ފުރާނައާއިމެދު މިޙަޤީޤަތްތައް އެނގޭ މީހަކު ފުރާނައަށް އަނިޔާވެރިއެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ފުރާނައާއިމެދު މިޙަޤީޤަތްތައް އެނގޭ މީހަކު ފުރާނައަށް އަނިޔާވެރިއެއް ނުވާނެ!

އަހުރެމެންގެ ފުރާނަ އަހުރެމެންނަކަށް ނުފެނެއެވެ. އެހެންވެ ގިނަބައަކަށް އޮންނަނީ ފުރާނައިގެ އަގުވަޒަންނުކުރެވިފައެވެ. ތިމާގެ ޢުމުރުހަމަވެ މަރުވިނަމަވެސް ތިމާގެ ފުރާނަ ތިމައާއި ވަކިވެގެން ނުދާނެކަން ޤަބޫލުނުކުރެވެނީ އެހެންވެގެންނެވެ. ފުރާނައިގެ ޙަޤީޤަތަކީ މަރުވުމުން ނުވަތަ ފުރާނަ ހިއްޕެވުމުން ފުރާނަ އެމީހަކު ދުނިޔޭގައި އުޅުނު ހަށިގަނޑާއި ވަކިވެގެންދާކަމެވެ. ނަމަވެސް އެއީ ފުރާނަ މަރުވުމެއް ނޫނެވެ. ފުރާނަ ދާއިމަށްވެއެވެ. ދާއިމަށް ނަރަކައިގައި އަނދަންޖެހުނަސް ފުރާނައަށް ނިމުމެއް ނެތެވެ.  

އަހަރެމެންނަށް ދިރިތިބެވެނީ ހަށިގަނޑުގައި ފުރާނަހުރީތީއެވެ. ފުރާނައިގެ އަގު މިހާބޮޑުއިރުވެސް

ފުރާނައަކީ ކޮބައިކަން ބުނެދޭން އުނދަގުލެވެ. އެއީ ސައިންސްވެރިންނަށްވެސް އެކަން ހޯދިފައިނުވާތީއެވެ. ބުނެވެން އޮތީ ނޭވާލަނަނަމަ ހަށިގަނޑުގައި ފުރާނަހުރީއެވެ. ފުރާނަ ނެތްނަމަ ނޭވާއެއް ނުލެވޭނެއެވެ. މައްސަލައަކީ ޢިލްމީ ގޮތުން މިހައިބޮޑަށް ކުރިއަރައިގެންދިއައިރުވެސް  އެންމެ ކުޑަމިނުން ފުރާނަވެސް ނޭވާވެސް ސިފަކޮށްލަންވެސް ނުއެނގޭކަމެވެ.  

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހެއްގެ ފުރާނައަށް ދިރުން ދޭށެވެ! ވީހައި ތާޒާކަންމަތީގައި ފުރާނަ ބަހައްޓާށެވެ! ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮކަންމަތީގައި ދުނިޔޭގައި ދިރިއުޅޭށެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރަކައިގެ ޢަޛާބުން ސަލާމަތްވެގެންވާ ފުރާނައަކަށް އެމީހާގެ ފުރާނަ ހެދުމަށެވެ.  

އަދިކީއްހެއްޔެވެ؟ ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްކަމުގައިވުމަށްވެސް އެދޭނެއެވެ. އެއީ ދުނިޔޭގައިވެސް އުފާވެރިކަން ލިބޭނީ އަދި ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވި ސުވަރުގެ ލީބޭނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިގެންކަމަށްވާތީއެވެ.   

މިކަންކަން ކާމިޔާބު ކުރެވެން އޮތީ ފުރާނައަށް ކާނާދީގެންނެވެ. ވީމާ މިގޮތަށް ވިސްނައިލާށެވެ. ތިމާ މުސްލިމެއް ކަމުގައި ވުމުން އެއީ ފުރާނައިގައި އިންދޭ ގަހެވެ. އެ ހިސާބުން ގަސް ހެދިބޮޑުވާން ފަށައެވެ. ނަމަވެސް އެ ގަސް ތާޒާކަންމަތީގައި ބެހެއްޓުމަށާއި ހެދި ބޮޑުވުމަށް ކާނާ ބޭނުންވެއެވެ.  

އެގޮތުން ބަލައިފިނަމަ ފުރާނައިގެ ކާނާއަކީ ނަމާދުކުރުމެވެ. ބައެއް މީހުން ކާނާއަކީ ތަޤްވާވެރިކަން ކަމުގައި ވެސް މާނަކޮށްފާނެއެވެ. ނަމަވެސް އަހަރެން ބުނާނީ އެއީ ނަމާދުކުރުން ކަމަށެވެ. އެހެނީ ތަޤްވާވެރިކަން އިތުރުވާނީވެސް ނަމާދުކުރުމުންނެވެ. ނަމާދު ނުކުރާ މީހަކަށް ތަޤްވާވެރިކަމެއް ނެތެވެ.  

ވީމާ ނަމާދު ވަގުތުޖެހުމުން އެކަމަށް ޢުޒުރު ދައްކާ މީހަކު ކަމުގައި ނުވާށެވެ! އެއްވެސް ބަހަނާއެއް އުޒުރެއް ދައްކަން ނުއުޅެ ނަމާދުކުރަން އަވަސްވެގަންނާށެވެ! ބަންގީގެ އަޑު އިވުމުން އެހެން ހުރިހާ ކަމަކަށް އުޒުރު ދައްކާށެވެ! އެހެން ހުރިހާ ކަމެއް ހުއްޓުމަކަށް ގެންނާށެވެ! އެންމެ ފުރަތަމަ ކުރާ ކަމަކީ ނަމާދުކުރުން ކަމުގައި ހަދާށެވެ! އެގޮތަށް އެކަން ނުކުރުމަކީ ފުރާނައަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. ފުރާނައަށް އަނިޔާ ނުދޭށެވެ! އިންސާނާ އޭނާގެ ފުރާނައަށް ކުރާ އަނިޔާއަކީ އެމީހާ ހިންގާ އެންމެ ބޮޑު ޖަރީމާއެވެ! އެ ޖަރީމާގައި ހަލާކުވެގެންދާނީ ހަމަ އެމީހެކެވެ. ތިމާއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން