މުސްލިމް އަޚުންނޭވެ! މުދަލު ޒަކާތަކީ ހަމައެކަނި އަދާކޮށްލާ ދީނީ ވާޖިބެއް ނުވަތަ ދެވޭ ޞަދަޤާތެއް ނޫނެވެ. އަދި އެއީ ނިކަމެތީންނަށް ވެދެވޭ އިޙުސާންތެރިކަމެއް ނުވަތަ ހެޔޮ ފޯރުވުމެއް ވެސް ނުމެނޫންމެއެވެ. އެހެނެއްކަމަކު، ޒަކާތަކީ މާތް الله ފަރުޟުކުރައްވައިފައިވާ އިސްލާމް ދީނުގެ ރުކުނެކެވެ. އެއީ އިސްލާމް ދީނުގެ ބިންގަލާ ގުޅިފައިވާ، ޢަދުލުވެރިކަމާ އިންޞާފުގެ މައްޗަށް ބިނާވެފައިވާ މަތިވެރި އިލާހީ ނިޒާމެކެވެ.
މުސްލިމް އަޚުންނޭވެ! ނަމާދާ ވިދިގެން މުދަލު ޒަކާތުގެ ވާހަކަ އައިސްފައިވަނީ، ނަމާދަކީ އަޅާއާ اللهއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށްދޭ އަޅުކަމަކަށް ވާ ފަދައިން، ޒަކާތަކީ اللهގެ މަޚްލޫޤުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތަކަށް ވާތީއެވެ. "ޒަކާތް" މި ބަހުގެ މާނައަށް ފުންކޮށް ވިސްނައިލުމުން، އޭގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެއެވެ.
ޒަކާތުގެ މާނައަކީ ޠާހިރުވުމާއި އިތުރުވުމެވެ. ޒަކާތް ނެރޭ މީހާގެ ނަފުސު، ދަހިވެތިކަމާއި މުށްބާރުކަމާއި، ފަނާވެދަނިވި މި ދުނިޔޭގެ މުދަލަށް އޮންނަ ލޯބީން، ޠާހިރުކޮށްދެއެވެ. ހަމައެއާއެކު، ހިސާބުކިތާބުން އަންދާޒާ ވެސް ނުކުރެވޭ ފަދަ ގޮތެއްގައި މުދަލުގައި ބަރަކާތްލެއްވެއެވެ.
މުސްލިމް އަޚުންނޭވެ! ކީރިތި ޤުރްއާނުގެ އަށާވީހަކަށް އާޔަތުގައި ނަމާދާ އެކުގައި ޒަކާތުގެ ވާހަކަ މާތް الله ވަޙީކުރައްވައިފައި ވެއެވެ. މި ދެ އަޅުކަން މި ފަދައިން ގުޅި ލާމެހިފައިވުމުން ދޭހަކޮށްދެނީ ވަރަށް ފުން މާނައެކެވެ. ހިތުގައި އީމާންކަން އޮވެ، މުދަލުން ޒަކާތް އަދާނުކުރާ ނަމަ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "އަދި، އެއުރެންނީ، سؤالކޮށް، އެދޭ މީހުންނަށާއި، ނިކަމެތި محرومންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حقއެއްވާ މީހުންނެވެ." މި އާޔަތުގައި ޒަކާތަކީ، ހަމައެކަނި ދޭ ހަދިޔާއެއް ނުވަތަ އިޙުސާންތެރިވުމުގެ ގޮތުން ކުރާ ކަމެއްކަމަށް الله سُبْحَانَهُ وَتَعَالَى ބަޔާންކުރައްވައިފައެއް ނުވެއެވެ. އެކަލާނގެ ވަޙީކުރެއްވީ އެއީ "ކަނޑައެޅިގެންވާ ޙައްޤެއް" ކަމަށެވެ. އެ މުދާ ހޭދަކުރުމުގެ ކުރީން ވެސް އެއީ، ޙައްޤުވެރީންގެ އެއްޗެކެވެ. އެއީ ކަނޑައެޅިގެންވާ ޙައްޤެކެވެ.
މުސްލިމް އަޚުންނޭވެ! މި ޒަމާނުގެ ސަރުކާރުތަކުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ފަރުމާކުރުމަށް ޓަކައި އެތައްއެތައް ބިލިއަން ފައިސާއަކާއި މުދަލެއް ހޭދަކުރެއެވެ. ފަޤީރުކަން ނައްތާލުމާ ގުޅޭ ގޮތުން ދިރާސާކުރާ އިދާރާތަކުން ނުހަނު ގިނަ ރިޕޯޓުތައް ނެރެއެވެ. ނަމަވެސް، މީގެ ސާދަ ސަތޭކަ އަހަރު ކުރީން، الله سُبْحَانَهُ وَتَعَالَى ވަނީ ނުހަނު ފުރިހަމަ، އިންޞާފުވެރި ޝާމިލު ނިޒާމެއް ބާވައިލައްވައިފައެވެ.
މުސްލިމް އަޚުންނޭވެ! ޒަކާތުގެ ގޮތުގައި ނެރޭން ޖެހޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ތިރީސް އިންސައްތަ ނުވަތަ ފަންސާސް އިންސައްތައެއް ނޫނެވެ. މުދަލުގެ ނިޞާބު ހަމަވެ، ނިޞާބު ހަމަވީތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޒަކާތުގެ ގޮތުގައި ނެރޭން ޖެހެނީ އެ މުދަލުގެ ޖުމުލަ އަދަދުގެ އެންމެ ދޭއް ޕޮއިންޓު ފަހެއް އިންސައްތައެވެ. (ސަތޭކައަކުން ދެރުފިޔާ ފަންސާސް ލާރިއެވެ.) އެއީ އެތައް މިލިއަން އިންސާނުން ފަޤީރުކަމުން ސަލާމަތްކުރުމަށް ފުދޭ މިންވަރެކެވެ. މިއީ ބޮޑު މިންވަރެއް ކަމަށް ތެދުވެރި އެއްވެސް މުސްލިމަކަށް ބުނަން ނުކުރޭހައި ކުޑަ މިންވަރެކެވެ.
މުސްލިމް އަޚުންނޭވެ! ޒަކާތަކީ މުދަލާއި ތަނަވަސްކަން ވަކި ބައެއްގެ އަތްމަތީގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުޅި މުޖުތަމަޢުގައި ތަނަވަސްކަން ދައުރުވުމަށް މަގުފަހިކޮށްދޭ މުހިންމު ނިޒާމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ﮋ--- މާނައީ: "އެއީ އެ މުދާތައް ތިޔަބައިމީހުންކުރެ މުއްސަނދީންގެ މެދުގައި ދައުރުވޭވެ ހުރިޔަ ނުދިނުމަށްޓަކައެވެ." ދުޅަހެޔޮ އިޤުތިޞާދެއް މިނެކިރަނީ މުޖުތަމަޢުގެ އެންމެ މުއްސަނދީންގެ އަތުގައި ޖަމާވެފައި ހުރި މުދަލުގެ މިންވަރަކުން ނޫނެވެ. އޭގެ ބަދަލުގައި، އެ މުދާ މުޖުތަމަޢުގެ ތެރޭގައި ދައުރުވާ މިންވަރަކުންނެވެ. ޒަކާތަކީ، މުޖުތަމަޢުގެ ހުރިހައި ފަންތިއަކަށް މުދާ ފޯރުކޮށްދީ، ނިކަމެތިވެފައިވާ މުޖުތަމަޢުތަކަށް އާ ދިރުމެއް ގެނެސްދޭ ނިޒާމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޢާޛު ބުނު ޖަބަލު (رَضِيَ الله عَنْه)އަށް ދެއްވި އިރުޝާދުގެ މާނައިގައިވެއެވެ. "މާތް ﷲ އެ ބައިމީހުންގެ މައްޗަށް ޞަދަޤާތެއް (އެބަހީ:ޒަކާތް) ފަރުޟުކުރައްވައިފައިވާ ކަން އެ ބައިމީހުންނަށް ބުނެދޭށެވެ! އެއީ އެ ބައިމީހުންގެ ތެރޭގައިވާ މުއްސަނދީންގެ އަތުން ނެގި، އެ ބައިމީހުންގެ ތެރޭގައިވާ ފަގީރުންނަށް ރައްދުކުރެވޭ އެއްޗެއްގެ ގޮތުގައެވެ."[1]
މުސްލިމް އަޚުންނޭވެ! މިއީ ހަމައެކަނި ފަލްސަފާވެރި ފިކުރެއް ނުވަތަ ހަޤީޤަތާ ދުރު، ޚިޔާލީ އުންމީދެއް ނޫނެވެ. ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އަންނަ ހެޔޮ ބަދަލުތައް އިސްލާމީ ތާރީޚު ވަނީ ދެކެފައެވެ. މަޝްހޫރު ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒު (رَحِمَهُ الله)ގެ ވެރިކަމުގައި، ޒަކާތުގެ ނިޒާމު ޤާއިމުކުރެވުނީ އިންޞާފުވެރިކަމާއި ޢަދުލުވެރިކަމުގެ މައްޗަށެވެ. ނަތީޖާއަކީ، ފަޤީރުންނާއި މިސްކީނުންގެ ޙާލަތު ރަނގަޅުވެ، ދަރަނިވެރީން ދަރަނިތަކުން ސަލާމަތްވެ، ޒަކާތުގައި ހިފާނޭ މީހަކު ނެތި، ޒަކާތުގެ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމެވެ. މުދަލު ޒަކާތަކީ މުޖުތަމަޢެއް ބިނާވެ، ކުރިއެރުމުގެ އެންމެ މުހިންމު އަސާސީ އެއް ބިންގަލެވެ.
މުސްލިމް އަޚުންނޭވެ! ޢުމަރު ބުނު ޢަބްދުލްޢަޒީޒު(رَحِمَهُ الله)ގެ ޒަމާނުގެ ވާހަކަތަކަކީ މާޒީވެގޮސްފައިވާ ވާހަކަތަކެއް ކަމަށާއި، މިއަދުގެ ދުނިޔޭގައި އެ ފަދަ ކަމެއް ތަކުރާރު ނުވާނޭ ކަމަށް ބައެއް މީހުން ހީކުރެއެވެ. އިލާހީ ޤާނޫނުތަކާއި މި ނިޒާމަކީ، ޒަމާން ބަދަލުވުމުގެ ސަބަބުން ބާވެ، އުވޭނޭ ކަންތައްތަކެއް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު މުސްލިމު އާބާދީ އޮންނަ އިންޑޮނޭޝިއާގެ ޒަކާތުގެ އިދާރާއިން ދެ ހާސް ސައުވީސްވަނަ އަހަރު ނެރެފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ އަހަރެއްގެ ތެރޭގައި އެކެއް ޕޮއިންޓު ތިނެއް ފަހެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ޒަކާތުގެ ސަބަބުން، ފަޤީރުކަމުގެ ޙާލަތުން ސަލާމަތްވެފައެވެ. މީގެ ތެރޭގައި އިންތިހާ ދަރަޖައިގެ ފަޤީރުންގެ ތެރެއިން ހަތް ލައްކަ ވިހި ހާހަށް ވުރެ ގިނަ މީހުން ހިމެނެއެވެ.[2] މި އަދަދާ މެދު ފުންކޮށް ވިސްނައިލާށެވެ! ޒަކާތުގެ ގޮތުގައި އެ ޤައުމުން ލިބޭނޭ ކަމަށް އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ މަދު މިންވަރެއް ލިބުނު ނަމަވެސް، ޒަކާތުގެ ސަބަބުން މުޖުތަމަޢަށް އައިސްފައިވަނީ ހެޔޮ ބަދަލުތަކެކެވެ. މިއީ އެތައް މިލިއަން އިންސާނުންގެ ވާހަކައެވެ. އާއިލާތަކާއި، ކުޑަކުދީންނާއި، މައިންގެ ވާހަކައެވެ. މުސްލިމް އުންމަތުގެ ފަޤީރުކަމަކީ ވަސީލަތްތައް ނެތުމާ ގުޅޭ މައްސަލައެއް ނޫނެވެ. އެއީ ޒަކާތް އަދާނުކުރުމާ ގުޅޭ މައްސަލައެކެވެ. މެލޭޝިއާގައި ޒަކާތުގެ އެހީގައި ތަޢުލީމު ހާސިލުކުރާ ނުވަތަ ވިޔަފާރި ފަށަން އެހީތެރިކަން ލިބޭ ފަޤީރުންނާއި މިސްކީނުން، މަދު އަހަރުތަކެއްގެ ތެރޭގައި އަމިއްލަ ފައިމައްޗަށް ތެދުވެ، ޒަކާތް ދޭ މީހުންނަށް ބަދަލުވާކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ވަރުގަދަކުރައްވާނދޭވެ! ދީލަތިކަމާއި އިންސާފުގެ މައްޗަށް އަޅަމެންގެ ހިތްތައް އެކުވެރިކުރައްވާނދޭވެ!
މުސްލިމް އަޚުންނޭވެ! މުދާ އެއްކޮށް އެއިން ޒަކާތް ނުދައްކާ މީހުންނަށް އާޚިރަތުގައި ވޭންދެނިވި އަޒާބު ހުރިކަމުގެ ޚަބަރު الله سُبْحَانَهُ وَتَعَالَى ވަނީ ދެއްވައިފައެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ރަނާއި ރިހި خَزَانَةކޮށް، اللهގެ މަގުގައި އެ ތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި عَذَابُހުރިކަމުގެ خَبَرُ، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ! (އެގޮތުގެމަތީން) އޭނާ، އެއްކޮށް خَزَانَةކުޅަ، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތީން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ نَفْسُތަކަށް ޓަކައި، ތިޔަބައިމީހުން އެއްކޮށް خَزَانَةކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން خَزَانَةކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ!"[3]
މުސްލިމް އަޚުންނޭވެ! ޒަކާތް ނުދީ ހިފެހެއްޓުމަކީ މުދާ ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ. އެއީ މުދަލުން ބަރަކާތް ކެނޑޭނޭ ކަމެކެވެ. މި ވާހަކަތަކަކީ އަޑުއަހައިފައި ހަނދާން ނައްތައިލާ ވާހަކަތަކަކަށް ނަހަދާށެވެ! މިއީ ތިބާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވާނެ ވާހަކަތަކަކަށް ހަދާށެވެ! ލަސްނުކޮށް ޒަކާތް ދައްކާށެވެ! ދިރިއުޅުމާއިގެން މަޝްޣޫލުވުމަކީ ޒަކާތް ދެއްކުން ފަސްކުރާން އޮތް އުޒުރެއް ނޫނެވެ! ޒަކާތް އޭގެ ޙައްޤުވެރީންނަށް ފޯރުކޮށްދޭށެވެ! މުޖުތަމަޢުގައި ޒަކާތުގެ ނިޒާމު ދިރުވާށެވެ! ޒަކާތް ދިނުމުގެ މުހިންމުކަމާ ބެހޭ ގޮތުން ވާހަކަދައްކާށެވެ! ދަރީންނަށް އެ ކަން އުނގަންނައިދޭށެވެ! މިއީ ވަކިވަކި ފަރުދުން ކުރާ ކަމެއްގެ ބަދަލުގައި، ނިޒާމެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތް ހަދާށެވެ! ވަކިބައެއްގެ އަތުގައި ހިފެހެއްޓިފައި ހުރުމުގެ ބަދަލުގައި، މުދަލަކީ ވެސް ދައުރުވާން ޖެހޭ އެއްޗެކެވެ. ޤިޔާމަތް ދުވަހު، އިރު ބޯމައްޗަށް ތިރިވެ، މީސްތަކުން ފިލާން ވަންނާނޭ ތަނެއް ނެތް ދުވަހު، މާތް ﷲ ތިބާއަށް ދެއްވި މުދަލުން ދުނިޔޭގައި އިޚުލާޞްތެރިކަމާ އެކު ހޭދަކުރި މީހާ، ހުންނާނީ މާތް اللهގެ ޢަރުޝީގެ ހިޔަލުގައެވެ.
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ދެއްވި މުދަލުން ހެޔޮ ގޮތުގައި ހޭދަކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ! އާމީން!