އަނބިމީހާ ނިޔާވުމުން ލިބުނު މާޔޫސްކަމުން ބައްޕަ ސަލާމަތްކޮށްދިން ދިހަ އަހަރުގެ ދަރިފުޅުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
އަނބިމީހާ ނިޔާވުމުން ލިބުނު މާޔޫސްކަމުން ބައްޕަ ސަލާމަތްކޮށްދިން ދިހަ އަހަރުގެ ދަރިފުޅުގެ ވާހަކަ-

ވަރަށް ލޯބިން އެކުގައި އުޅެމުންދަނިކޮށް ކައިވެންޏަށް 12 އަހަރުގައި ކުއްލިގޮތަކަށް އަނބިމީހާ ނިޔާވުން ވެގެންދިއައީ އާދައިގެ ކަމަކަށްނޫނެވެ. އަހަރުވީއިރުވެސް ފިރިމީހާ އުޅުނީ އެކަމުގެ ހިތާމައިގައެވެ.  

އެކަނި އޮވެގެން އަނބިމީހާއާއި ވާހަކަވެސް ދައްކައެވެ. މިތަން 6 އަހަރުގެ ދަރިފުޅަށް ފެނެއެވެ. ބައްޕަގެ ކަންކަން ރަނގަޅުވެ އޭނާއާއި އަޅައިލާނީ މަންމައަކު ލިބިގެންކަން އެކުޑަކުއްޖާއަށް ވިސްނެއެވެ. އެވިސްނުން އެކުއްޖާއަށް ލިބުނު ސަބަބަކީ ބައްޕަ އަބަދު މަންމަގެ ވާހަކަދައްކާތީކަމަށްވެދާނެއެވެ. މަންމައާއި ނުލައި ނުއުޅެވޭނެކަމަށް ބުނާއަޑުވެސް ކުއްޖާއަށް އިވޭތީއެވެ.  

އެއީ ހުކުރު ދުވަހެކެވެ. ބައްޕަ އުޅެނީ ގޭކުރިމަތީގައި މަންމަ ހައްދާފައި ހުރި ބަގީޗާތަކަށް ފެންދޭށެވެ. ދަރިފުޅުވެސް އެތަނުގައި އުޅެނިކޮށް ކުއްޖާއަށް ފެންނަނީ މަގުގެ އަނެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންއިން މަންމައާއި އެއް އުމުރުގެ އަންހެނެކެވެ.  

ކުއްޖާ ދުވެފައި އޭނާގެ ގާތަށް ގޮސް އުނގަށް އެރިފައި ސުވާލުކުރީ އެތަނުގައި އިނީ ކީއްވެގެންތޯއެވެ؟ އޭނާ ބުނީ އުޅޭނެ ގެއެއް ނެތުމުން ކަމަށެވެ. ކުއްޖާ ބުނީ ތިއަކަން ހަމަޖައްސައިދީފާނެ ކަމަށެވެ.  

އެހެންބުނެފައި އޭނާގެ އަތުގައި ހިފައިގެން ގޮސް ބައްޕައަށް ދައްކާފައި ބުންޏެވެ. "ބައްޕާއެވެ! އަޞްލު މަންމަ ދެން އެނބުރި ނުއަންނާނެ ކަމަށްބުނެފައި ބައްޕަ އަބަދު މަންމަގެ ވާހަކަ ދައްކަމު ނޫންހެއްޔެވެ؟ މިދައްތަ މަންމއަކަށް ހަދައިދޭށެވެ! ދައްތައަށް ނެތީ އުޅޭނެ ގެއެކެވެ. އެހެންވީމާ އަހުރެމެންގެ ގޭގައި ގެންގުޅޭނީއެވެ. ބަދަލުގައި ދައްތަ ކޮއްކޮގެ މަންމައަކަށްވާނީއެވެ."  

ކުއްޖާ މިވާހަކަތައް ދެއްކިއިރު އެދެމީހުން ތިބީ އެކަކު އަނެކެއްގެ މޫނަށްބަލާށެވެ. ކުއްޖާ އެދެމީހުންގެ ދެއަތުގައި ހިފައިގެން ގެއަށްވަންނަން ހިނގައިގަތުމުން ދެމީހުންވެސް ކުއްޖާއާއިއެކު ގެއަށް ވަނީއެވެ. ސޯފާގައި އިށީނުމަށްފަހު ކުއްޖާ ތެދުވެގެންގޮސް އައީ 3 ތަށި ސައިހިފައިގެންނެވެ.

ސައިބޮއި ނިމުނުއިރު އޮތީ ކުއްޖާ ބޭނުންވި ގޮތަށް ކަންތައްވެނިމިފައެވެ. އަންހެންމީހާ ކުއްޖާ ބަލައިދޭން އެގޭގައި އިންނަން އެއްބަސްވީއެވެ. ދުވަސްކޮޅެއްވީއިރު އަންހެންމީހާއަށްވަނީ ކުއްޖާގެ ދޮންމަންމައަށްވެވިފައެވެ. 3 މީހުންނަކީ އުފާވެރި ޢާއިލާއަކަށްވެފައެވެ.

މިވާހަކަ ކިޔާފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. ގުޅެން ތަޤްދީރުގައި އޮތް ދެމީހަކު ގުޅޭނެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެ އެކަންހިނގާނެއެވެ. އެއީ މާތް ﷲ ގެ ނިންމެވުމެވެ. އެކަން ބަދަލެއް ނުކުރެވޭނެއެވެ. ރަނގަޅު ބައިވެރިއަކު ހޯދަން ކޮންމެހެން ޢަބުރުވިއްކާލާކަށް ނުޖެހޭނެއެވެ.

 

- ރަޙުމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން