ދަރުސަށް ފެށުމުގެ ކުރިން ކުޑަ ވާހަކައެއް
ދަންނަވާލަމެވެ. އެއީ ރާއްޖޭގައި މާދިގު ބަސްދަތރުތައް ނުކުރިނަމަވެސް ފެރީ ދަތުރުރުކުރާ މީހުން މަދެއް ނޫނެވެ. މަސްވެރިކަމުގައި ކަނޑުމަތީގައި ގިނަ ވަޤުތުތައް ހޭދަކުރާ މީހުންވެސް މަދެއްނޫނެވެ. އަދި ކުރާ ބައެއް މަސައްކަތްތަކަކީވެސް މަސައްކަތްކުރަމުންވެސް ޤުރްއާން އަޑުއެހިދާނެ މަސައްކަތެވެ. މީގެތެރޭގައި ދަނޑުވެރިކަން ހިމެނެއެވެ. ގޭތެރޭގެ މަސައްކަތާއި ބަދިގޭ މަސައްކަތްވެސް ހިމެނެއެވެ. އަދި ޓެކްސީކުރުމާއި ޑްރައިވަރުކަން ކުރުމުގައި އެތައް ގަޑިއިރެއް ކޮންމެ ދުވަހަކު ހޭދަކުރާ މީހުންވެސް އުޅެއެވެ.
ތިބާއަކީވެސް ބަހުގައި ދަތުރުކުރިނަމަވެސް އަދި ފެރީގައި ދަތުރުކުރިނަމަވެސް ވަޤުތު ހޯދައިގެން ހަމަ އޭނާފަދައިން ޤުރްޢާން ދަސްކޮށް ޙާފިޡަކަށް ވެވިދާނެ މީހެއްކަމަށް ޝައްކުނުކުރާށެވެ! ކެރިގެން ކުރިމަތިލާށެވެ! ކާމިޔާބުވާނެއެވެ. އިން ޝާ ﷲ. ވީމާ ރަނގަޅު ވިސްނުމަކާއިގެން ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ!
"އެއި އަހަރެން ދީނީ ތަޢްލީމް ޙާޞިލުކުރަން މަސައްކަތްކުރަމުން ދިއަ ދުވަސްވަރެވެ. ބަހުގައި ދަތުރުކުރާއިރުވެސް ފޯނުން ފިލާވަޅުތަކާއިބެހޭ މައުލޫމާތު އަޑުއަހަމެވެ. އެގޮތަށް އެއްދުވަހު އިންދާ ފެނުނީ ކައިރީގައި އިންމީހާ ފޯނުން ޤުރްއާން "ސާޗް" ކުރާތަނެވެ. އިރުކޮޅަކުން އޭނާ އަޑުއަހަން ފެށިއެވެ. ބަސްދަތުރު ނިމެންދެންވެސް އޭނާ އިނީ ޤުރްއާން އަޑުއަހާށެވެ.
ބަހުން ފައިބައި އޭނާ އާއި ސުވާލުކޮށްލުމުން ބުނީ ކޮންމެ ބަސްދަތުރެއްގައިވެސް އޭނާ ޤުރްއާން އަޑުއަހާކަމަށެވެ. އަދި ހެނދުނާއި ހަވީރު، ރޭގަނޑު ކިޔަވަންޖެހޭ ސޫރަތްތަކާއި ޢާޔަތްތައް އޭނާ މިހާރު ހިތުދަސްކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް ގެންދަނީ އިތުރު ސޫރަތްތައް ހިތުދަސްކުރަން މަސައްކަތްކުރަމުން ކަމަށެވެ.
އޭނާގެ ވާހހަކަ އަޑުއިވުމުން އުފަލުން މަރުނުވީވެސް ކިރިޔާއެވެ. އެހައިވަރަށް އުފާވިއެވެ. އޭނާގެ ގައިގައި އޮޅުލައިގަނެވުނެވެ. އޭނާއަށްޓަކާ ހެޔޮދުޢާކުރީމެވެ."
މިއީ އަހަރެންގެ ދަރިވަރަކު އަހަރެންގެ ގާތުގައި ބުނި ވާހަކައެކެވެ. ވީހައި ގިނައިން ޤުރްއާން ކިޔަވާށެވެ. ވަގުތަކީ ހޯދީމައި ލިބޭއެއްޗެކެވެ. ބަހުގައި ދަތުރުކުރި މީހާފަދަ މީހަކަށްވާށެވެ. ތައުފީޤް ދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން