އޭގެ ދެބޭކަނބަލުންނަކީ އެޒަމާނުގައި އެންމެ ފުރިހަމަ ދެމަފިރިކަނބަލުންނެވެ. އެހެންވެ އެޒަމާނުގެ މައްކާގެ މީސްތަކުން ކިޔައުޅެއެވެ. މީސްތަކުންނަށް ފެންނާނެ އެންމެ ރީތި ދެމަފިރިކަނބަލުންނަކީ عثمان بن عفّان رضى اللّـه عنه އާއި رُقيّة رضى اللّـه عنها އެވެ.
މައްކާގެވެށި އިސްލާމުންނަށް ދުވަހެއް ދުވަހަކަށް ދިޔައީ ދަތިވަމުންނެވެ. މުޝްރިކުން މުސްލިމުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުންނެވެ. އެހެންކަމުން މުސްލިމުން ޙަބަޝާއަށް ހިޖްރަކުރެއްވުމުގެ ހުއްދަ މާތް ރަސޫލާ صلّى اللّـه عليه وسلّم ދެއްވިއެވެ. عثمان بن عفّان رضى اللّـه عنه އާއި رُقيّة رضى اللّـه عنها މުސްލިމުން ޙަބަޝާއަށް ކުރެއްވި އެންމެ ފުރަތަމަ ހިޖްރައިގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މުސްލިމުން ޙަބަޝާގައި ހަމަޖެހިގެން ދިރިއުޅެމުން ގެންދަނިކޮށް މައްކާގެ މުޝްރިކުން އިސްލާމްވިކަމުގެ ދޮގު ޚަބަރު ފެތުރިގެން ދިޔައެވެ. އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެހެން ބައެއް މުސްލުމުންނާއެކު عثمان بن عفّان رضى اللّـه عنه އާއި رُقيّة رضى اللّـه عنها މައްކާއަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެއީ ދޮގު ޚަބަރެއްކަން އެނގިވަޑައިގެން އަލުން އެދެކަނބަލުން ޙަބަޝާއަށް ދެވަނަ ފަހަރަށް ވަޑައިގެންފިއެވެ.
ޙަބަޝާއަށް ދެވަނަ ފަހަރަށް ހިޖްރަކުރެއްވުމަށްފަހު ދުވަސްކޮޅަކު އެތަނުގައި ތިއްބެވުމަށްފަހު ޢުޘްމާނުގެފާނުގެ ދެކަނބަލުން މައްކާއަށް ވަޑައިގެންފިއެވެ. އެއަށްފަހު މުސްލިމުން މަދީނާއަށް ހިޖްރަކުރެއްވުމުގެ އިޒްނަ ލިބިވަޑައިގެންނެވުމުން މައްކާ ދޫކުރައްވާ މަދީނަތުލް މުނައްވަރާއަށް ހިޖްރަކުރައްވައިފިއެވެ.
ބަދުރު ހަނގުރާމައިގެ ކުޑަ ދުވަސްކޮޅެއްގެ ކުރީން رُقيّة رضى اللّـه عنها އަށް ކަށިވިދުރީގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެދުވަސްވަރު ލިބެން ހުރި ހުރިހާ ފަރުވާއެއް އެކަމަނާއަށް ދެމުން ގެންދިޔައެވެ. ނަމަވެސް ޙާލުކޮޅު ރަނގަޅުވާ ގޮތެއް ނުވިއެވެ. މާތް ރަސޫލާ ބަދުރު ހަނގުރާމައަށް ވަޑައިގަންނަވަމުން ރުޤައްޔާގެފާނުގެ ޙާލުކޮޅު ބެއްލެވުމަށްޓަކައި عثمان بن عفّان رضى اللّـه عنه މަދީނާގައި ބެހެއްޓެވިއެވެ.
ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ކާމިޔާބީގެ ޚަބަރު މަދީނާގެ މީސްތަކުންނަށް ދެއްވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ޒައިދު ބިން ޙާރިޘް ރަޟިޔަﷲ ޢަންހު ފޮނުއްވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެންނެވި އިރު ރުޤައްޔާގެފާނުގެ މަހާނަފުޅަށް ފަސްލެވެމުން ދަނީއެވެ. ރުޤައްޔާގެފާނު އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ 21 އަހަރުފުޅެވެ.
ރުޤައްޔާގެފާނު އަވަހާރަވީ ޚަބަރު ލިބިވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަރަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ލޯފުޅުން ކަރުނަފޮދު އޮހޮރުނު މަންޒަރު މީސްތަކުންނަށް ފެނުނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވުމަށްފަހު އެކަމަނާގެ މަހާނަފުޅަށް ޒިޔާރަތްކުރެއްވިއެވެ. އެކަމަނާއަށް ރަޙްމަތާއީ މަޣުފިރަތު ދެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ.
[ޢުޘްމާން ބިން މަޡްޢޫންވަނީ މާތްﷲ ގެ ޙަޟްރަތަށް ދަތުރުފުޅު ކުރައްވައިފައެވެ. ދަރިފުޅުވެސް އެކަލާނގެ ޙަޟްރަތަށް ދަތުރުކުރެއްވީއެވެ.]
ރުޤައްޔާގެފާނުގެ އަވަހާރަވީ އެކަމަނާގެ ފަހަށް ޢަބްދުﷲ އޭ ކިޔުނު ދަރިކަލަކު ދޫކުރައްވައިފައެވެ. އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ ހަ އަހަރުފުޅުގައި ލޯފުޅުގައި ކުކުޅެއް ކޮށައިގަތުމުގެ ސަބަބުން ވަރަށް ބޮޑަށް މޫނުފުޅު ދުޅަވިއެވެ. އޭގެ ސަބަބުން ދުވަހެއް ދުވަހަކަށް ޙާލުކޮޅު ގޯސްވެ ހިޖްރައިން ހަތަރުވަނަ އަހަރުގެ ޖުމާދަލްޢޫލާމަހުގެ ތެރޭގައި އަވަހާރަވެއްޖެއެވެ.