ގިނަ ބައަކަށް ހަދިޔާ ކަމަށް ޤަބޫލުކުރެވެނީ އަތުން އަތަށް ދެވޭ ތަކެއްޗެވެ. އެއިގެ އަގު ވަޒަންކުރަނީ ފައިސާއިންނެވެ. އެހޯދަން ނުވަތަ ގަންނަން ކުރަންޖެހޭ ހޭދަބޮޑުވާވަރަކަށް ހަދިޔާގެ އަގުބޮޑުވާކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ.
އަހުރެން މިދޭ ހަދިޔާއަށްވުރެ އަގުބޮޑު ހަދިޔާއެއް ތިބާއަށް ދެވޭނެ އެކަކުވެސް ނުހުންނާނެއެވެ. ސަބަބަކީ މިއަށްވުރެ އަގުބޮޑު ހަދިޔާއެއް ނުއޮންނާނެތީއެވެ. ދެން ތިބާ ކޮށްލައިދޭން އޮތް ކަމަކީ ތިބާގެ ޢާއިލާގެ މީހުންނަށާ އެކުވެރިންނަށް މިހަދިޔާ ޗެއާކޮށްލުމެވެ. އެކަމަށް ތިބާއަށް ރަޙްމަތް ލައްވަވައި ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
މިއަދުގެ ހަމަމިވަގުތަކީ ތިބާ ތައުބާވާވަގުތުކަމަށްހަދާށެވެ! އަދި ފަހުން ކުރަން މަޑުކޮށްގެން ހުރި ހުރިހާ ހެޔޮޢަމަލުތަކެއް ހަމަމިވަގުތުންފެށިގެން ކުރަންފަށާށެވެ! އެހެނީ މާދަމާ ތިބާ އާއި ބައްދަލުނުކޮށްފާނެއެވެ. މާދަމާ އާއި ބައްދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުހުންނާނެއެވެ.
އެހެނީ ހަމަ މިވަގުތުގައިވެސް މަރުގެމަލާއިކަތާ ވަޑައިގެން މަރުހިއްޕަވައިފާނެއެވެ. މަރުގެ މަލާއިކަތާ ތިބާގެ ލޮލަށް ފެންނަހިނދުން ފެށިގެން ތިބާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާނެއެވެ. ކިތަންމެ ބޭނުންވިނަމަވެސް އެންމެ ގާތުގައި ހުރި މީހަކާއިވެސް ވާހަކައެއް ނުދެއްކޭނެއެވެ. ދޫތަޅުލެވިގެންދާނެއެވެ.
ތައުބާވެ އިތުރު ފުރުޞަތަކަށް އެދުމުގެ ފުރުޞަތު ތިބާއަށް ލިބިގެންވެއެވެ. ނަމަވެސް މަރުގެ މަލާއިކަތާ ތިބާގެ ލޮލަށް ފެނުމުގެ ކުރިންނެވެ. އެއިގެކުރިން އެފުރުޞަތުގެ ބޭނުން ނުހިފާމީހާ އަބާއްޖަވެރިކަމުގެ ތެރެއަށް ވެއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. އެފަދަ މީހުންނަށްވުރެ މޮޔަކަންބޮޑު މީހަކީ ކާކުހެއްޔެވެ؟
އެކުވެރިޔާއެވެ! އަހަރެންވެސް މިހުރީ ތައުބާވެގެންނެވެ. މިބުނެދިން މަގުން ޢަމަލުކޮށްގެންނެވެ. އެކުވެރިޔާއަށްވެސް ދައުވަތުމިދެނީ އަވަހަށް ހަމަ މިވަގުތު ތައުބާވުމަށެވެ. އެކަން ހިނދުކޮޅަކަށްވެސް ލަސްނުކުރުމަށެވެ. މިއީ އެކުވެރިޔާއާއި މިހާރުވެސް ބައްދަލުވެއުޅެން އެދޭފަދައިން ސުވަރުގެއިންވެސް އެކުވެރިޔާ އާއި ބައްދަލުވުމަށް އެދޭތީ އަހުރެން ވަރަށް ލޯބިން އިޚްލާޞްތެރިކަމާއިއެކު ދިން ދަޢުވަތެއްކަމަށް ޤަބޫލުކުރާށެވެ!
އަދި އަހުރެން ތިބާއަށް މިދިން ދައުވަތު ތިބާގެ އެކުވެރިންނަށްވެސް ދޭށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން