ފަރިތަކޮށް ޤުރްއާން ނުކިޔެވޭތީ ކިޔަވަން ފަސްޖެހި
އެކަމުން ލިބެން އޮތް މަތިވެރި ޘަވާބު ދޫކޮށްލާ މީހުންނަށް އެލިބިގަނެވެނީ އެންމެ ބޮޑު ދެރައެވެ. އެހެންވެ އެއީ ހޭލުންތެރިވާން ޖެހިފައި އޮތް ކަމަކަށްވާތީ މިގެނެސްދެނީ ހިތްވަރު ލިބިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ
ކީރިތި ޤްރްއާން ފަސޭހަކަމާއެކު ނުކިޔެވޭ މީހުން ބައެއް ފަހަރު ކީރިތި ޤްރްއާން ކިޔަވަން ފަސްޖެހެއެވެ. ޚާއްޞަކޮށް މިސްކިތް ފަދަ ގިނަ ބައަކު ޖަމާވެ ތިބޭ ތަންތަނުގައި ކިޔަވަން ފަސްޖެހެއެވެ. ކޮށަކޮށައިގެން ކިޔަވާއަޑު އެހެން މީހަކަށް އެހެން މީހަކަށް އިވިދާނެތީ ލަދުގަނެއެވެ.
ބުނަންހެއްޔެވެ؟ އެފަދަ ޙާލަތެއްގައި ހުރި މީހަކުނަމަ އެހެން މީހުންނާއި ދުރުގައި އިނދެގެން މަޑުން ކިޔަވާށެވެ! ހަމައެކަނި ތިމާއަށް އަޑުއިވޭވަރަށް ކިޔަވާށެވެ! ކިތަންމެ މަޑުން ކިޔެވިނަމަވެސް ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.
ކަމުގެ ހަޤީޤަތަށް ބަލައިފިނަމަ ލަދުގަންނާކަށް ނުޖެހޭނެއެވެ. އެހެނީ އުނދަގުލުން ކީރިތި ޤްރްއާން ކިޔަވަން މަސައްކަތްކުރާ މީހުންނަށް މާތްﷲ ސަވާބު ދެގުނައަށް އިތުރުކުރައްވަވައެވެ.
މީގެމާނައަކީ ސަވާބު އިތުރުކުރަންވެގެން ކީރިތި ޤްރްއާން ފަރިތަކޮށް ކިޔަވަން ދަސްނުކޮށް ހުރުމެއް ނޫނެވެ. ކީރިތި ޤްރްއާން ފަރިތަކޮށް ކިޔޭނީ ކީރިތި ޤްރްއާނުގެ އަހުލުވެރިންނަށެވެ. ކީރިތި ޤްރްއާނުގެ އަހުލުވެރިންނަކީ ހާދަހައި މަތިވެރި ޤަދަރެއް މާތްﷲގެ ޙަޟްރަތުން ލިބިގެންވާ ބައެކެވެ.
ކީރިތި ޤްރްއާން ފަސޭހަކަމާއިއެކު ކިޔަވަން ނުއެނގޭތީ ލަދުން ނުކިޔަވައި ހުއްޓައި މަރު އައިސް ޖެހިއްޖެނަމަ ކުރިމަތިވާނެ ހިތާމަ މާބޮޑެވެ. ޢާޚިރަތް ދުވަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑެވެ. ވީމާ ނުފަރިތަ ނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ.
ފަހަރެއްގައި މީހަކަށް 15 ވަރަކަށް މިނީޓުން ކިޔެވެނީ އެންމެ ޢާޔަތަށްވެސް ވެދާނެއެވެ. އެއީ ވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ. ކިޔަވާށެވެ. ހިތްވަރާއިއެކު ކިޔަވަން މަސައްކަތްކުރާށެވެ. އައު ހިތްވަރަކާއިއެކު ފަށައިގަތްއިރު 15 މިނިޓުން އެންމެ އާޔަތެއް ކިޔެވުނު އެތައް ބައަކު މިހާރު ފަސޭހަކަމާއިއެކު އެދަނީ ކިޔަވަމުންނެވެ. އުންމީދު ކުރަންވީ މާތްﷲގެ ރަޙްމަތަށެވެ. ހިތްވަރާއިއެކު މަސައްކަތްކުރުމުން މާތްﷲ ހުރިހާ ކަމެއްވެސް ފަހިކޮށްދެއްވަވާނެކަން ޔަޤީންކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތްކުރާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ތަފާތު ސަބަބުތަކާއިހުރެ ކީރިތި ޤްރްއާން އެހައި ފަރިތަކޮށް ކިޔެވޭ ބައެއް ނޫނެވެ. ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި އަމިއްލަ އިހްމާލުވެސް ހިމެނެއެވެ. ހަމައެޢާއިއެކު އެމީހަކަށް އެއްވެސް ބާރެއް ނުފޯރާ ސަބަބުތައްވެސް އެބަކުރިމަތިވެއެވެ.
އެއް ސަބަބަކީ ތުއްތު އިރުގައި ޤްރްއާން ކިޔަވަން ދަސްވެފައި ނެތުމެވެ. އަނެއް ސަބަބަކީ ކީރިތި ޤްރްއާނާއި އެހައި ރައްޓެހި ނޫން މުޖުތަމައުތަކުގައި ދިރިއުޅެންޖެހުމެވެ. އަނެއް ސަބަބަކީ ކުޑައިރު ކިޔަވަން ދަސްކުރި ނަމަވެސް ކޮންމެވެސް ސަބަބުތަކަކާއިހުރެ ކިޔެވުން މެދުކަނޑައިލަން ޖެހުމެވެ. އުމުރުން ދުވަސްވާފަހުން އިސްލާމް ވުމަށް މެދުވެރިވުމަކީވެސް އެއް ސަބަބެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން