މީސްތަކުންނޭވެ! ދުނިޔެ ދޫކޮށްފައިދާއިރު ކޮންމެ މީހަކު ވެސް ކުރަން ޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ކޮންމެވެސް މީހަކަށް އިސްލާމް ދީނަށް ދައުވަތު ދިނުމެވެ. އެހެނީ އިސްލާމް ދީން މަތިވެރިކުރަން މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމަކަށްވާތީއެވެ.
ޣައިރު މުސްލިމުން އަވަށްޓެރިންގެ ގޮތުގައި ތިބިނަމަ އެންމެ ކުޑަމިނުން އިސްލާމް ދީނާއިމެދު ޞައްޙަ މައުލޫމާތު ފޯރުކޮށްދެވޭނެ ލީފްލެޓެއް ފަދަ އެއްޗެއް ދިއްކޮށްލާށެވެ. އަދި ތިމާއަކީ މިކަންކަން ޤަބޫލުކޮށް އަމަލުކުރާ މީހަކު ކަމަށް ބުނެލާށެވެ.
މުސްލިމުންގެ ތެރެއިން އިސްލާމް ދީނާއި ދުރުހެލި މީހަކު އިސްލާމް ދީނާއި ކައިރި ކުރުވުމަކީވެސް ހަމަ އެހައިމެ ގިނަ ގުނަ ސަވާބު ދެއްވަވާނެ ކަމެކެވެ. އެމީހެއްގެ ސަބަބުން މީހަކު އިޞްލާޙްވެ ހެޔޮ އަމަލުކުރަން ފަށައިފިނަމަ އެމީހަކު ކުރާ އަމަލުގެ ސަވާބުން އެއްވެސް އުނިވުމެއް ނެތި އެކަމަށް މަގުފަހިކޮށްދިން މީހަކަށް ސަވާބު ދެއްވަވާނެތެވެ. ވީއިރު މިއީ ކިހައި ބޮޑު ރަޙްމަތެއް އަދި ނިޢްމަތެއް ހެއްޔެވެ؟
މިގޮތުން ބަލައިފި ނަމަ އެކުވެރިންނަށް ނަމާދަށް ދައުވަތު ދިނުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ވަރަށް މަތިވެރި ކަމެކެވެ. އަދި މިނޫން ކަންކަން ވެސް ބައިވަރެވެ. އަހަރެން ދަންނަ ވިޔަފާރިވެރިއަކާ ބައްދަލުކުރަން ގިނަ ބައަކު އަބަދުވެސް ގުޅައެވެ. ހަމަ ގުޅާއިރަށް ބުނާނީ ޖެހިގެން އަންނަ ނަމާދުގެ ޖަމާއަތަށް މިސްކިތަށް އައުމަށެވެ. ކޮންމެހެން ވިޔަފާރިވެރިއަކަށް ނުވި ނަމަވެސް މިއީ ކުރެވިދާނެ ކަމެކެވެ. ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.
އެއިރުން ޢާންމުކޮށް ނަމާދު ނުކުރާ މީހަކު ނަމަވެސް އެމީހަކާއި ބައްދަލުކުރަން ބޭނުން ނަމަ ޖެހޭނީ ނަމާދަށްދާށެވެ. އެގޮތުން ދާދިއުމެއްގެ ސަބަބުން ނަމަވެސް އެމީހެއްގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖެހިއްޖެ ނަމަ އެ ލިބުނީ ކިހައި ބޮޑު ފައިދާއެއް ހެއްޔެވެ؟
މިހުންނަނީ ތިމާކުރާ އަޅުކަމުގެ އިތުރަށްވެސް އެތައްބައިވަރު ޘަވާބު ހޯދެންހުރި ގޮތްތަކެވެ. އޮތީ އެމީހަކަށް ޢަމަލުކުރަން ކެރުނު މިންވަރެކެވެ.
- މުފްތީ މެންކުގެ ދަރުސަކުން