ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަރަނި
ދިނުމާއި ދަރަނި ނެގުން ހުއްދަކުރައްވަވައިފައެވެ. ނަމަވެސް ދަރަނި ނެގުން ހުއްދަކުރައްވަވާފައިވަނީ އެނޫން ގޮތަކަށް ތިމާގެ ބޭނުން ފުއްދެން ނެތް ކަންކަމަށެވެ. ދިރިއުޅުމުގެ އެންމެ އަސާސީ ބޭނުންތައް ފުއްދުމަށެވެ. އެއްވެސް ޙާލެއްގައި ދިރިއުޅުމުގެ ފެންވަރުމަތިކުރުމަކަށް ނޫނެވެ.
ވީމާ ދަރަނި ނަގަންވާނީ ދިރިއުޅުމުގައި ދެން އެހެން ގޮތެއް ނެތިޖެނަމައެވެ. އެނޫން އެއްވެސް ގޮތެއް ނެތި މަޖުބޫރުވެގެންނެވެ. އެއާއި ޚިލާފަށް ދިރިއުޅުމުގެ ފެންވަރު މަތިކުރަން، ކޮންމެހެން ކުރަންޖެހޭ ކަންކަން ނޫން ކަންކަން ކުރަން ދަރަނިވެރިވާނަމަ އެކަމުގައި ﷲ ތަޢާލާ ބަރަކާތެއް ނުލައްވަވާނެތެވެ.
ދަރަންޏަށް ފައިސާ ނުވަތަ ތަކެތި ލިބުން މިއަދު އެއީ އުނދަގޫކަމެއް ނޫނެވެ. ވީމާ ވިސްނާ ނުލައި ދަރަނިވެރިވަނީއެވެ. އުނދަގޫވަނީ ދަރަނި ނެގުމެއް ނޫނެވެ. ބުރަކަމަކަށްވަނީ ދަރަނި އަދާކުރުމެވެ. އެކަން ބުރަކަމަކަށްވަނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ އިންތަކުގެ ބޭރުން ދަރަނިވެރިވާތީއެވެ. އެކަމުގައި ބަރަކާތް ނުލައްވަވަނީއެވެ.
ހަމައެޢާއިއެކު ދަތިއުނދަގޫ ޙާލަތުގައި ދިރިއުޅެންޖެހޭ އެހެން ސަބަބެއްވެސް ބުނެލާނަމެވެ. ޢާއިލާގެ އެންމެން ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އަޅުކަން ނުކުރުމާއި ދަރިންނަށް އިސްލާމް ދީން އުނގަންނައި ނުދިނުމެވެ. ޤުރްޢާން އުނގަންނައި ނުދިނުމެވެ. ﷲ ތަޢާލާ އާއިމެދު އެނގެންޖެހޭނެ ކަންކަން އުނގަންނައި ނުދިނުމެވެ. އަޅުކަންކުރަން ދަސްކޮށްދީ ތަރުބިއްޔަތު ނުކުރުމެވެ.
ނިކަންބުނެބަލާށެވެ! ﷲ ތަޢާލާ ތިބާއަށް ކުރަން އަންގަވާފައިވާ ކަންކަން ތިބާ ނުކުރާނަމަ ތިބާގެ ދިރިއުޅުން ﷲ ތަޢާލާ ފަސޭހަކުރައްވަވައިދެއްވަވަން އެންމެކުޑަމިނުން އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
ވީމާ ދިރިއުޅެންޖެހިފައިވަނީ ދަތި އުނދަގޫ ޙާލަތުގައި ކަމަށްވަނީނަމަ މިބަޔާންކުރި 2 ކަންތަކަށް ސަމާލުކަންދޭށެވެ! ކޮންމެހެން ބޭނުންމެއް ޖެހިގެން ނޫނީ ދަރަނިވެރިނުވުމަށާއި ޢާއިލާގެ އެންމެންވެސް އަޅުކަންކުރުމަށެވެ. ﷲ ތަޢަލާގެ މަގުގައި ދަރިން ތަރުބިއްޔަތުކުރުމަށެވެ.
--މުފްތީ މެންކުގެ ދަރުސަކުން