ދީނުގަ ޘާބިތުކަމާއެކު ކުރިއަށް ދެވޭނީވެސް ﷲ ތައާލާ ދެކެ ލޯބިވެވޭނީވެސް ﷲ ތަޢާލާގެ މިސިފަފުޅުތައް އެނގިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ދީނުގަ ޘާބިތުކަމާއެކު ކުރިއަށް ދެވޭނީވެސް ﷲ ތައާލާ ދެކެ ލޯބިވެވޭނީވެސް ﷲ ތަޢާލާގެ މިސިފަފުޅުތައް އެނގިގެން!

އަހަރެމެން ކީރިތި ޤްރުއާން ކިޔަވަމުއެވެ.

އެހެންކަމުން ފުރަތަމަ ވިސްނައިލަންވީ މިކުރަނީ ކޮން ކަމެއް ކަމާއިމެދުގައެވެ. ކީރިތި ޤްރުއާން ކިޔަވަނީ ކީއްކުރަންތޯ މީހަކު ސުވާލުކޮށްފިނަމަ އެއީ ﷲ ތަޢާލާ ގެ ކަލާމްފުޅު ކަމަށް ބުނެލުމަކުން އަދި ނުފުފެދެއެވެ. ﷲ އަކީ ކޮބައިކަންވެސް އެނގެން އެބަޖެހެއެވެ. ﷲ ތަޢާލާގެ ސިފަފުޅުތައްވެސް އެނގެންޖެހޭނެއެވެ. އެކަން އެނގެން މާގިނަ ފޮތްތަކެއް ކިޔާކަށް ނުޖެހެއެވެ.  

بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެކަނި ކިޔައިލުމުންވެސް އެނގޭނެއެވެ!   

ﷲ ތާޢާލާ އީ ރަޙްމާން ވަންތަ ރަޙީމްވަންތަ މާތް ﷲއެވެ. އެކަން ބިސްމި ކިޔުމުން އެނގިގެން ދެއެވެ. ދެން އަލޙްމދުގެ ފުރަތަމަ އާޔަތަށް ވިސްނާށެވެ. "ރައްބުލްޢާލްމީން" ގެ މާނައަށް ވިސްނާށެވެ. އެންމެހައި ކާއިނާތުތަކާއި އެންމެހައި މަޚްލޫޤުން އުފެއްދެވި އަދި އެތަކެތީގެ މައްޗަށް ހުރިހާ ބާރުތަކެއް ފޯރުއްވަވާ ފަރާތެވެ. އެ އެންމެހައިތަކެތީގެ މިލްކުވެރި ފަރާތެވެ. ހަމައެއާއިއެކު 2 ވަނަ ޢާޔަތުގައި ބަޔާން ކުރައްވަވާފައިވަނީ ވެސް "ރަހްމާން ވަންތަ ރަޙީމް ވަންތަ" ﷲ ކަމަށެވެ. ﷲ ތަޢާލާއީ އެންމެ ދީލަތިވަންތަ އެންމެ އޯގާތެރިވަންތަ ފަރާތްކަން ބަޔާންކޮށް ދެއްވެވުމަށެވެ. އެކަމުގެ ހެކިތައް ވެސް މިހިރީ ފެންނާށެވެ. އިންސާނުން ނުވެސް އެދޭ އެތައް ގިނަ ނިޢްމަތްތަކެއް ﷲ ތަޢާލާ ވަނީ އިންސާނުންނަށް ދެއްވަވައިފައެވެ.

ދެން މި ބަޔާން ކުރައްވަވަނީ ތިމަން ﷲ އީ ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެ ކަމަށެވެ. ވީމާ އެދުވަހަކީ އެހެން އެއްވެސް މީހެއްގެ އެއްވެސް ބާރެއް ހިނގާނޭ ދުވަހެއް ނޫންކަން ވަރަށް ރަނގަޅަށް އެނގިގެން އެބަދެއެވެ.  

މިގޮތަށް ބަޔާން ކުރއްވަވާފައި އޮތުމުން އެނގެންވީ ތިމާއަށް ﷲ ތާޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން މަޖުބޫރުވާނެ ކަމެވެ. ވީމާ އަމަލުތައް ބަހައްޓަން ޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ކަމެވެ. ނޫންނަމަ ތިމާގެ ނުވަތަ އެހެން އެއްވެސް މީހެއްގެ އެއްވެސް ބާރެއް ނުހިނގާނެ ދުވަހު ތިމާ ނިކަމެތިވެގެންދާނެ މިންވަރު ހިތަށް ގެންނާށެވެ!  

މި ދެ އާޔަތް ޖެހިޖެހިގެން ބަޔާން ކުރައްވަވާފައި އޮތުމުގެ ވެސް ވަރަށް މުހިންމު ކަމެއް އެބަ އޮތެވެ. އެއީ ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ކުރިމަތިލާން ޖެހޭނެއިރު ﷲ ތަޢާލާއަށް ބިރުވެތިވާން ޖެހޭނެކަން ބަޔާން ކުރެއްވެވުމާއި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމުން ފާފަ ފުއްސަވައި ދެއްވަވާނެކަން ބަޔާން ކުރެއްވެވުމެވެ. ﷲ ތައާލާގެ ދީލަތިވަންތަކަން ބަޔާން ކުރައްވަވާފައި އޮތުމުން ތައުބާވެ ފާފަ ފުއްސެވުމަށް އެދި ދެންނެވުމުން ފާފަ ފުއްސަވައި ދެއްވަވާނެކަން ބަޔާން ކުރެއްވެވުމެވެ.  

ހަމައެއާއިއެކު ދުޢާ ކުރުމުގެ މުހިންމުކަންވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ. "ސީދާވެގެންވާ ތެދުމަގު ދައްކަވައި ދެއްވެވުމަށް" އެދި ދުޢާ ކުރަން މިއޮތީ ކުރައްވަވައިފައެވެ. ހުރިހާ ވެސް މައްސަލައަކީ ދުވާލަކު އެތައް ފަހަރަކު އަލްޙަމްދު ތަކުރާރުކޮށް ކިޔަވަމުން ގެންދާއިރުވެސް، އަދި މިދުޢާ ކުރަމުން ގެންދާއިރުވެސް މިކުރެވެނީ ކީއްކަން ހިތަށް ނުގެނެވޭ ކަމެވެ. ގެނެވޭނަމަ އަހަރެމެން ތިބޭނީ ސީދާވެގެންވާ ތެދުމަގުގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން