އިންސާނުން ދުނިޔޭގައި ލައްވަވާފައި މިވަނީ
ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކުރަން ކަމަށް އޮތީމާ އަބަދު އަޅުކަން ކުރުމުގައި ހުންނާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންވެ މިގެނެސްދެނީ ބުރައަކާއި ނުލައި އަބަދު އަޅުކަމުގައި ހުރެވޭނެ ގޮތް އެނގޭނެ ލިޔުމެކެވެ.
މިޘާލަކަށް ބުނާނަމަ ދުވަހުގެ ހުރިހާ ވަޤުތެއްގައި ނަމާދުކޮށް ކީރިތި ޤްރުއާން ކިޔަވަން އަދި ޛިކުރުކުރަންވެސް އިނުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަކަމަކަށް ނުވާނެއެވެ. އެއީ އެކަން ކުރަން އޮތް ގޮތެއްވެސް ނޫނެވެ. ދުވާލު ހަތަރު ދަމު ޞަދަޤާތް ކުރާނެ ފައިސާއެއްވެސް އެންމެންގެ އަތަކު ނުހުންނާނެއެވެ. ނަމަވެސް މުޅި ދުވާލާއި ރޭގަނޑު އަޅުކަން ކުރުމުގައި ހޭދަ ކުރެވިދާނެއެވެ. އެހެންކަމުން މިބުނެދެނީ މުޅި ދުވާލު އަޅުކަމުގައި ހޭދަކުރި ބައެއް މީހުން އަމަލުކުރި ގޮތެވެ.
އެކަކު ބުނީ ދިރިއުޅެން ކުރަނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މަސައްކަތްތައް ކަމަށާއި ނަމާދުތައްކޮށް އަޅުކަން ކުރުމަށްފަހު އޭނާއަށް ލިބޭ ހުސްވަގުތު ހޭދަކުރަނީ އަނބި މީހާއަށް އެހީތެރިވުމުގައި ކަމަށެވެ. ދަރިންގެ ކަންކަންވެސް ކޮށްދޭކަމަށެވެ. އަދި އަނބިމީހާ އަށް އަޅުކަން ކުރާނެ ވަގުތު ދީފައި އެވަޤުތުގައި ދަރިންވެސް ބަލައިދޭ ކަމަށެވެ. އަވަހަށް ކައްކައި ނިންމަންވެސް އެހީތެރިވާ ކަމަށެވެ. އެއްޗެތިވެސް ދޮވެދޭ ކަމަށެވެ.
ދެވަނަ މީހަކު ބުނީ އޭނާއަށް ލިބޭ ހުސްވަގުތު
ހޭދަކުރަނީ ރަޙިމުގެ ގުޅުން ބަދަހިކުރަން ކަމަށެވެ. ޢާއިލާގެ މީހުންނަށާއި މައިން ބަފައިންނަށް ޚިދުމަތްކުރުމުގައި ކަމަށެވެ. އަދި މިސްކިތަށްވެސް ޚިދުމަތްކުރާ ކަމަށެވެ.
ތިންވަނަ މީހަކު ބުނީ އޭނާ ކާރުގައި ކުދިން ގޮވައިގެން ހަވީރު ބުރުޖަހަން ވެސް ދާ ކަމަށެވެ. ނަމަވެސް އެ ބުރުގައި ދަނީ ޕާކުތަކަށް ނޫން ކަމަށާއި ދަނީ ފަޤީރުން ދިރިއުޅޭ އަވަށްތަކަށް ކަމަށެވެ. އެހިސާބުގައި އުޅޭ މީހުންނަށް ޞަދަޤާތްކުރަން ކަމަށެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ޞަދަޤާތްކުރާކަމަށެވެ.
މި 3 މީހުން އެ ބުނާ ބަސްތައް އެއްކޮށްލާށެވެ! އެއިރުން ތިބާއަށް ކުރެވޭނެ ކަންތައްތަކެއް ފެންނާނެއެވެ. އެކަންކަން ކުރާށެވެ. އެއިރުން މުޅި ދުވާލު ހޭދަ ކުރެވޭނީ އަޅުކަމުގައެވެ.
ދެން އޮތީ ރޭގަނޑެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަންވީ އަޅުކަމާއި ނިދުމުގައެވެ. ތަރާވީޙުން އައިސް އަވަހަށް ނިދާށެވެ. ދަމުނަމާދަށް ހޭލާށެވެ. ފަތިސް ނަމާދުވެސް ކުރާށެވެ. އެގޮތަށް އަމަލުކުރާ މީހަކަށް ރޭގަނޑުގެ ވަގުތުތައް ގިނަވެގެން އުޅޭކަށް ނުޖެހޭނެއެވެ. މުޅި ރޭގަނޑު ހޭދަކުރެވިފައި އޮންނާނީ އަޅުކަމުގައެވެ.
އެއިގެ ބަދަލުގައި ބޭކާރު ޓީވީ ޕްރޮގްރާމްތައް ބެލުމާއި ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ވަގުތު ހޭދަކުރާނަމަ އެކުރެވެނީ ވަރަށް ބޭކާރު ކަންކަމެވެ.
ޚުލާޞާއަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައި ކަންކަން ނުކޮށް ކުރާ ކޮންމެކަމެއްވެސް ﷲ ރުހިވޮޑިގަންނަވާނެ ގޮތަށް ކަންކަންކުރުންމަތީގައި ދެމިހުރެވޭނަމަ އެމީހަކަށް އެހުރެވެނީ އަބަދުވެސް އަޅުކަންކުރުންމަތީގައެވެ.
އިސްލާމީ ތިލަފަތުގެ ދަރުސަކުން