ތެދުވެރި ލޯބިވެރިން މިހާރުވެސް އެބަތިބިތޯ؟ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. ސަބަބަކީ ތެދުވެރިލޯބިވެރިން މަދުވެ ލަނޑުދޭ މީހުން ގިނަވުންކަމަށްވެދާނެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ މިހާރުވެސް ތެދުވެރި ލޯބިވެރިން އެބަތިބިކަމެވެ.
ދާދިފަހުން ހިނގި ކަމެއްގެ ވާހަކަވެސް ބުނެލާނަމެވެ. އެއީ ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. އަމިއްލަ ގެދޮރު ނެތުމުން ދިރިއުޅެނީ ގެއަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެގޭގެ ވެރިމީހާގެ ދަރިފުޅު އަންހެންމީހާއާއި އަޅައިގަނެ ކައިވެނިކުރަން ހުށަހެޅުމުން ބުނީ ކައިވެނީގެ ރަނަކަށް ގެދިންނަމަވެސް ފިރިމީހާ އާއި ވަކިނުވާނެ ކަމަށެވެ. އެވަރުންވެސް ނިންމާނުލައި މަސްހުސުވުމުން އެހެންގެއަކަށް ބަދަލުވީއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ތެދުވެރި ލޯތްބަކީ މިއަދު ދުނިޔޭގައި އޮތް އެއްޗެއް ނޫންކަމަށް ބުނެވުނުނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ. ވަރަށް ލޯބިން އެކުގައި ދިރިއުޅެ މުޅި ޙަޔާތް ވޭތިކުރާ މީހުންވެސް އެބަ އުޅެއެވެ. އެފަދަ ދެލޯބިވެރިއަކު މުސްކުޅި ޢުމުރަށްދާފަހުން އެކަކު ކުއްލި ގޮތަކަށް ނިޔާވުމަކީ ބައިވެރިޔާ ފަދައިން ތިމާވެސް މަރުވުމަށް އެދެވޭކަމެކެވެ. މަރުވުމަށް އެދުމަކީ ދީނުގައި ހުއްދަކުރާކަމަކަށް ނުވާއިރުވެސްމެއެވެ.
އެފަދަ އިހްޞާޞްތައް ހިތަށް ކުރަނީ އެވަޤުތު ހިތަށްކުރާ އިޙްޞާޞްތަކެއްގެ ސަބަބުންނެވެ. ހިތުގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. އެފަދަ އިޙްޞާޞެއް ކުރެވިއްޖެނަމަ ތައުބާވާންޖެހޭނެ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.
ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފަލަކީ ފުރަތަމަ ކައިވެނިމަތީގައި އުފަލުގައި ލޯބިން ދެމީހުން މުޅި ޢުމުރަށް އެކުގައި އުޅެވުމެވެ. އެއަށްވުރެ ވަކިން ބޮޑު އުފަލެއް ނުލިބޭނެއެވެ. ހިތާމައަކީ ގިނަ ބައަކަށް އެކަން ވަޒަން ނުކުރެވޭ ކަމެވެ. އެކަން އިޙްޞާޞްކުރެވޭނަމަ ކައިވެންޏަށްފަހު ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތް ކުރެވޭނެއެވެ.
ތިރީގައި އެވަނީ މުސްކުޅި ޢުމުރާއިހަމައަށް ދުވަހަކުވެސް ދެމަފިރިންކުރެ މީހަކު އެންމެ ކުޑަމިނުން ކަމަކާއި ދެބަސްވެސް ނުވެ ޢުމުރު ހޭދަކުރި ދެމަފިރިއެއްގެ ވާހަކައެވެ. ތެދުވެރި ލޯބި މިހާރު ނުވެސްނެތް ކަމަށް ބުނާ މީހުންނަށް ހެއްކެއްގެ ގޮތުންނެވެ. މިއީ ހަމަ ދާދިފަހުން ހިނގާފައިވާކަމެކެވެ. ޙަޤީޤީ ޙާދިސާއެކެވެ.
އަޅުގަނޑުގެ އެ މަންމަގެ ކުއްލި ނިޔާވުން- ކަރުނު ނުއޮހޮރާ ލޮލެއް ހަމަނެތް!
އެއީ ހަމަ އަޅުގަނޑުގެ މަންމަ އާއި ބައްޕަ ފަދަ ލޯބިވާ ދެމީހުންނެވެ. އުމުރުން 70 އަހަރުން މަތިވީއެވެ. ދެމަފިރިން ދިރިއުޅެމުން ދިއައީ ނުހަނު ލޯބިންނެވެ. އެކަކު ރުޅިއަތުވެދާނެހެން ހީވާފަދަ ކަމެއްވެސް އަނެކަކު ނުކުރާނެއެވެ. އަދި ކީއްހެއްޔެވެ؟ ކަމަކަށް ބޭނުންވި ނަމަވެސް ބާރަށް ނަމުން ގޮވުމަކީވެސް ދެމަފިރިންކުރެ އެކަކުވެސް ކުރާ ކަމެއް ނޫނެވެ.
ދެމީހުންނަކީވެސް ބަސް މަދު އަޚްލާޤް ރަނގަޅު ދެމީހުންނެވެ. ލޯބިން އެކުގައި ދިރިއުޅުމުގައި ނަމޫނާ ދެމަފިރިންނެވެ. ހުރިހާ ދަރިންދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އެހެންވެ ހުރިހާ ދަރިންވެސް މަންމަ އާއި ބައްޕަ ދެކެ އިންތިހާއަށް ލޯބިވެއެވެ.
އެދުވަހުވެސް ހެނދުނު ގެއިން ނުކުތީ ދެމަފިރިން އެކުގައެވެ. ތަނެއްގައި މަޑުކޮށްލުމަށްފަހު މަސައްކަތެއް ކުރުވަން މީހަކު ހޯދައިލަން ފިރިމީހާ ތަންކޮޅަކަށް ހިނގާލާފައި މީހަކު ގޮވައިގެން އެނބުރި އައިއިރު އަނބިމީހާ އޮތީ ނިޔާވެފައެވެ. މިފަނާވަނިވި ދުނިޔެ ދޫކޮށްފައެވެ.
އެދެމަފިރިންގެ ރިވެތި އަޚްލާޤާއި ލޯބިން އެކުގައި އުޅުނު މިންވަރު ރަށުގެ އެންމެންނަށް އެނގޭތީ އެމަންމަ ނިޔާވުމުން ލޮލުން ކަރުނަ ނުއަޅާ އެންމެ ލޮލެއްވެސް ރަށަކު ނެތެވެ. އެމަންމަ ދުނިޔެ ދޫކޮށް އެދިއައީ ދުނިޔޭގެ ހުރިހާ ދެމަފިރިންނަށް ވަރަށް ފުރިހަމަ ފިލާވަޅެއް ނަގައިދީފައެވެ. ފައިދާކުރާނީ ޢިބްރަތް ޙާޞިލްކުރި މީހަކަށެވެ.
މާތް ﷲ މަރްހޫމްގެ ފުރާއަށް ސުވަރުގޭގެ މަތިވެރި ރަޙްމަތް ދެއްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން
- މިއަދުނޫހުގެ ކިޔުންތެރިއެއް