ތިބާއަށް ތަޤްވާވެރި، ހެޔޮލަފާ އަންތބަކު ދެއްވަވައިފިނަމަ އެއީ ތިބާއަށް ލައްވަވާ އެންމެ ބޮޑު ރަޙްމަތެވެ. ތިބާއަށް އޮތީ އޭނާއަށް ހެޔޮކޮށްހިތައިގެން ގެންގުޅުމެވެ. އެއިރުން ތިބާގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވައި ރިޒުޤް އިތުރުކޮށްދެއްވަވާނެތެވެ. އަދި ތިއަ ކަނބަލުންނަށް ތަޤްވާވެރި، ހެޔޮލަފާ ފިރިއަކު ދެއްވެވުމުންވެސް އޮތީ ހަމަ މިގޮތެވެ.
މައްސަލައަކަށް މިވަނީ ތަޤްވާވެރި ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމުން އެއީ ތިމާ ބޭނުންގޮތަކަށް ކަންކަންކުރަން ލިބުނު މީހަކުކަމަށްދެކި އޭނާއާއިމެދު އިހްމާލުވެވޭކަމެވެ. އޭނާގެ ހިތުގައި ޖައްސުވައި އަނިޔާވެރިވެވޭކަމެވެ. އެގޮތަށް ކަންތައްކުރާ މީހުން އެދަނީ އެކަމުގެ ހިތާމަ ޢުމުރަށް ކުރަމުންނެވެ.
ޢާއިލާގެ ތެރޭގައިވެސް އަދި އެކުވެރިންގެ މެދުގައިވެސް އެންމެ ގިނައިން ދެއްކޭ އެއްވާހަކައަކީ މިވެނި މީހަކަށް ނުރަނގަޅު ބައިވެރިއަކުލިބުމުން ޖެހޭ މައްސަލަތަކުގެ ވާހަކަތަކެވެ. އަނެކާއަށް އުޅެންޖެހޭ ހިތްދަތިކަމުގެ ވާހަކަތަކެވެ. މިފަދަ ވާހަކަތައް ދައްކަމުންވެސް ހިތަށް އެރިހާ ގޮތަކަށް ތިމާ ކަންކަން ކުރުމަކީ ކޮންފަދަ ބޮޑު ބޭއިންޞާފެއްހެއްޔެވެ؟ އެއީ ކިހާނުބައި ކަމެއް ހެއްޔެވެ؟
އަހުރެމެންނަށް ކާމިޔާބު ލިބެން އޮތީ އަހުރެމެންގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމުންނެވެ. ވީމާ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭމީހާ މިބުނި ކަންކަމަށް ސަމާލުކަންދީ ﷲ ތަޢަލާގެ ރަޙްމަތް ޙައްޤުވާ މީހަކަށްވާށެވެ. އުފާވެރިކަން ލިބޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން