ހަމައެގޮތަށް އަޅުގަނޑުމެން ޒަވާޖީ ޙަޔާތެއް ކާމިޔާބު ކުރަންއެދޭމީހާ ދެމީހުންގެ ދެމެދުގާ ހުންނަ ސިއްރުތަކަށް ރައްކާތެރިވާންޖެހޭ. ދެމީހުންނަށް ޚާއްޞަ ކަންކަން ހުންނާނެ. އެއީ ކޮންމެހެން ޢާއިލާގެ އެހެންމީހުނަށްވެސް ނުވަތަ ދުރުތިމާގެ ނުވަތަ ރައްޓެހިންނަށްވެސް ކޮންމެހެން އެގެންޖެހޭ ކަންކަމެއްނޫން. ދެމީހުންނަށް ޚާއްޞަ ކަންކަން ހުންނާނެ ބައެއްފަހަރަށް އެކަންކަން އެހެންބަޔަކަށް އެގުމުން ފިތުނަވެރި ކަމަށް ވެދާނެ. ހަސަދަވެރިކަން އޭގެތެރެޔަށް އަތުވެދާނެ.
ނުވަތަ އެނޫން ކޮންމެވެސް ކަހަލަ ގޯހެއް އޭގެތެރޭން ހިނގާފާނެ، އެހެންވީމާ ދެމަފިރިންގެ ޒަވާޖީޙަޔާތް އުފާވެރިކޮށް ގެންގުޅެން ބޭނުންވަންޏާ އެދެމީހުންނަށް ޚާއްޞަ ސިއްރުތަކެއް ހުންނާނެ. އެއީ ދެމީހުން (لاَقَدَّرَالله) ވަކިވެގެން ވަރިވެގެން ދިޔަކަމުގައި ވިޔަސް އެސިއްރުތަކެއް ތިންވަނަ ފަރާތަކަށް ޙިއްޞާއެއް ނުކުރާނެ. އެއީ އެހާ ގާތްކޮށް އެދެމީހުން އުޅެނީވެސް އަދި ކުރާ ބައެއްކަހަލަ މުޢާމަލާތްތަކާ ކަންކަމާ ބައެއް މަޢުލޫމާތުތަކާ އެކަންކަމަކީ އެދެމީހުންނަށް ޚާއްޞަ ވެގެންވާ ކަމެއް. އެހެންވީމާ ޒަވާޖީ ޙަޔާތް ކާމިޔާބު ކުރުމަށްޓަކައި ހުންނާނެ ދެމީހުން ހިފަހައްޓަންޖެހޭ ސިއްރުތަކެއް. އެކަންކަމަކީ ހުރިހާ އެންމެންނަށް ކިޔާދޭންޖެހޭ ކަންކަމެއްނޫން. އެހެންވީމާ އެކަން ކަމަށް ސަމާލުކަންދިނުން އެއީވެސް ވަރަށް މުހިންމު ކަމެއް.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
މިލިޔުންވެސް ވިދާޅުވެލައްވާށެވެ!
الحمد لله رب العالمين والصلاة والسلام على رسول الله وعلى آله وصحبه أجمعين
ދެމަފިރިންނަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލާ ހެޔޮކޮށް ހިތަންޖެހޭ ބައެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ތަކުންނާއި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅު ތަކުން މިކަމަށް ނުހަނު ބާރު އަޅުއްވާފައިވެއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُنَّ مِثْلُ الَّذِيْ عَلَيْهِنَّ بِالمَعْرُوْفِ) (سورة البقرة 228)
މާނައަކީ "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ."
މިގޮތުން ޢާއިލީ ސިއްރުތަކާއި އަދި ދެމަފިރިންގެ ދެމެދުގައިވާ ޚާއްޞަ ކަންތައްތަކަށް ރައްކާތެރި ވުމަކީވެސް އެއްބަޔަކު އަނެއްބަޔަކަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި މިކަމުގައި ފަރުވާ ކުޑަކުރުމަކީ ނުރައްކާތެރި އަދި ހުތުރުކަން ބޮޑުވެގެންވާ ކަމެކެވެ.
عَنْ أَسْمَاءَ بِنْتِ يَزِيدَ أَنَّهَا كَانَتْ عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالرِّجَالُ وَالنِّسَاءُ قُعُودٌ عِنْدَهُ، فَقَالَ: (لَعَلَّ رَجُلًا يَقُولُ مَا يَفْعَلُ بِأَهْلِهِ وَلَعَلَّ امْرَأَةً تُخْبِرُ بِمَا فَعَلَتْ مَعَ زَوْجِهَا). فَأَرَمَّ الْقَوْمُ، فَقُلْتُ: إِي وَاللَّهِ يَا رَسُولَ اللَّهِ، إِنَّهُنَّ لَيَقُلْنَ وَإِنَّهُمْ لَيَفْعَلُونَ. قَالَ: (فَلَا تَفْعَلُوا فَإِنَّمَا ذَلِكَ مِثْلُ الشَّيْطَانِ لَقِيَ شَيْطَانَةً فِي طَرِيقٍ فَغَشِيَهَا وَالنَّاسُ يَنْظُرُونَ).[1]
މާނަ:”އަސްމާ ބިންތި ޔަޒީދު رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަމަނާ އެއްދުވަހަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އިންނެވިއެވެ. އަދި ފިރިހެންބޭކަލުންނާއި އަންހެން ބޭކަނބަލުންވެސް އެތާގައި އިށީނދެވަޑައިންތިއްބެވިއެވެ. ފަހެ އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.
(ފަހަރުގައި ފިރިހެނަކު އޭނާގެ އަނބިމީހާއާއި އެކު ކުރާކަންކަމުގެ ވާހަކަ ދައްކަފާނެއެވެ. އަދި އަންހެނަކުވެސް އޭނާގެ ފިރިމީހާއާއި އެކު ކުރި ކަމެއްގެ ވާހަކަ ޚަބަރުކޮށްފާނެއެވެ). ފަހެ އެތާގައި ތިއްބެވި އެއްވެސް ބޭކަލަކު މިކަމާއި މެދު އެއްޗެއް ވިދާޅުނުވިއެވެ. ފަހެ ތިމަން ބުނީމެވެ. (އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެކަނބަލުން ތިފަދައިން ބުނެ އުޅެއެވެ. އަދި އެބޭކަލުންވެސް ތިފަދައިން ކަންތައް ކުރެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.
(ފަހެ ތިޔަބައިމީހުން އެފަދައިން ކަންތައް ނުކުރާށެވެ. ފަހެ އެކަމުގެ މިޘާލަކީ ފިރިހެން ޝައިތާނަކު އަންހެން ޝައިތާނަކާއި ބައްދަލުވެ މީސްތަކުން ބަލަންތިއްބާ ގައިގޯޅިވެއުޅޭ އުޅުމެވެ)."
އަޅުގަނޑުމެންގެ މުޖުތަމަޢުއަކީ ޒަމާނުއްސުރެއްވެސް ރީތި އަޚްލާޤީ ސިފަތަކެއް ހުރި މުޖުތަމަޢުއެކެވެ. ނަމަވެސް ފަހަކަށްއައިސް މުޖުތަމަޢުގައި ބައެއް ނޭދެވޭ އާދަތައް ފެތުރެން ފަށާފައިވާއިރު މިފަދަ ކަންކަންވެސް ފެންނަކަމީ ހިތާމަކުރަން ޖެހޭކަމެކެވެ. ޚާއްޞަކޮށް އަންހެން ބޭކަނބަލުންގެ ފުށުން މިކަން ފެނުން އިތުރުވެފައިވެއެވެ.
ފަހެ އަންނަނިވި ނަސޭހަތްކޮޅު ކަނުލާ އަޑުއަހާ ޢިބުރަތް ޙާޞިލު ކުރަމާ ހިނގާށެވެ.!
"ކައިވެނި ބައްލަވައިގެން ތިއްބެވު ލޮބުވެތި އުޚްތުންނޭވެ. އެ ޚަބަރެއް އިވުމުން އެމީހަކަށް ފައިދާއެއް ނުކުރާ ނުވަތަ އެމީހެއްގެ ފުށުން ތިބާއަށް ފައިދާ އެއް ނުކުރާ މީހެއްގެ ގާތުގައި ތިބާގެ ސިއްރުތައް ނުވަތަ ތިބާގެ ފިރިމީހާގެ ސިއްރުތައް ހާމަ ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެގޮތަށް ކަންތައް ކުރުމުގެ ސަބަބުން އެ މީހުންގެ ހިތްތަކުގައި ތިބާ އާއި މެދު އަދި ތިބާގެ ކައިވެންޏާމެދު ހަސަދަވެރިކަން އުފެދިދާނެއެވެ. އަދި އެމީހުންގެ އެސްފީނާ ތިބާއަށް އަމާޒުވެދާނެއެވެ. ތިބާ ހާޒިރުނުވާ އެތައް މަޖްލީހެއްގެ މައިގަނޑު މައުލޫއަކަށް ތިބާ ވާނެއެވެ. އޭގެ ސަބަބުން ތިބާ ވާނީ އެބައިމީހުން މުނިފޫހިފިލުވުމަށް ދައްކާ ވާހަކަ ތަކުގައި މަލާމާތް ރައްދުވާ ފަރާތަށެވެ. ތިބާ އާއި ތިބާގެ ފިރިމީހާ އާއި ދެމެދު ހިނގާދިޔަ ކަންތައްތައް ތުންތުން މަތިން ދެކެވޭ ވާހަކަތަކަކަށް ވެގެން ހިނގައިދާނެއެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މުސްލިމު އަންހެނަކަށް އޭނާ އާއި އެކަށީގެންވާ ފިރިއަކު ދެއްވުމުން އެކަމަށް ޝުކުރުވެރިވާނީ މިފަދަ އަކުން ނޫނެވެ.
އެހެންކަމުން ތިބާގެ ކައިވެނީގެ ފުރަތަމަ ރޭ، ހަފްތާ، މަސް ނުވަތަ އަހަރު ހިނގާދިޔަ ކަމެއް ހާމަ ކުރުމުން އެ ޚަބަރު އެތައް އެތައް އަންހެނުންނާއި ފިރިހެނުންގެ ކަންފަތްތަކާ ހަމައަށް ވާޞިލުވާނެއެވެ. އެއީ ތިބާ އެދޭ ގޮތް ހެއްޔެވެ. ހަމަ ޔަގީނުންވެސް އެފަދައިން ކަންތައްވުމަށް ތިބާ ނޭދޭނެއެވެ. އެހެން ކަމުން ތިބާގެ މޫނަށް އަމާޒުވެފައިވާ ޓީވީ ކެމެރާތަކަށް ސަމާލުވާށެވެ. އެއީ ތިބާގެ އާއިލާ މީހުން، ރަހުމަތްތެރިން ނުވަތަ އުޚްތުން ގާތު ވާހަކަ ދައްކާއިރު ބުނެވޭ އެއްޗަކީ އެތައް ގެއަކާ ހަމައަށް ވާސިލްވާ ޑްރާމާ ސީރިޒް އަކަށް ވެދާނެތީއެވެ. ތިބާގެ ދޫ ރައްކާތެރިކުރާށެވެ!"
- އަލް އުޚްތު އުންމު ޢަބްދިﷲ