ހޭދަކުރުމުގަ އަނބިދަރިންނަށާ ޢާއިލާއަށް އިސްކަންދޭންޖެހޭ ސަބަބު!: ﷲ ތަޢާލާގެ ޙަޟްރަތުގަ ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ އަނބިދަރިންނަށާ ޢާއިލާއަށް ކުރާ ޚަރަދުގެ!: ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 9ސ
ހޭދަކުރުމުގަ އަނބިދަރިންނަށާ ޢާއިލާއަށް އިސްކަންދޭންޖެހޭ ސަބަބު!: ﷲ ތަޢާލާގެ ޙަޟްރަތުގަ ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ އަނބިދަރިންނަށާ ޢާއިލާއަށް ކުރާ ޚަރަދުގެ!: ޙަދީޘް

ﷲ ތަޢާލާ ވަނީ ކޮންމެ ކަމެއް ކުރުމުގައިވެސް އެންމެ ފައިދާހުރި ގޮތް އަންގަވައިދެއްވަވައިފައެވެ. އެގޮތުން ﷲ ތަޢާލާ ދެއްވަވާ ތަނަވަސްކްމުން ހޭދަކުރަން އެންމެ ފައިދާހުރި ގޮތްވެސް ވަނީ އަންގަވައިދެއްވަވައިފައެވެ. އަނބިދަރިންނަށާއި ޢާއިލާއަށް ޚަރަދުކުރަން ފަސްޖެހޭ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ލިޔުމުން އެންމެންނަށްވެސް ފައިދާކުރާނެއެވެ. އިން ޝާ ﷲ

عن أَبي هريرة  قال: قال رسولُ اللَّه ﷺ: دِينَارٌ أَنْفَقْتَهُ في سبيلِ اللَّه، وَدِينَارٌ أَنْفَقْتَهُ في رقَبَةٍ، ودِينَارٌ تصدَّقْتَ بِهِ عَلَى مِسْكِينٍ، وَدِينَارٌ أَنْفَقْتَهُ علَى أَهْلِكَ، أَعْظَمُهَا أَجْرًا الَّذي أَنْفَقْتَهُ علَى أَهْلِكَ رواه مسلم.

މާތް الله، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “اللهގެ މަގުގައި ތިބާ ހޭދަކުޅަ ދީނާރާއި، އަޅަކު މިނިވަންކުޅައުމަށްޓަކައި ތިބާ ހޭދަކުޅަ ދީނާރާއި، މިސްކީނަކަށް ތިބާ ހޭދަކުޅަ ދީނާރާއި، ތިބާގެ އަހުލުވެރިންގެ މައްޗަށް ތިބާ ހޭދަކުޅަ ދީނާރާއި، މިހުރިހައި ޚަރަދުތަކެއްގެ ތެރެއިން (الله ގެ ޙަޟްރަތުގައި) އޭގެ ދަރުމައާއި ޘަވާބު އެންމެ އިތުރުވެގެންވަނީ، ތިބާގެ އަހުލުވެރިންގެ މައްޗަށް ތިބަ ހޭދަކުޅަ ދީނާރެވެ." 

މި ޙަދީޘް ބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ މުދާ ހޭދަކުރާ ގޮތްތަކުގެ ތެރެއިން، މުދާ ހޭދަކުރެވޭ ގޮތްތަކުގެ ތެރެއިން އޭގެ ތެރެއިން އެންމެ މަތިވެރި ގޮތަކީ ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ހޭދައަކީ އެއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށްޓަކައި ކުރާ ހޭދަ. އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ އަނބިން، އަޅުގަނޑުމެންގެ މަންމަ އާއި ބައްޕަ މިފަދަ ފަރާތްތަކަށްޓަކައި އަޅުގަނޑުމެން ކުރާ ހޭދަ އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ހޭދަކަން މި ޙަދީޘް ބަސްފުޅުގެ އަލީގަ އަޅުގަނޑުމެންނަށް އެބަ އެނގިގެން ދޭ.  

ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ މި ދަރުމައާއި ސަވާބު މި މަތިވެރި ދަރުމައާއި ސަވާބު ލިބޭނީ އެމީހެއްގެ ހިތްނިޔަތް  ޚާލިސްކޮށް ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެކަމަށްޓަކައި ސަވާބާއި ދަރުމައަށް އެދިގެން އެގޮތަށް އޭނާ ހޭދަކުރާ ކަމުގައި ވަނީނަމައެވެ.  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ އެހެން ޙަދީޘް ބަސްފުޅެއްގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ " މީހަކު އޭނާގެ އަހުލިވެރިންގެ މައްޗަށް ހޭދައެއް ކުރާހިނދު ﷲ ގެ ޙަޟްރަތުން އެކަމުގެ ދަރުމައާއި ސަވާބަށް އެދި ހުރެ ހޭދަކުރާނަމަ ދަންނާށޭ، ފަހެ އެއީ އޭނާއަށްޓަކައިވާ ޞަދަޤާތެއް ކަމުގައި ވާހުއްޓެވެ."  

މީގެ އިތުރުން އަދި އަޅުގަނޑުމެން ދަންނަންޖެހޭ ވަރަށް ބޮޑު ޙަޤީގަތެއް ވަރަށް މުހިއްމު ކަމެއް އެބައޮތް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ހޭދަ ނުކުރާކަމުގައި ވަނީނަމަ ކުޅަދާނަކަމާއި އެކުގައިވެސް، އަޅުގަނޑުމެންނަށް ކުޅަދާނަ ވެގެންވާ ހާލުގައިވެސް މިފަދަ ފަރާތްތަކަށް އަޅުގަނޑުމެން ހޭދަ ނުކުރާކަމުގައި ވަނީނަމަ އެއީ އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް ބޮޑު ފާފައެއް. މިކަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވަމުން ޙަދީޘް ކުރައްވަނީ " އެމީހަކު ޚަރަދު ބަރަދު ބަލަހައްޓަންޖެހޭ ބަޔަކަށް ހޭދަނުކޮށް އެބައިމީހުން ނަގާލުމަކީ (އެބަހީ: އެބައިމީހުންނަށް ދިނުން ލާޒިމްވާ ޚަރަދު ބަރަދު ނުދީ އެމީހުން ދަތި ޙާލުގާ ޖެއްސުމަކީ) އެމީހަކަށް ކުރެވޭ ފާފައެއް ކަމުގައި ފުދޭ ކަމެކެވެ.  

އަޅުގަނޑުމެންގެ ތެރެއިން މަދެއްކޮށެއް ނޫން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ފުދޭވަރަކަށް ފެންނަ މަންޒަރެއް އެއީ ދެމަފިރިން ވަކިވުމަށްފަހު ބައެއް ފަހަރަށް ދަރިންނަށް ޚަރަދު ނުދޭތަން. އަދި އަނެއްބައި ފަހަރު ޚަރަދު ދިނަސްވެސް ބައެއް ފަހަރަށް ކޯޓުން އެ ލާޒިމްކުރާ އެއްހާސް ރުފިޔާ އެކަނި ދީފަ އެހިސާބުން ބައެއް މީހުން ނިންމާލާ. ނަމަވެސް ޙަޤީގަތުގައި މި ޒަމާނުގައި އެއްހާސް ރުފިޔާއިން ދަރިންގެ ކަންތައްތަކެއް ޙަޤީގަތުގައި ނުވެއް ފުދޭނެ. އެހެންވީމަ އެ ދަރިންނަށް ފުދޭ މިންވަރަށް އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން ޚަރަދު ބަރަދު އެކުދިންނަށް ދިނުމަކީ އެއީ އިސްލާމް ދީނުގައި އޭނާގެ މައްޗަށް ވާޖިބް ކުރައްވާފައިވާ ކަމެއް. އެކަން އޭނަ އެގޮތަށް ނުކުރާކަމުގައި ވާނީނަމަ އެއީ އޭނައަށް ކުރެވޭ ވަރަށްބޮޑު ފާފައެއް.  

އަދި ހަމަ އެގޮތަށް އަޅުގަނޑުމެންގެ މައިން ބަފައިންނަށްޓަކައި އަދި އަޅުގަނޑުމެންގެ އަނބިންނަށްޓަކައިވެސް އަޅުގަނޑުމެން އެބަޖެހޭ ހެޔޮ ގޮތުގައި އެމީހުންނަށް އެކަށީގެންވާ މިންވަރަށް އަދި އަޅުގަނޑުމެންނަށް ކުޅަދާނަ ވެގެންވާ މިންވަރަށް ޚަރަދު ދޭން. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށްޓަކައި ލިޔުއްވާނޭ  މަތިވެރި ޞަދަޤާތެއް.

ދުޢާއަކީ ﷲ ސުބުޙާބަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މުދަލުގައި ބަރަކާތް ލައްވާ އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މުދާ ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހި ވޮޑިގަންނަވާ ފަދައިން ހޭދަކުރާ ބައެއް ކަމުގައި ލެއްވުން. 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

 

 

މިއަދު އޮންލައިން