ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުނުކޮށް، ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ނުކޮށް އުޅޭ މީހުން މިއަދު މިކުރަނީ ކޮންކަމެއްހެއްޔެވެ؟ އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފައުޅުގައި ދެކޮޅުހެދުންކަމަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަދި ކުށް (ފާފަ) ކުރުމަށްފަހު ތައުބާވެސް ނުވަނީ ނޫންހެއްޔެވެ؟ މިދެވެނީ ހަމަ އިބިލީސްދިއަ މަގުން ނޫންހެއްޔެވެ؟
މިފަދަ ކަންކަމަށް އަހުރެމެން ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ﷲ ތަޢާލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވުމަކީ ކުޑަކުޑަކަމެއް ކަމަށް ނުދެކޭށެވެ! އަދި އިންސާނުން ކަމަށްވުމުން ފާފައެއް ކުރެވުނު ނަމަވެސް ތައުބާވުމަށް އަވަސްވެނުގަނެ ތިބެން ހެޔޮނުވާނެއެވެ. އެއްވެސް މީހެއްގެ މައްޗަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައިފިނަމަ އެމީހާގެ ޙާލާއިމެދު ވިސްނާށެވެ! ބިރުވެތިވާށެވެ!
އާދާމްގެފާނު އުފައްދަވައި ﷲ ތަޢާލާ ހުރިހާ މަލާއިތުންނަށް އާދަމްގެފާނަށް ސަޖިދަކުރައްވަން ވަޙީކުރެއްވެވި ބަސްފުޅަކީ ވަރަށް ފުންކޮށް ވިސްނައި ޢިބްރަތް ޙާޞިލްކުރަންޖެހޭނެ ބަސްފުޅެކެވެ. އަދި އިބިލީހަށް އެހާބޮޑަށް ލައްނަތް ލެއްވެވި ސަބަބާއިމެދުގައިވެސް ވިސްނާލަން އެބަޖެހެއެވެ.
ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އިބިލީސް ދެކޮޅު ހެދީ އާދަމްގެފާނަށް ސަޖިދަކުރަން ނަމަވެސް ޙަޤީޤަތަކީ އިބިލީސް ދެކޮޅުހެދީ ﷲ ތަޢާލާ ކުރެއްވެވި އަމުރުފުޅަކަށެވެ. އަދި ދެކޮޅު ހެދުމަށްފަހު ތައުބާވެސް ނުވީއެވެ. ލަޢްނަތް ލެއްވެވީ އެ ސަބަބަށްޓަކައެވެ.
އިބިލީސް އާދަމްގެފާނަށް ސަޖިދަނުކުރީ ހިތުގައި އުފެދުނު ހަސަދަވެރިކަން ބޮޑުކަމުންނެވެ. އަހަރެމެން ﷲ ތަޢަލާގެ އަމުރުފުޅުތަކަށް އަމަލުނުކުރަނީ ކޮން ޙަސަދަވެރިކަމެއް ކޮން ފަރާތަކަށް އޮވެގެންހެއްޔެވެ؟ ހަމަ ޖާހިލުކަން ބޮޑުކަމުން ނޫން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން