ގިނައިން ރޯދަހިފިއްޖެނަމަ ސުވަރުގެ ވަނުމުގަ ޝަހީދަކަށްވުރެ އިސްކަން ލިބިގެންދާކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ގިނައިން ރޯދަހިފިއްޖެނަމަ ސުވަރުގެ ވަނުމުގަ
ޝަހީދަކަށްވުރެ އިސްކަން ލިބިގެންދާކަން އެނގޭތަ؟

ރޯދަހިފުމަކީ ކުޑަކަމެއްކަމަށް ދެކެ ފަރުވާކުޑަކުރާ

ބައަކު އުޅެއެވެ. ފަރުވާކުޑަކޮށް ރޯދަހިފަމުންގޮސް ރޯދަމަސް ނިމުމުން ދެން ބުނާނީ އަންއަހަރު އިތުރަށް މަސައްކަތްކުރާނެ ކަމަށެވެ. ހިތާމައަކީ އެބުނާ އަންނައަހަރުގެ ރޯދަމަސް ނުގެނެވިހުރެ މުސްކުޅިވެ ޢުމުރުހުސްވެގެންދާކަމެވެ. މުސްކުޅިނުވެސް މަރުވާންޖެހޭ ކަމެވެ.

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ސުވަރުގެ ލިބުމެވެ. ސުވަރުގެ ލިބުމާއިއެކު ދެން ބޭނުންވާނީ ވީހައި އަވަހަކަށް ސުވަރުގެ ވަދެވުމެވެ. ވީހައި އަވަހަކަށް ރަސޫލް (ﷺ) އާއި ސުވަރުގެއިން ބައްދަލުވުމެވެ. ރަސޫލް ((ﷺ) އާއި ސަލާމް ކުރުމެވެ.

އެހެންކަމުން ތަލްހަތުގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާއި ރަސޫލް ((ﷺ) ހުވަފެންފުޅު މާނަކޮށް ދެއްވެވި ގޮތް އެއީ ކޮންމެ ރޯދަ ވެރިއަކު ވެސް ވިސްނައި ސަމާލުކަންދީ އުފާކުރަން ޖެހޭނެ ކަމެކެވެ.

ދެމީހަކު އެކުގައި ގޮސް އެއް ދުވަހު ރަސޫލް ((ﷺ) ފައިންޕުޅު ދެކެ އިސްލާމްވިއެވެ. އެކަކު ވީ ﷲ ތަޢާލާގެ މަގުގައި އަމަލުކުރުން ގިނަ މީހަކަށެވެ. ޖިހާދުކުރުން ފަދަ ކަންކަމުގައި ބައިވެރިވި މީހަކަށެވެ. އޭނާ ވަނީ ދެވަނަ މީހާއަށްވުރެ ކުރިން ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވެފައެވެ. ދެވަނަ މީހާ އާދައިގެ މަރަކުން މަރުވީ އެއިގެ 1 އަހަރު ފަހުންނެވެ.  

ޠޮލްޙަތުގެފާނަށް ހުވަފެންފުޅުގައި ފެނިވަޑައިގަތީ އެ ދެ މީހުން ސުވަރުގޭގެ ދޮރުކޮޅު މަތީގައި ތިބި ތަނެވެ. އަދި އެތެރެއިން ނުކުންނެވި މަލާއިކަތަކު ފުރަތަމަ ސުވަރުގެ ވެއްދެވީ ފަހުން މަރުވި މީހާއެވެ. ޝަހީދުވި މީހާ ސުވަރުގެ ވެއްދެވީ އެއަށްފަހު ނުކުންނެވި މަލާއިކަތެކެވެ. އެއަށްފަހު ނުކުންނެވި މަލާއިކަކަތަކު ތޮލްޙަތުގެފާނަށް ވިދާޅުވީ އަދި ވަގުތު ނުޖެހޭ ކަމަށާއި އެނބުރި ވަޑައިގަތުމަށެވެ. 

ހުވަފެންފުޅުން ހޭފުޅު ލެއްވެވުމާއިއެކު ޠޮލްޙަތުގެފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަތެވެ. އެއީ ޝަހީދުވި މީހާއަށްވުރެ ކުރިން ފަހުން މަރުވި މީހާ ސުވަރުގެ ވެއްދެވުމުންނެވެ. އެހެންކަމުން މި ހުވަފެންފުޅުގެ ވާހަކަ ރަސޫލް ﷺ އަށް ބަޔާންކޮށް ދެއްވެވިއެވެ.  

ރަސޫލް (ﷺ) ދެއްވެވި ޖަވާބުން އެނގިގެން ދިއައީ ފަހުން މަރުވި މީހާ ފުރަތަމަ ސުވަރުގެ ވެއްދެވީ އޭނާއަށް 1 އަހަރު އިތުރަށް ދުނިޔޭގައި ހުރެވުމުން އޭނާ ހިފި ރޯދަ އިތުރުވެފައިވާތީ ކަމެވެ. ޝަހީދުންނަށްޓަކައި ﷲ ތަޢާލާ ވަނީ ވަރަށް ޚާއްޞަ ނިޢްމަތްތަކެއް މިންވަރުފުޅު ކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް ސުވަރުގެ ވެއްދެވުމުގައި އިސްކަން މިލިބުނީ ގިނައިން ރޯދަ ހިފި މީހާއަށެވެ.  

ޝަހީދުންނާއި ރޯދަވެރިންގެ ދަރަޖަ އަޅުވައި ކިޔާކަށް ނެތީމެވެ. ޝަހީދުންނަކީވެސް ވަރަށް ބޮޑު މަތިވެރިކަމެއް ދެއްވަވާފައިވާ ބައެކެވެ. އެހެންކަމާއިއެކުވެސް ރޯދަވެރިޔާ ފުރަތަމަ ސުވަރުގެ ވެއްދެވުމުން ރޯދަވެރިންނަށް ހުރި މަތިވެރިކަން އެނގިގެން އެބަދެއެވެ. އިތުރަށް އެކަމުގެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް ނެތެވެ.   

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިއަހަރުގެ ރޯދަމަސް ނިމިގެންދިއައީއެވެ. ރޯދަހިފުމަށް ސަމާލުކަން ނުދެވުނު ބައަކު އުޅޭނެއެވެ. މިބުނަނީ ދުވާލު ނުކައި ތިބިނަމަވެސް ރޯދަފުރިހަމަކުރަން ކުރަންޖެހޭ މަސައްކަތް ނުކުރެވުނު މީހުންގެ ވާހަކައެވެ.  

މާތް ﷲ ގެ ވާގިފުޅުން ދުނިޔޭގައި ތިބިނަމަ އަންނަ އަހަރުގެ ރޯދަމަހާއި ބައްދަލުކުރެވޭނެއެވެ.  ރޯދަ ރޯދައަކަށްވާނެ ގޮތަށް، ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ރޯދަހިފަން މިހާރުންސުރެ  ނިޔަތްގަނެގެން ގަދައަޅައި މަސައްކަތްކުރާށެވެ!   

ރޯދަ ހިފަމޭ ބުނެ ނުކައި ނުބޮއި ހުރުމަކުން އެއީ އަދި ރޯދަ ހިފުނީއެއް ނޫނެވެ. ރޯދަ ރޯދައަކަށްވެ މަތިވެރި ދަރަޖަ ލިބިގެންދާނީ ރޯދަ ހިފަން އޮތް ގޮތުގައި ރޯދަ ހިފުމުންނެވެ. ކުރަން ޖެހޭ އަޅުކަންތައްތައް ކުރަމުން ރޯދަ ހިފުމުންނެވެ! އެހެން ޢިބާރާތަކުން ބުނާނަމަ ރޯދަ ރޯދައަކަށްވާނީ ނުކައި ހުރުމުގެ އިތުރުން ދެން ކުރަންޖެހޭ ކަންކަންވެސް ކުރުމުންނެވެ.

މި ނަޞޭހަތްކޮޅުގެ ބޭނުމަކީ ރޯދަ ހިފަން ފަށާއިރު އެންމެ ފުރިހަމަ ގޮތުގައި އެކަމަށް ކުރިމަތިލައި ރޯދަ ކާމިޔާބުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން