ލުޤްމާންގެފާނުގެ ވާހަކަ -1

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 57ސ
ލުޤްމާންގެފާނުގެ ވާހަކަ -1

ޢަލީ އިޙްޞާން ފިރާޤް

لُقْمَانُ عليه السّلام

ކީރިތި ޤުރްއާނަކީ އެފޮތުން ތެދުމަގާއި ހިދާޔަތު ލިބުމަށް އެދޭ މީހަކަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތެއް އެކުލެވިގެންވާ އިލާހީ ކަލާމްފުޅެވެ. އިންސާނުނަށް ހަމަމަގުގައި ސާބިތުވެތިބުމަށް ބޭނުންވާނެ އެންމެހައި މަޢުލޫމާތެއް އެފޮތުގައިވެއެވެ. އިންސާނުން އެއިން ޢިބްރަތް ޙާޞިލުކުރެވޭނެފަދަ އެތަކެއް ވާހަކަތަކާއި މިސާލުތައް އެފޮތުގައި އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ އެބޭކަލަކަށް އެކަލާނގެ ޙިކުމަތްދެއްވި لُقْمَانُ عليه السّلام ގެ ވާހަކައެވެ.

ނަންފުޅާއި ނަސަބުފުޅު

لقمان عليه السّلام ގެ ނަންފުޅާ މަތިކޮޅާ މެދު ޢިލްމުވެރިންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގައިފައިވެއެވެ. އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވި އަލްބިދާޔަތު ވައްނިހާޔަތުގައި އެކަލޭގެފާނުގެ ދެ ނަސަބެއް ބަޔާން ކުރައްވައިފައިވެއެވެ. އެތަނުން އެއް ރިވާޔަތުގައިވަނީ އެކަލޭގެފާނަކީ لُقْمَانُ بْنُ عَنْقَاءَ بْنِ سَدُونُ ކަމަށެވެ. އަނެއް ރިވާޔަތުގައިވަނީ لُقْمَانُ بْنُ ثَارَانُ ކަމަށެވެ. ބައެއް ރިވާޔަތްތަކުގައި ثَارَانُ އަކީ لقمان عليه السّلام ގެ ދަރިކަލުންގެ ނަންފުޅުކަމަށް އައިސްފައިވެއެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 6}

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [لقمان عليه السّلام އަކީ، ޙަބުޝްކަރައިގެ އަޅެކެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ ވަޑާކުރެއްވުމެވެ.] ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެން އެއްފަހަރަކު ޖާބިރު ބިން ޢަބްދުﷲ ރަޟިޔަﷲ ޢަންހަށް ދެންނެވީމެވެ. [ލުޤުމާނުގެފާނާ ބެހޭގޮތުން ކަލޭގެފާނަށް އެނގިވަޑައިގެންފައިވަނީ ކޮން އެއްޗެއްތޯއެވެ؟] ޖާބިރުގެފާނު ވިދާޅުވިއެވެ. [لقمان عليه السّلام އަކީ، އިސްކޮޅުފުޅުން ކުރު، ނޭފަތްޕުޅު އުސް، ނޫބީ ބޭކަލެކެވެ.]

 الْأَوْزَاعِي رَحِمَهُ اللَّهُ ވިދާޅުވެފައިވެއެވެ. ސަޢީދު ބުނުލް މުސައްޔަބު ގެ އަރިހަށް އެއްފަހަރަކު ގައިގެ ކުލަކަޅު މީހަކު އައެވެ. އެހިނދު އެކަލޭގެފާނު އޭނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ތިބާގެ ގައިގެ ކުލަ ކަޅުވުމުން، ތިބާއަކީ ނިކަމެތި މީހަކުކަމުގައި ނުހިތާށެވެ. އެހެނީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު ކަމުގައިވި ތިން ބޭކަލަކުވެއެވެ. އެ ތިންބޭކަލުންނަކީވެސް ގައިގެ ހަމުގެ ކުލަ ކަޅު ތިން ބޭކަލުންނެވެ. އެބޭކަލުންނަކީ ބިލާލުގެފާނާއި، ޢުމަރުގެފާނުގެ އަޅު މަހްޖަޢު އާއި ލުޤްމާނުގެފާނެވެ. ލުޤުމާނުގެފާނަކީ، ގައިގެ ކުލަކޮޅު ކަޅު، ދެތުންފަތްޕުޅު ބޯ، ނޫބީއެކެވެ.]{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ތިންވަނަ ޖިލްދު ޞަފްޙާ 6-7}

 

މިއަދު އޮންލައިން