އެންމެ މާތް އިންސާނާ، ރަސޫލާ ޞޢޥ ދުނިޔޭގަ އުޅުއްވެވި ޙާލުކޮޅުން އަހުރެމެން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
އެންމެ މާތް އިންސާނާ، ރަސޫލާ ޞޢޥ ދުނިޔޭގަ އުޅުއްވެވި ޙާލުކޮޅުން އަހުރެމެން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅު!

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިރިއުޅުއްވެވި ކަމަށް ބުނެވޭ ގަނޑުވަރުކޮޅުތަކަކީ ކޮންފެންވަރެއްގައި ހުރިތަންތަންކަމުގެ ވާހަކަ ދެކެވެނީ ވަރަށް މަދުންނެވެ. އެއީ އެކަމުން ޙާޞިލުކުރަންޖެހޭ ފިލާވަޅުތަކެއް ނެތުމަކުން ނޫނެވެ. ދުނިޔޭގެ އަރާމަށް ބޭނުންވެގެންތިބި މިންވަރުބޮޑުވުމުންނެވެ.  

ލިބުނު ނުވަތަ ހޯދުނު ގޮތަކަށް ފައިސާ ހޯދައިގެން އެންމެ މަތީ ފެންވަރުގައި ގެދޮރުއަޅައި ގެއަށް ބޭނުންވާ އަގުބޮޑު ފަރުނީޗަރު ހޯދައިގެން އަރާމާއި އުފަލުގައި ދިރިއުޅެމުންދާއިރު މާތް ﷲ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް އިންސާނާ، އިތުރު ޞާޙިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގައި އުޅުއްވެވި ޙާލުކޮޅާއިމެދު އެންމެ ފަހަރަކުނަމަވެސް ވިސްނައިލީމު ހެއްޔެވެ؟  

އެފަދަ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން ވަރަށް މުހިންމުކަން ފާހަގަކުރަމެވެ.  

ބައެއް މީހުން އެމީހުން ބޭނުންވާ ލަނޑުދަނޑި ކާމިޔާބުވެސް ކުރެއެވެ. ނަމަވެސް 50،60 އަހަރު މަސައްކަތްކޮށްގެން ހޯދޭ އުފާވެރިކަމުގައި އެމީހަކަށް ދިރިއުޅެވެނީ މަދު ދުވަސްކޮޅަކުއެވެ. މަރު އައިސް ކުރިމަތިލައެވެ. ހަމަ ވަގުތުން ޖެހެނީ އުމުރު ދުވަހުގެ މަސައްކަތުން ބިނާކުރި އަގުބޮޑުގެއާއި ހޯދިހައި ތަކެތި އެހެން ބައަކަށް ދީފައި ކައްވަޅަށްދާށެވެ!  

ކޮންމެ މީހަކުވެސް ބޭނުންވަނީ މަދުވެގެން 10،12 ބުރީގެ ގެއެކެވެ. އެންމެ ޒަމާނީ ފަރުނީޗަރާއި ބަދިގޭސާމާނާއި އަދި އެންމެ އަގުބޮޑު ކާރެވެ. އެކަންކަން ޙާޞިލުކުރެވޭތޯ ތެޅިފޮޅެމުން ދަނިކޮށް ޖެހެނީ ދުނިޔެ ދޫކުރާށެވެ.  

އެކަންކަން ކުރަން ވެގެން ބުރަކޮށް މަސައްކަތްކުރުމަށާއި އަވަދިނެތި އުޅެން ޖެހުމުން އާޚިރަތަށް ގެންދާނެ އެއްވެސް އެއްޗެއް ޖަމާކުރެވިފައެއް ނުހުރެއެވެ. ނަތީޖާއަކީ މިދުނިޔެއިންވެސް އުފަލެއް ނުލިބުމާއި ކައްވަޅާއި ޢާޚިރަތް ވެސް ނުލިބުމެވެ. މުބުނީ ކައްވަޅުގެ ޢަޒާބާއި ނަރަކައިގެ ޢަޒާބުން ސަލާމަތް ނުވެވޭ ހާލުގައި ދުނިޔެ ދޫކުރަންޖެހޭ ވާހަކައެވެ.  

ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވެވި އެންމެ މާތް، އެންމެ މަތިވެރި އިންސާނާ ރަސޫލް (ﷺ) ދިރިއުޅުއްވަވާ ގަނޑުވަރުކޮޅަށް ޢުމަރުގެފާނު ފުރަތަމަ ފަހަރަށް ވަދެވަޑައިގަތުމުން ފެނިވަޑައިގެންނެވި ފަޤީރު، ނިކަމެތި ޙާލުކޮޅަށް ކީރިތި ކުރައްވަމުން ރަސޫލް (ﷺ) އަށް ދެންނެވި ބަސްފުޅާއި ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވި ޖަވާބު ލިޔުމުގައިވާ ވީޑިއޯ އިން އަޑު އައްސަވައިލައްވާށެވެ!  

އޮށޯވެވަޑައިގެން އޮންނެވީ ކަދުރުރުކުގެ ފަނެއްގައި ކަމުން ފާހަގަ ހަށިކޮޅުގައި ހުއްޓެވެ. ބޯއަޅުއްވަިގެން އޮންނެވި ބާލީސްކޮޅުގައިވެސް ހުރި ފަތުގެ ސަބަބުން އެ ބަރަކާތްތެރި ކޯފުޅުގައި ފާހަގަތައް ހުއްޓެވެ. ރަސޫލް (ﷺ) ގެ ގަނޑުވަރުކޮޅުގައި ހުރި ބައްތިކޮޅު ދިއްލާނެ ތެލެއް ނެތެވެ.  

އަހަރެމެން މިއަދު މިއުޅެނީ ސިޓިންގ ރޫމްގައި 3،4 ބޮކި ޖަހައިގެންނެވެ. ލަންޓަން އެލުވައި އެވެސް ތަފާތު ކުލަތަކުން ދިއްލައިގެންނެވެ.  

ކިންގ ސައިޒް އެނދަކާއި ބޯމިނުގައި 1 ފޫޓުބޯ ހުރި މޮޅު ގޮދަޑިއާއި ބާލީސް ނެތް ނަމަ ނިދޭ ކަމަކަށް ނުވެއެވެ. ރަސޫލް (ﷺ) އަވަހާރަފުޅު ލެއްޕެވީ ކަދުރުރުކުގެފަނާއި ހުއިމަތީގައެވެ.  

މީގެ މާނައަކީ އެއްވެސް ޙާލެއްގައި އެގޮތަށް ނިދަން ބުނުމެއް ނޫނެވެ. ވިސްނައިދޭން މި މަސައްކަތްކުރަނީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަޅުކަން ކުރަން ވަގުތު ހުސްކުރުމުގެ މުހިންމު ކަމެވެ. އާޚިރަތަށް ގެންދާނެ މުދައު އެއްކުރެވޭނީ އެއިރުން ކަމެވެ. ދުނިޔޭގައި ކިތަންމެ އަރާމުގައި އުޅުނު ނަމަވެސް ހުސްއަތާ އާޚިރަތަށް ދާން ޖެހިއްޖެނަމަ ދުނިޔޭގައި އެމީހަކު ހޭދަކުރި ދުވަސްތަކުން ކުރި އެއްވެސް ޙަޤީޤީ ފައިދާއެއް އެމީހަކަށް ނެތް ކަމެވެ.  

ވީޑިއޯ އިން ބިލާލް އައްސަދުގެ ބަސްފުޅު އަޑުއައްސަވައިލައްވާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގަނޑުވަރުކޮޅު ހުރި ނިކަމެތި ޙާލު އެނގިވަޑައިގަންނަވާނެއެވެ.  

 

 

މިއަދު އޮންލައިން