ޙަސަދަވެރިން ކުރާ ފުރައްސާރަތަކަށް ރައްދުނުދިނުމަކީ މިލިއަނުން ތިބާގެ އެކައުންޓަށް ޖަމާކުރެވޭ ފައިސާތަކަށްވުރެ މާބޮޑު ރަޙްމަތެއް ލިބޭނެ ކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޙަސަދަވެރިން ކުރާ ފުރައްސާރަތަކަށް ރައްދުނުދިނުމަކީ މިލިއަނުން ތިބާގެ އެކައުންޓަށް ޖަމާކުރެވޭ ފައިސާތަކަށްވުރެ މާބޮޑު ރަޙްމަތެއް ލިބޭނެ ކަމެއް! އިން ޝާ ﷲ

ކޮންމެ މީހަކަށްވެސް އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މީހުންގެ ނަފްރަތާއި ކުރިމަތިލާންޖެހޭނެއެވެ. މީހުން ރުޅި އައިސް އެއްޗެތި ގޮވާނެއެވެ. ހަޑި ހުތުރު ބަސްތައް ރައްދުކުރާނެއެވެ. 

އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭށެވެ! ތިބާ ހުރީ ޙައްޤު ގޮތުގައި ކަމަށްވާނަމަ ﷲ ތަޢާލާ ޙަޤީޤަތް ހާމަކުރައްވަވާނެއެވެ. ވީމާ އެއީ އެއްވެސް މީހަކު ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. މީހަކު ނުވަތަ ބައަކު ތިބާ ބަދުނާމުކުރަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ވާނީ ކޮންކަމެއް ހެއްޔެވެ؟ ﷲ ތަޢާލާ ޙަޤީޤަތް ދކެދެނެވޮޑިގެންވާއިރު މީހަކު ބުނާ ބަހަކާއިހެދި ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟  

ކަންބޮޑުވާންޖެހޭނީ ﷲ ތަޢާލާ އެންގެވި ގޮތް ނޫން ގޮތަކަށް ތިމާއަށް އަމަލުކުރެވިފައިވާނަމައެވެ! އެކަމަށް އޮތީ ތައުބާވުމެވެ. ވީމާ ދުނިޔޭގައި އުޅޭއިރު ކޮންމެ ކަމެއް ކުރި ނަމަވެސް އަބަދުވެސް ޔަޤީންކުރަންވީ ތިމާ ކުރާ ކަންކަން މިކުރަނީ ﷲ ތަޢާލާ އެންގެވި ގޮތުގައި ކަމެވެ. އެއިރުން އެ ނިމުނީއެވެ. ދެން އޮތް ބައި، ނުވަތަ ކުރިމަތިވާ މައްސަލަތައް ﷲ ތަޢާލާއަށް ވަކީލުކޮށް އެ ހިސާބުން އެކަން ނިންމައިލާށެވެ! 

މީހަކު ހަޑިހުތުރު އެއްޗެތި ގޮވަނީއެވެ. ދޮގު އިލްޒާމްތައް އަޅުވަނީއެވެ. ހައްޤު ނޫން ބަސްތައް ބުނަނީއެވެ. މަލާމާތްކޮށް ފުރައްސާރަވެސް ކުރަނީއެވެ. އެކަންކަމާއި އަޅައިވެސް ނުލާށެވެ! އެއިން ކޮންމެ ކަމަކީ ޢާޚިރަތަށްޓަކައި އެހެން މީހަކު ތިބާއަށް ޖަމާކޮށްދޭ ހެޔޮ ކަމަކަށް ނޫނީ ނުވާނެއެވެ! ވީއިރު ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ވީހައި ބޮޑަށް އުފާކުރަންވީ ނޫން ހެއްޔެވެ؟  

މިދުނިޔޭގައި އޮންނަ ތިބާގެ ބޭންކް އެކައުންޓަށް މީހަކު މިލިއަނުން ރުފިޔާ ޖަމާކޮށްދިނުމަށްވުރެ އެފަދަ ކަންކަން ކުރުމުން ތިބާއަށް ލިބޭ ފައިދާ މާބޮޑުވާނެއެވެ! އެއިން ކޮންމެ އަމަލަކީ ތިބާގެ އާޚިރަތް ދުވަހުގެ އެކައުންޓަށް ޖަމާކުރެވޭ ސަވާބު ފުންޏަކަށްވާތީއެވެ! ނަމަވެސް ތިބާވެސް ރައްދު ދެމުން ގެންދާނަމަ އެ ސަވާބު ފުންޏެއް ތިބާއަކަށް ނުލިބޭނެއެވެ. ތިބާގެ އެކައުންޓުންވެސް ދާނީ އުނިވަމުންނެވެ! ލިބެން އޮތް ސަވާބު ފުންޏެއް ދޫކޮށްލަން ނޫނީ ކުރާ ފުރއްސާރައަށް ރައްދު ނުދޭށެވެ!  

މިފަދަ ކަންކަން ކުރާ މީހުންނަށް ބުނަން އޮތީ ތިއަ ފަދަ ކަންކަން ނުކުރާށެވެ. ހައްޤު ނޫން ހަމަ އެންމެ ބަހެއް އެއްވެސް މީހަކާއި ދިމާއަށް ނުބުނާށެވެ! އެއީ ތިބާ ޢާޚިރަތަށް ގެންދަން ހުރި ސަވާބުތަކުން އުނިވެގެންދާ ބައަކަށް މެނުވީ ނުވާނެތީއެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން