ނަޞީޙަތް ޤަބޫލުކުރަން ދެކޮޅުހަދައި ރުޅިއައުމަކީ އެމީހަކު އިޞްލާޙްވާން ބޭނުންނޫންކަން އަންގައިދޭ ސިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 26ސ
ނަޞީޙަތް ޤަބޫލުކުރަން ދެކޮޅުހަދައި ރުޅިއައުމަކީ އެމީހަކު އިޞްލާޙްވާން ބޭނުންނޫންކަން އަންގައިދޭ ސިފައެއް!

މިހާރަކަށް އައިސް މީހެއްގެ ކުށެއް ނުވަތަ އުނިސިފައެއް ދައްކައިދީފިނަމަ ފުރަތަމަ ކަމަކަށްވެސް އޮންނަނީ ރުޅި އިސްކުރެވިފައެވެ. "އަހަރެންގެ ކުށް ދައްކަން ކަލޭތީ ކާކު؟ ކަލޭތިއައީ އެއްވެސް ކުށެއް ނުކުރާ މީހެއްތަ؟" ފަދަ ބަސްތައް އޮންނަނީ ބުނެލެވިފައެވެ.  

ޢިލްމުވެރިން ވިދާޅުވަނީ ހެޔޮ ނަޞޭޙަތެއް ދީފިނަމަ އެމީހާއަށް ނުބަލާށެވެ! ދިން ނަޞޭޙަތުގައި ހިފާށެވެ! އޭނާކުރާ ޢަމަލުތައް އޭނާ އާއި ﷲ ތަޢާލާ އާއި ދެމެދަށް ދޫކޮށްލާށެވެ! ނަޞޭޙަތުގައި ހިފައި އިސްލާޙްވާން މަސައްކަތްކުރުމުން އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ. ހަމައެއާއިއެކު ނަޞީޙަތް ދިނުމުން ޤަބޫލުކުރަން ދެކޮޅުހަދައި ރުޅިއައުމަކީ އެމީހަކު އިޞްލާޙްވާން ބޭނުންނޫންކަން އަންގައިދޭ ސިފައެކެވެ. އެންމެ ރަނގަޅު ގޮތަކީ އެފަދަ މީހުންނާއި ދުރުހެލިވުމެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ސަލަފުންގެ ބޭކަލުން ޢަމަލުކުރެއްވެވި ގޮތް:  

نجم الدين أحمد - رحمه الله - ވިދާޅުވިއެވެ. 

"ސަލަފުންގެ ބޭކަލުން، އެބޭކަލުންގެ ޢައިބުތައް ބުނެދޭ މީހުން ދެކެ ލޯބިވެއެވެ. އެހެނަސް އަހަރެމެންގެ ޢާންމު ޙާލަތަކީ އަހަރެމެންނަށް އަހަރެމެންގެ ޢައިބުތައް ބުނެދޭ މީހުންނަކީ އަހަރެމެން އެންމެ ރުޅި އަރާ މީހުންނެވެ. މިކަމުން ދަލާލަތު ކުރަނީ އީމާންކަމުގެ ބަލިކަށިކަމަށެވެ." 

مختصر منهاج القاصدين (ص: 157) 

މީހަކަށް އެމީހެއްގެ ކުށެއް ބުނެދެންޏާ އެންމެ ރިވެތި ގޮތުގައި، ރިވެތި ޢިބާރާތްތައް ބޭނުންކޮށްގެން އެކަން ބުނެދޭށެވެ. މީހަކަށް ނަޞޭޙަތެއް ދޭ ވަގުތުގައި އެ ނަޞޭޙަތް ލިބިގަންނަ މީހާއަށް އިޙްސާސްވާނީ އެ ނަސޭޙަތްދޭ މީހާވަނީ އެ މީހާއަށް ވުރެ މަތީގައި ކަމަށެވެ. އެހެންކަމުން އެވަގުތުގައި އެ ނަޞޭޙަތް ޤަބޫލުކުރުމަށް އޭނާއަށް އުނދަގޫކަމެއް ހުންނާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ޢާންމު ތަނެއްގައި ފަޟީޙަތްކޮށްލާ ނުވަތަ އެކަށީގެން ނުވާ ޢިބާރާތްތަކެއް ބޭނުންކޮށްގެން އެކަންކޮށްފިނަމަ އެމީހަކު އެކަން ޤަބޫލުކުރަން ބޭނުން ނުވާ ގޮތް ވެދާނެއެވެ.  

ސިއްރިއްޔާތުަގައި ނަޞޭޙަތް ދިނުމަށް ސަލަފުންގެ ބޭކަލުން ބާރު އަޅުއްވާފައިވަނީ އެފަދަ ސަބަބުތަކާ ހުރެއެވެ. 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ‎﴾ [سورة النحل ١٢٥]

މާނައީ: "ޙިކުމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ރައްބުގެ މަގަށް ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެބައިމީހުންނާ ޖަދަލު ކުރައްވާށެވެ!"

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން