ފަށްކުރުމެއް!: މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު: އިސްލާމުންގެ އެންމެ ފުރަތަމަ ސަފީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 23ސ
ފަށްކުރުމެއް!: މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު: އިސްލާމުންގެ އެންމެ ފުރަތަމަ ސަފީރު

ޢަލީ އިޙްޞާން ފިރާޤް


މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަކީ ޤުރައިޝީއެކެވެ. އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވަނީ އަބްދުއްދާރުވަންހައަށެވެ. އެކަލޭގެފާނުގެ ކުންނިއްޔަތަކީ އަބޫޢަބްދުﷲ އެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ سفير رسول الله އެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ މައްކާގެ މާތް ބިމުގައެވެ. 

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ގެ ބަފައިކަލުންގެ ނަންފުޅަކީ ޢުމައިރު ބިން ހާޝިމް ބިން ޢަބްދު މަނާފު އެވެ. އެކަލޭގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ ޚަންނާސް ބިންތި މާލިކުއެވެ. މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  ގެ މައިކަނބަލުންނަކީ ވަރަށް މުއްސަނދި މީހެކެވެ. އޭނާ އެކަލޭގެފާނު ދެކެ ވަރަށް ލޯބިވެއެވެ. އެޒަމާނުގެ އެންމެ ރަނގަޅު ފޭރާމާއި ހުވަނދުގެ ބާވަތްތައް މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  އަށް އޭނާ ހޯދައިދެއެވެ.  

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުން އެކަލޭގެފާނުގެ މަންމަ އާއި ޢާއިލާގެ ފަރާތުން އަނިޔާއާއި ދުއްތުރާތައް ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުގެ ކުރީ އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ހުންނެވި އެންމެފަރި އެންމެ ނަލަ ޒުވާނާއެވެ. ނަމަވެސް އެކަލޭގެފާނު އިސްލާމްވެވަޑައިގެންވުން އެކަލޭގެފާނުގެ ޢާއިލާއިން އެކަލޭގެފާނު ބޭރުކޮށްލިއެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އުޅުއްވީ ވަރަށް ނިކަމެތި ޙާލުކޮޅެއްގައެވެ.  

އިސްލާމުންނަށް މައްކާގެ މުޝްރިކުން ކުރަމުން ގެންދިޔަ އަނިޔާވެރިކަން ޙައްދުފަހަނަ އަޅައިދިޔުމުން މުސްލިމުން ޙަބަޝާއަށް ހިޖްރަކުރެއްވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އިރްޝާދުދެއްވިއެވެ. މުސްލިމުން ޙަބަޝާއަށް ކުރެއްވި އެންމެ ފުރަތަމަ ހިޖްރައިގައި މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ބައިވެރިވެވަޑައިގެންނެވިއެވެ. 

ޢަޤަބާގެ ފުރަތަމަ ބައިޢަތަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާގެ މީސްތަކުންނަށް އިސްލާމްދީން އުނގަންނަވައިދެއްވުމަށްޓަކައި މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު މަދީނާއަށް ފޮނުއްވިއެވެ. އެކަލޭގެފާނު މަދީނާއަށް ވަޑައިގެން ހުންނެވީ އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ ޢަންހު ގެ މެހެމާނެއްގެ ގޮތުގައިއެވެ. އެދުވަސްވަރު މަދީނާގެ މީސްތަކުންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވަނީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އެވެ.

އެއް ރިވާޔަތެއްގައިވަނީ މަދީނާގެ މުސްލިމުންނާގެން އެންމެ ފުރަތަމަ އިމާމުވެވަޑައިގެން ހުކުރު ނަމާދުކުރެއްވީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  ކަމުގައެވެ. އިތުރު އެހެން ރިވާޔަތެއްގައިވަނީ އެންމެ ފުރަތަމަ މަދީނާގައި އިމާމުވެވަޑައިގެން ހުކުރު ނަމާދުކުރެއްވީ އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ ޢަންހު ކަމަށެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އާއި އަބޫއައްޔޫބު އަލްއަންޞާރީ ރަޟިޔަﷲ ޢަންހު   އާ ދެބޭކަލުންގެ ދެމެދުގައި އިސްލާމީ އަޚުވަންތަކަން ޤާއިމުކޮށްދެއްވިއެވެ.  

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ގެ ކުރު ޙަޔާތްޕުޅުގައި އެކަލޭގެފާނުވަނީ ވަރަށް މަތީ ޝަރަފެއް ހާސިލު ކުރައްވައިފައެވެ. އެކަލޭގެފާނުވަނީ ޙައްޤާއި ބާތިލުވަކިވެގެން ދިޔަ އެންމެ ހަނގުރާމަ ކަމުގައިވާ ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުމުގެ ޝަރަފު ހާސިލު ކުރައްވައިފައެވެ.   

އިބްނު ސަޢުދު ޠަބަޤާތުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި ބަދުރު ހަނގުރާމަ އާއި އުޙުދު ހަނގުރާމައިގައި މުހާޖިރުންގެ ދިދަ މާތް ރަސޫލާ صلّى اللّـه عليه وسلّم ދެއްވީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އަށެވެ. 

ސީރަތު އިބްނު ހިޝާމުގައި ބަޔާން ކުރައްވައިފައިވާ ގޮތުގައި މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ޝަހީދުވީ އުޙުދު ހަނގުރާމައިގައެވެ. އެކަލޭގެފާނު ޝަހީދުކޮށްލީ އިބްނު ޤުމައްޔަތު އެކަލޭގެފާނަށް ދިން ޙަމަލައެއްގެ ސަބަބުންނެވެ. 

ކުރިންވެސް ދެންނެވިފައިވާ ފަދައިން އުޙުދު ހަނގުރާމައިގައުވެސް މުހާޖިރުންގެ ދިދަ އުފުއްލެވީ މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު އެވެ.  އެތަން އިބްނު ޤުމައްޔާއަށް ފެނިގެން އޭނާގެ އަސްދުއްވައިފައި އައިސް މުޞްޢަބުގެފާނުގެ ކަނާތްޕުޅަށް ޙަމަލަދީ އެއަތްޕުޅު ޝަހީދުކޮށްފިއެވެ. އެތަންވަޅު އެކަލޭގެފާނު މިދަންނަވާ އާޔަތް ވިދާޅުވިއެވެ. 

مَا مُحَمَّدٌ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ ۚ

] رسول އަކު ކަމުގައި މެނުވީ محمد ގެފާނުން ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ.[

މިދެންނެވި އާޔަތް ވިދާޅުވުމަށްފަހު މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  އެކަލޭގެފާނުގެ ވާއަތްޕުޅުން ދިދަ އުފުއްލަވައިލެއްވިއެވެ. މިތަން އިބްނު ޤުމައްޔަތަށް ފެނިގެން އެކަލޭގެފާނުގެ ވާއަތްޕުޅަށް ޙަމަލަދެއްވިއެވެ. އެއަތްޕުޅުވެސް ޝަހީދުކޮށްލިއެވެ. ދެން މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  އެކަލޭގެފާނުގެ މޭފުޅާއި ގައިކޮޅުގައި ޖައްސަވައިގެން ދިދަ ވެއްޓުނަ ނުދެއްވާ ހިފަހެއްޓެވިއެވެ. އިބްނު ޤުމައްޔަތަށް އެތަންފެނިގެން މުޞްޢަބުގެފާނުގެ މޭފުޅަށް ވަރުގަދަ ޙަމަލެއްދީ އިސްލާމްދީނުގެ މި މަތިވެރި ޝަޙްޞިއްޔަތު ޝަހީދުކޮށްލިއެވެ.

{އިބްނު ސަޢުދު، ޠަބަޤާތު، ތިންވަނަ ޖިލްދު، ޞަފްޙާ 89} 

އިބްނުލް އަޘީރު  އޭނާގެ އުސުދުލް ޣާބާ ފީމަޢުރިފަތިއްޞަހާބާ އޭ ކިޔުނު ފޮތުގައި ބަޔާން ކުރައްވާ ގޮތުގައި މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު  ޝަހީދުވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ސާޅީސް އަހަރުފުޅެވެ. ނުވަތަ ސާޅީސް އަހަރުފުޅަށް ވުރެ ކުޑަ ދުވަސްކޮޅެއް ދޮށިފުޅެވެ. 

ޙަމްނާ ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަކީ، މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ގެ އަނބިކަނބަލުންނެވެ.  މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވުމުގެ މަގުމަތީގައި އެކަމަނާއާ ބައްދަލުވެވަޑައިގަތެވެ. އެކަލޭގެފާނު އެކަމަނާއަށް އެކަމަނާގެ ބޭބޭފުޅު ޢަބްދުﷲ ބިން ޖަޙުޝް ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވިކަމުގެ ޚަބަރު ދެއްވިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާ ވިދާޅުވިއެވެ. " إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އެވެ. މާތް ﷲ އެކަލޭގެފާނަށް ފާފަފުއްސަވައި ދެއްވާނދޭވެ!"  

ދެން އެކަމަނާއަށް އެކަމަނާގެ މައިފުށުގެ ބޮޑުބޭބޭފުޅު ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހު ޝަހީދުވި ޚަބަރު ދެއްވުމުން އެކަމަނާ ވިދާޅުވިއެވެ." إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އެވެ. މާތް ﷲ އެކަލޭގެފާނަށް ފާފަފުއްސަވައި ދެއްވާނދޭވެ!"  

އެއަށްފަހު އެކަމަނާއަށް އެކަމަނާގެ ފިރިކަލުން މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ޝަހީދުވި ޚަބަރުދެއްވުމުން އެކަމަނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ވަގުތުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. މި މަންޒަރު ފެނިވަޑައިގެން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. "އަންހެނާއާއި އޭނާގެ ފިރިމީހާއާ ދެމެދުގައި ވަރަށް ޚާއްޞަ ގުޅުމަކާއި ލޯތްބެއްވެއެވެ."

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 287} 

މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު ބޮޑުފުޅުވެވަޑައިގެންނެވީ ނުހަނު އަރާމާއި ނިޢުމަތުގައެވެ. އެކަލޭގެފާނުގެ ޒުވާންދުވަސްވަރުގައި އެކަލޭގެފާނުގެ އަތްޕުޅުގައި އެޒަމާނުގެ އެންމެ މީރުވަސްދުވާ ހުވަނދާއި އެންމެމޮޅު ފޭރާން ހުއްޓެވެއެވެ. ނަމަވެސް އިލާމްވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު އެހުރިހާ ނިޢުމަތްތަކެއް ދޫކުރެއްވި އިސްލާމްދީނަށްޓަކައެވެ. ޝަހީދުވުމުން ފަސްދާނުވެޑުވުމަށް ބެއްލެވިއިރު އެކަލޭގެފާނުގެ ކަފުންކޮޅުން އިސްތަށިފުޅު ނިވާކޮށްފިނަމަ ފައިންޕުޅު ކަޝްފުވެއެވެ. ފައިންޕުޅު ނިވާކޮށްފިނަމަ އިސްތަށިފުޅު ކަޝްފުވެއެވެ. 

ޢަބްދުއްރަޙްމާން ބިން އަޢުފު ރަޟިޔަﷲ ޢަންހު ސުންނަތް ރޯދަފުޅަކަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ފަރީކޮޅެއް ގެންނެވުނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ.

[މުޞްޢަބު ބިން ޢުމައިރަކީ ތިމަންކަލޭގެފާނަށްވުރެ ހެޔޮލަފާ ޞާލިޙު ބޭކަލެކެވެ. އެކަލޭގެފާނު ޝަހީދުވުމުން ކަފުންކޮޅު ތުރުކުރެއްވުމަށް ބެލިއިރު އެންމެ ރިދާކޮޅެއް ފިޔަވައި ކަފުންކުރާނެ އެއްޗެއް ނުލިބުނެވެ. އެ ފޮތިކޮޅުން އެކަލޭގެފާނުގެ އިސްތަށިފުޅު ނިވާކޮށްފިނަމަ ދެ ފައިންޕުޅު ހާމަވެއެވެ. ދެފައިންޕުޅު ނިވާކޮށްފިނަމަ އިސްތަށިފުޅު ހާމަވެއެވެ. 

ދެން އަހުރެމެންނަށް ދުނިޔެ ތަނަވަސްކުރެވުނު މިންވަރަކަށް ތަނަވަސްކުރެވުނެވެ. ނުތަވަ ދުނިޔެއިން އަހުރެމެންނަށް ދެއްވުނު އެއްޗެއް ދެއްވުނެވެ. އެކަމާހެދި އަހަރެމެންނަށް ހީކުރެވުނީ އަހަރެމެންގެ ހެޔޮ އަމަލުތަކުގެ ބަދަލު ދުނިޔޭގައި ދެއްވުނީ ކަމަށެވެ.] މިހެން ވިދާޅުވެފައި ޢަބްދުއް ރަޙްމާން ބިން އަޢުފު ރަޟިޔަﷲ ޢަންހު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި ހުރި ފަރިއްކޮޅު ފަރީއްނުކުޅުއްވައި ދޫކޮށްލެއްވިއެވެ. 

{صحيح البخاري، كتاب الجنائز، باب إِذَا لَمْ يُوجَدْ إِلاَّ ثَوْبٌ وَاحِدٌ، ޙަދީޘް ނަންބަރު 1275} 

އެއްފަހަރަކު މުޞްޢަބު ބިން ޢުމައިރު ރަޟިޔަﷲ ޢަންހު މާތް ރަސޫލާގެ މަޖިލިސަށް ވަޑައިގެންނެވިއެވެ. އޭރު މާތް ރަސޫލާގެ އަރިހުގައި އެކަލޭގެފާނުގެ ޞަޙާބީންވެސް ތިއްބެވިއެވެ. އޭރު މުޞްޢަބުގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުވަނީ އެތައް ތަނަކުން ވީދިގެން އެތަންތަކުގައި ހަން އަޅުއްވައިފައެވެ. އެތަން ފެނިވަޑައިގެން ޞަޙާބީބޭކަލުންވެސް އިސްދަށަށް ޖައްސަވައިލެއްވިއެވެ. މުޞްޢަބުގެފާނު ވަޑައިގެން މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ސަލާމްދެންނެވުމުން މާތް ރަސޫލާ އެކަލޭގެފާނުގެ ސަލާމަށް އެންމެ ފުރިހަމައަށް ޖަވާބު ދެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ.  

[މައްކާގައި މުޞްޢަބަށްވުރެ މުއްސަނދި މީހަކު ނެތްޒަމާންވެސް އަހަރެން ދުށީމެވެ. އޭނާއަކީ އޭނާގެ މައިންބަފައިން އެންމެ ލޯބިވާ ދަރިފުޅެކެވެ. ނަމަވެސް މިއަދު އޭނާ އެހުރި ދަރަޖައަށް ގެނުވީ އޭނާ، ﷲ އާއި އެކަލާނގެ ރަސޫލާދެކެވާ ލޯތްބެވެ. އޭނާ ދުނިޔޭގެ އެންމެހައި އަރާމާއި ނިއުމަތެއް ދޫކުރެއްވީ މާތްﷲ ގެ ރުއްސެވުން އަދައިގެންނެވެ.]

{އިބްނު ސަޢުދު، ޠަބަޤާތު، ތިންވަނަ ޖިލްދު، ޞަފްޙާ 86}

މިއަދު އޮންލައިން