ފަށްކުރުމެއް!: އަބޫދުޖާނާ ރަޟިޔަﷲ ޢަންހު- އުހުދު ހަނގުރާމައިގެ މުހިންމު އެއް ބަތަލު

ކިޔުމަށް ހޭދަވާނީ 8މ 19ސ
ފަށްކުރުމެއް!: އަބޫދުޖާނާ ރަޟިޔަﷲ ޢަންހު- އުހުދު ހަނގުރާމައިގެ މުހިންމު އެއް ބަތަލު

ޢަލީ އިޙްޞާން ފިރާޤް

 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ގެ ފުރިހަމަނަންފުޅަކީ ސިމާކު ބިން ޚަރާޝަތުއެވެ. ބައެއް ރިވާޔަތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ބަޔާން ކުރެއްވިފައިވަނީ ސިމާކު ބިން އައުސް ގެ ގޮތުގައެވެ. އެކަލޭގެފާނަކީ މަދީނާގެ ޤަދަރުހުރު ޤަބީލާއެއްކަމުގައިވާ ޚަޒްރަޖުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންނިއްޔަތުގެ ނަންފުޅުކަމުގައިވާ އަބޫދުޖާނާ ނަންފުޅުންނެވެ. 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم އިލާހީ ޙަޟްރަތުން ގެންނެވި ރިސާލަތަށް މަދީނާއިން އެންމެ ފުރަތަމަ އިޖާބަދެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަކީ ހިތްވަރުފުޅުގަދަކަމާއި ކެރިވަޑައިގެންނެވުމާއި ޖެހިލުންކުޑަކަމުގެ ރިވެތި ނަމޫނާއެކެވެ. އެކަލޭގެފާނުގެ މިދެންނެވި ސިފަފުޅުތައް އެކަލޭގެފާނުވަނީ ޖިހާދުގެ މައިދާނުގައި ފިސާރި ފިރިހެންވަންތަކަމާއެކު ސާބިތުކޮށްދެއްވާފައެވެ.  

ސީރަތުގެ ޢިލްމު ދިރާސާކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން މުސްލިމުންނާއި މުޝްރިކުންނާއި ދެމެދުގައި ކުރެއްވުނު އެންމެ ވަރުގަދަ އެއް ހަނގުރާމައަކީ ބަދުރު ހަނގުރާމައެވެ. އެހަނގުރާމައަކީ ޙައްޤާއި ބާތިލު ވަކިވެގެންދިޔަ ހަނގުރާމައެވެ. އެހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައެވެ. އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގެންނެވި ޞަޙާބީންގެ މަތިވެރި މުޤައްދަސު ޖަމާޢަތުގައި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ހިމެނިވަޑައިގެންނެވިއެވެ. 

ބަދުރު ހަނގުރާމައިގައި މުޝްރިކުންނަށް ލިބުނު ނާކާމިޔާބީގެ ސަބަބުން އެބައިމީހުން ތިބީ އެކަމުގެ ބަދަލު ހިފާލެވޭނެ ފުރުޞަތަކަށް ބަލަބަލައެވެ. އޭގެ ދުވަސްތަކެއް ފަހުން، އުހުދު ހަނގުރާމަ ކުރިމަތިވިއެވެ. އުހުދު ހަނގުރާމަފެށުމުގެ ކުރިން ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم މުސްލިމް މުޖާހިދުންނަށް ހިތްވަރުދެއްވިއެވެ. ދުޝްމިނުންނާއި ހަނގުރާމަ ކުރާއިރު ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ، ފައިތިލަ ސާބިތުކުރުމަށް ނަސޭހަތްތެރިވެދެއްވިއެވެ. އޭރު ރަސޫލާ صلّى اللّـه عليه وسلّم ހުންނެވީ ދަގަނޑުދަހަނާއެއް ތުރު ކުރައްވައިގެންނެވެ. މިދެންނެވި ބީދައިން މުސްލިމު މުޖާހިދުންނަށް ނަޞޭހަތްޕުޅުދެއްވުމަށްފަހު، އެކަލޭގެފާނުގެ ކަނޑިކޮޅު އުރައިން ދަންމަވައިގެންފައި ޙަދީޘް ކުރެއްވިއެވެ. 

[ތިޔަބައިމީހުންގެ ތެރެއިން މިކަނޑީގެ ޙައްޤު ފުރިހަމައަށް އަދާކުރުމުގެ މައްޗަށް ޖާމިނުވެ މިކަނޑި ލިބިގަންނާނީ ކާކުހެއްޔެވެ؟] 

ކައުއިތުރު ސާހިބާ صلّى اللّـه عليه وسلّم އެހެން ޙަދީޘް ކުރެއްވުމުން، ޞަޙާބީންގެ އެތައް މުޖާހިދުންނެއް އެކަމަށް އަވަސްވެވަޑައިގެންނެވިއެވެ. އެބޭކަލުންގެ ތެރޭގައި ޢަލީގެފާނާއި ޢުމަރުގެފާނާއި، އައްޒުބައިރު ބުނުލް ޢައްވާމް  ފަދަ ދަރަޖަމަތިވެރި އެތައް ފަހުލަވާނުންނެއް ތިއްބެވިއެވެ. އެތަންވަޅު އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ކުރިއަށް ޖެހިވަޑައިގެން ރަސޫލާއަށް ދެންނެވިއެވެ. 

[އޭ މާތްﷲ ގެ ރަސޫލާއެވެ! ތިޔަ ކަނޑިކޮޅުގެ ޙައްޤު އަދާކުރުމަކީ ކޮބައިތޯއެވެ؟] 

ކައުއިތުރު ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. [މިކަނޑި ގުދުވެއްޖައުމަށް ދާންދެން މުޝްރިކުންގެ ކަނދުރާތަކުގައި ކަނޑިން ޖެހުމެވެ. އެބައިމީހުން ޤަތުލު ކުރުމެވެ.] 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ! ތިޔަކަނޑިކޮޅުގެ ޙައްޤު އަދާކުރަން އަޅުގަނޑު ބޭނުމެވެ.] އަބޫދުޖާނާ ރަޟިޔަﷲ ޢަންހު  އެހެން ދެންނެވުމުން ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް އެކަނޑިކޮޅު ދެއްވިއެވެ.

ކުރިންވެސް ދެންނެވިފައިވާނޭފަދައިން، އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަކީ މަޝްހޫރު ހެވީންކުރެ ހިތްވަރުފުޅު ގަދަ ފަހުލަވާނެކެވެ. އެކަލޭގެފާނަށް ރަސޫލާގެ ކަނޑިކޮޅު ލިބިވަޑައިގެންނެވުމުން ވަރަށް ފަޚްރުވެރިވެވެވަޑައިގެން ފަތަރާސީ ހިންގެވުމަކުން ހިންގަވައިފައި ވަޑައިގެންނެވިއެވެ. އެ މަންޒަރު ފެނިވަޑައިގެންނެވުމުން ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

[އެހިނގުމަކީ މިފަދަ ހަނގުރާމައިގެ މުނާސަބާތަކުގައި މެނުވީ މާތްﷲ ރުހިވޮޑިގެންވާ ހިނގުމެއްނޫނެވެ.] 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ރަތްކުލައިގެ ފަގުޑިކޮޅެއް ގެންގުޅުއްވައެވެ. އެ ފަގުޑިކޮޅު އިސްތަށިފުޅުގައި އަޅުއްވައިފިނަމަ އޭގެމާނާއަކީ އެކަލޭގެފާނު ފަސްޖެހިވަޑައިގަތުމެއްނެތި ކާމިޔާބު ހޯއްދަވާނެކަމެވެ. ނުވަތަ ޝަހީދުވެއްޖެއުމަށް ދާންދެން ހަނގުރާމަކުރެއްވާނެކަމެވެ. އުޙުދުގެ ދުވަހު އަބޫދުޖާނާ ރަޟިޔަﷲ ޢަންހު، ރަސޫލާގެ ކަނޑިކޮޅު އަތުލެއްވުމަށްފަހު އިސްތަށިފުޅުގައި ރަތް ފަގުޑިކޮޅެއް ތުރުކުރެއްވިއެވެ. އެގޮތަށް ވަޑައިގެން ހަނގުރާމަކުރައްވައި ވަރަށް ގިނަ ޢަދަދެއްގެ މުޝްރިކުން ޤަތުލުކުރެއްވިއެވެ. 

އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު  ވިދާޅުވެފައިވެއެވެ. [ރަސޫލާ صلّى اللّـه عليه وسلّم ގެ ކަނޑިކޮޅު ދެއްވުމަށް އިތުރު އެކަލޭގފާނުގެ އަރިހުން އަހަރެން އެދި ދެންނެވީމެވެ. ނަމަވެސް އެކަލޭގެފާނު އެކަނޑިކޮޅު އަހަރެންނަކަށް ނުދެއްވިއެވެ. އެކަނޑިކޮޅު ދެއްވީ އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަށެވެ. އިތުރު އެކަލޭގެފާނު އެކަނޑިކޮޅު އަހަރެންނަށް ނުދެއްވުމުން އެކަމުގެ ސަބަބުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. [އަހަރެންނަކީ މާތް ރަސޫލާގެ ބޮޑުދައިތާފުޅުގެ ދަރިކަލަކީމުއެވެ. އަދި ޤުރައިޝުންގެ ތެރެއިންވާ މީހަކީމުއެވެ. އެކަނޑި އަހަރެންނަށް ނުދެއްވައި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަށް ދެއްވީ ކީއްވެގެންބާވައެވެ. މާތް ﷲ ގަންދީ ބުނަމެވެ. އަހަރެން އެގޮތެއް ރަނގަޅަށް ބަލާނަމެވެ.]

ދެން އަހަރެން އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ގެ ފަސްފަހަތުން އެކަލޭގެފާނު ހަނގުރާމަ ކުރައްވާތަން ބަލަމުން ގެންދިޔައީމުއެވެ. އެގޮތުން އެކަލޭގެފާނު އެންމެ ފުރަތަމަ އެކަލޭގެފާނު އިސްތަށިފުޅުގައި ރަތްކުލައިގެ ފަގުޑިތުރުކުރެއްވިއެވެ. އެމަންޒަރު ފެނުމުން އަންޞާރުންގެ ބޭކަލުން ވިދާޅުވިއެވެ. އަބޫދުޖާނާ ރަޟިޔަﷲ ޢަންހު މަރުގެ ފަގުޑިތުރުކުރައްވައިފިއެވެ. ދެން އެކަލޭގެފާނު މި ޅެން ބައިތު ވިދާޅުވަމުން ވަޑައިގެންނެވިއެވެ. 

[އަހަރެމެން ކަދުރުރުއްތަކުގެ ކައިރީގައި އިތުރު އެކަލޭގެފާނަށް ބައިއަތު ހިފީމުއެވެ. އަހުދު ކަށަވަރު ހިފީމުއެވެ. ހަނގުރާމައިގެ ކުރީސަފަށް އަރައި ކަނޑިހިންގައި، ﷲ އާއި އެކަލާނގެ ރަސޫލާއަށް ނަޞްރުދިނުމަށެވެ.] 

އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު  ވިދާޅުވެފައިވެއެވެ. މިޅެންބައިތު ވިދާޅުވެފައި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އެކަލޭގެފާނާއި ކުރިމަތިލައިގެން އަންނަ ކޮންމެ މުޝްރިކަކު ޤަތުލުކުރައްވަމުން ގެންދެވިއެވެ. އޭރު މުޝްރިކުންގެ ލަޝްކަރުގެ ތެރޭގައި ހަތްބޯރާސެއްފަދަ ފަހުލަވާނެއް ހުއްޓެވެ. އޭނާއަށް މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ޒަޚަމްވެވަފައިވާ މީހަކު ފެނިއްޖެނަމަ ޝަހީދުކޮށްލައެވެ. އޭނާ އާއި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އާއި ބައްދަލުވޭތޯ އަހަރެން ދުޢާކުރަމުން ގެނދަޔައީމުއެވެ. އަހަރެންގެ ދުޢާ އިޖާބަކުރައްވައި ވަރަށް އަވަހަށް އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އާއި މުޝްރިކުކަލޭގެ ބައްދަލުވެއްޖެއެވެ.

އެންމެ ފުރަތަމަ މުޝްރިކުކަލޭގެ އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަށް ޙަމަލާދިނެވެ. ނަމަވެސް އެކަލޭގެފާނު އެ ޙަމަލާއިން ރެކިވަޑައިގެން، މުޝްރިކުކަލޭގެއަށް ޙަމަލާދެއްވައި އޭނާ ޤަތުލުކޮށްލެއްވިއެވެ. އެއަށްފަހު މުޝްރިކުންގެ ސަފުތަށް ހާވިޔާ ކުރައްވަމުން ހަނގުރާމަ ކުރައްވަމުން އެކަލޭގެފާނު ވަޑައިގެންވިއެވެ. އެހެންވަޑައިގަންވަނިކޮށް ދަހަނާ އަޅައިގެން ހުރި މީހަކާއި ބައްދަލުވިއެވެ. އޭނާ މުޝްރިކުންނަށް ވަރުގަދައަށް ހިތްވަރު ދެމުންގެނދިޔައެވެ. ދެން އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އޭނާގެ ގާތަށް ވަޑައިގެން ކަނޑިމަޅައިގެންނެވުމުން އޭނާ ހަޅޭލަވައިގެންނެވިއެވެ. އޭނާ ހަޅޭލަވައިގަތުމުން އެއީ އަންހެނެއްކަން އެނގިވަޑައިގެން އަވަސްއަވަހަށް އެކަލޭގެފާނުގެ ކަނޑިކޮޅު ތިރިކޮށްލެއްވިއެވެ. އެއީ، ރަސޫލާގެ ކަނޑިކޮޅުން އެއްވެސް އަންހެނެއްގެ ލޭ އޮހޮރުވައި ލުހެއްވުމަށްޓަކައެވެ. 

މިދެންނެވި ކަންތައްތައް ދެކެވަޑައިގެން އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު އަށް އެކަނޑިކޮޅު ނުދެއްވައި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު އަށް އެކަނޑިކޮޅު ދެއްވި ސަބަބު އެނގިވަޑައިގެންނެވިއެވެ.

ހިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލުމަހުގެ ހަތެއްވީ ހޮނިހިރު ދުވަހު ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެން ފާޠިމަތުގެފާނަށް އެކަލޭގެފާނުގެ ކަނޑިކޮޅު ސާފުކުރެއްވުމަށް ދެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. [މާތް ﷲ ގަންދެމެވެ. މިއަދު ތިމަންކަލޭގެފާނަށް މިކަނޑިގެ މުހިއްމުކަން ސާބިތުވެއްޖެއެވެ.] އެހެން ޙަދީޘް ކުރެއްވުމުން ޢަލީގެފާނު ވެސް އެކަލޭގެފާނު ކަނޑިކޮޅު ސާފުކުރެއްވުމަށް ފާޠިމަތުގެފާނަށް ދެއްވުމަށްފަހު ވިދާޅުވިއެވެ. [ތިމަންކަލޭގެފަށްވެސް މިކަނޑީގެ ސާބިތުކަން ހާމަވެއްޖެއެވެ.] އެޑުއައްސަވައި ރަސޫލާ ޙަދީޘްކުރެއްވިއެވެ.

[ޝައްކެއްނެތެވެ. ކަލޭގެފާނު ތެދުވެރިކަމާއެކު ހަނގުރާމަ ކުރައްވައިފީމުއެވެ. ކަލޭގެފާނާއިއެކު އަބޫދުޖާނާ އާއި ސަހްލު ބިން ޚުނައިފުވެސް  ތެދުވެރިކަމާއެކުގައި ހަނގުރާމަކުރެއްވިއެވެ.] 

މިދެންނެވި ދެހަނގުރާމައިގެ އިތުރުން އިތުރު ރަސޫލާގެ ޙަޔާތްޕުޅުގައި ކުރެވުނު  މުހިއްމު ޣަޒުވާތަކާއި ސަރިއްޔާތަކުގައި އަބޫދުޖާނާ ރަޟިޔަﷲ ޢަންހު  ބައިވެރިވެވަޑައިގެންނެވިއެވެ. ނުހަނު ހިތްވަރާއި ފަންވަރާއެކު ހަނގުރާމަކުރެއްވިއެވެ. 

ހިތްވަރުފުޅު ގަދަކަމާއި އަޒުމުފުޅު ވަރުގަދަކަމުގެ އިތުރުން އަބޫދުޖާނާ ރަޟިޔަﷲ ޢަންހު  އަކީ ވަރަށް ހިތްޕުޅު ސާފު ޚުލުޤުފުޅު ރީތި ބޭކަލެކެވެ. އެއްފަހަރު އަބޫދުޖާނާ ރަޟިޔަﷲ ޢަންހު  އާލާސްކަންފުޅެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވާ ޚަބަރު ލިބިވަޑައިގެން މީސްތަކުން އެކަލޭގެފާނަށް ޒިޔާތްކުރުމަށް ދިޔައެވެ. އެވަގުތު މީސްތަކުންނަށް އެކަލޭގެފާނުގެ މޫނުފުޅު ފެނިވަޑައިގެންނެވީ އަލިކަމާއި އުޖާލާކަމެވެ. އާލާސްކަންފުޅުގެ އެއްވެސް އަސަރެއް އެކަލޭގެފާނުގެ މޫނުފުޅުން ފެނިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އެބައިމީހުން އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ.  

[ކަލޭގެފާނުގެ މޫފުޅުން އަޅުގަނޑުމެންނަށް މިފެންނަނަކީ އަލިކަމާއި އުޖާލާކަމެވެ. އެއީ ކީއްވެގެންތޯއެވެ.؟] 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު  ޖަވާބުދެއްވިއެވެ. [އަހަރެންގެ ދެ އަމަލަމާމެދު އަހަރެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވެއެވެ. އެއީ އަހަރެން، އަހަރެންނާއި ނުބެހޭކަންތައްތަކާއި ބެހިނޫޅުމެވެ. އަދި އެހެން މުސްލިމުންނާމެދުގައި ދުވަހަކުވެސް އަހަރެންގެ ހިތުގައި ކިލަނބުކަމެއް ނުގެންގުޅުމެވެ.] 

އަބޫދުޖާނާ ރަޟިޔަﷲ ޢަންހު ޝަހީދުވީ އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ނަބީކަމަށް ދައުވާ ކުރަމުން ގެންދިޔަ مسلمة الكذّاب (މުސައިލަމަތުލުލް ކައްޛާބު) އާ ކުރެވުނު ހަނގުރާމައިގެ ތެރޭގައެވެ. ހިޖްރައިން 11 ވަނަ އަހަރުގެ ތެރޭގައެވެ.

 

މިއަދު އޮންލައިން