ދަރިފުޅަކީ އުޑުތަކުގަ ތިއްބެވި މަލާއިކަތުންގެ ތަޢްރީފާ ދުޢާ ލިބޭނެ މީހަކަށް ނުވެއްޖެނަމަ މަޙްޝަރު ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ދަރިފުޅަކީ އުޑުތަކުގަ ތިއްބެވި މަލާއިކަތުންގެ
ތަޢްރީފާ ދުޢާ ލިބޭނެ މީހަކަށް ނުވެއްޖެނަމަ މަޙްޝަރު ދުވަހު ކުރާނެ އެއްވެސް
ފައިދާއެއް ނެތް!

އަހުރެންގެ އަވަށްޓެރިއެކެވެ. ބައްދަލުވާއިރަށް

ފަޚުރުވެރިވެފަ ދައްކާނީ ދަރިފުޅުގެ މޮޅުކަމާ ތަނަވަސްކަމުގެ ވާހަކައެވެ. އެބުނާ ދަރިފުޅަކީ އެންމެ ކުޑަމިނުން ނަމާދުވެސް ކުރާ މީހެއް ނޫނެވެ. އެެހންވީއިރު އޭނާގެ މޮޅުކަމާ ތަނަވަސްކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟  

މިއީ މިއަދުގެ ޙާލަތުގެ މައްޗަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބަށް ވިސްނައިލަމާހިނގާށެވެ! 

ދުނިޔޭގައި ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބިފައިވީނަމަވެސް އެމީހަކީ އުޑުތަކުގައި މަޝްހޫރު ކަމެއް ނެތް މީހަކުނަމަ ޤިޔާމަތް ދުވަހުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މަޙްޝަރުގެ މައިދާނުގައި ހުންނަންޖެހޭނީ ބީރައްޓެހި، ނިކަމެތި، އެކަނިވެރިއެއްގެ ގޮތުގައެވެ.  

ކޮންމެ މީހަކީވެސް އެމީހެއްގެ ދަރިންނާއިމެދު ފަޚުރުވެރިވާނެ މީހެކެވެ. އެހެންކަމަށްވާއިރު ތިބާވެސް ތިބާގެ ދަރިންނާއިމެދު ފަޚުރުވެރިވާނެއެވެ. އެހެންކަމުން ތިބާ އާއި ތިބާގެ ދަރިފުޅު ހިމެނެނީ މިތަނުން ކޮންބައެއްގައިކަން ނިކަން ބުނެބަލާށެވެ!  

"އަހަރެންގެ ދަރިފުޅަކީ މިހާރު ވަރަށް މަޝްހޫރު މީހެކެވެ. ވަރަށް މުއްސަނދި މީހެކެވެ. އަތުގައި 2،3 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވެސް އެބަހުއްޓެވެ. އޭނާ ލަވަކިޔާލެއް ރީތިކަމުން މިހާރުވެސް އެތައް ސަތޭކަ މިލިއަން ބައަކު އޭނާގެ ފޭނުންގެ ގޮތުގައި އެބަ ތިއްބެވެ." ބައްޕައަކު ފަޚުރުވެރިވެލާފައި ބުނެލިއެވެ.  

ޖަވާބުގައި އަނެކާ ބުނީ "އަހަރެންގެ ދަރިފުޅަކީ އެހައި މަޝްހޫރު މީހެއް ނޫނެވެ. ފޭނުން ތިބޭ ވަރެއް ނުއެނގެއެވެ. އޭނާއަށް އެނގެނީ ދަރުސް ދޭށެވެ. އޭނާ ދިން ދަރުސްތަ އަޑުއަހާފައި މިހާރުވެސް ވަރަށް ގިނަ މީހުން އިސްލާމް ވެއްޖެއެވެ. އިސްލާމް ދީނާއިމެދު ޝައްކުތައް އުފެދިފައި ތިބި އެތައް ހާސްބައަކަށް ޙައްޤު މަގު އޮޅުން ފިލައިފިއެވެ."  

އަދިވެސް ބުންޏެވެ. "އަހަރެން އުންމީދުކުރަނީ އަހަރެންގެ ދަރިފުޅަށްޓަކައި ވަރަށް ގިނަ މަލާއިކަތް ބޭކަލުން ހެޔޮ ދުޢާ ކުރައްވަވާނެ ކަމަށެވެ. އެއީ ކިތައް ބޭކަލުން ކަމެއް ނުއެނގެއެވެ."  

ދުނިޔޭގެ ވަރަށް މަޝްހޫރު މީހުންތައް ބައިވަރެވެ. އެމީހެއްގެ "ފޭނުން"ތައް ގިނަވެ މިލިއަން މިލިއަނުން ގުނައިލެވޭ އެތައް ހާސް ބައެކެވެ. އެމީހުންނަށް ލިބިފައިވާ ތަނަވަސްކަންވެސް ހަމަ އެހައިމެ ބޮޑެވެ. ސުވާލަކީ އެއީ އެއްވެސް ބައެއްކަން މަލާއިކަތުން ދެނެވަޑައިގަންނަވާ ހެއްޔެވެ؟  

ހަމަ އެއާއިއެކު ދުނިޔޭގެ އެއްވެސް މީހަކު ނުވެސް ދަންނަ އެތައް ހާސް ބައަކު މަލާއިކަތްބޭކަލުން ވަރަށް ގާތުން ދެނެވަޑައިގަންނަވައެވެ. އެމީހުންނަށްޓަކައި މަލާއިކަތްބޭކަލުން ހެޔޮ ދުޢާ ކުރައްވަވަތެވެ. އަދި އެމީހުން ނަރަކައިން ސަލާމަތް ކޮށްދެއްވެވުމަށާއި އެމީހުންނަށް ސުވަރުގެ ދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ތަކުރާރުކޮށް ދަންނަވަމުން ގެންދަވަތެވެ.

 

މީސްތަކުންނޭވެ! މަސައްކަތް ކުރަންވީ ތިމާއަކީ މިދުނިޔޭގައި މަޝްހޫރު މީހަކަށް ވުމަކަށް ނޫނެވެ. އަދި ތިމާގެ އަނބިދަރިންނަކީވެސް މިދުނިޔޭގައި މަޝްހޫރު ބައަކަށް ހެދުމަކަށް ނޫނެވެ. މަސައްކަތް ކުރަންވީ ތިމާ އާއި ތިމާގެ އަނބިދަރިންނަކީ އުޑުތަކުގައި މަޝްހޫރު ބައަކަށް ހެދުމަށެވެ. މަލާއިކަތްބޭކަލުންގެ ހެޔޮ ދުޢާ ލިބޭ ބައަކަށް ހެދުމަށެވެ.

 

ދުނިޔޭގައި ކިތަންމެ ބޮޑު މުއްސަނދި ކަމަކާއި މަޝްހޫރުކަމެއް ލިބުނު ނަމަވެސް އާޚިރަތް ދުވަހު ނަރަކައަށް ދާންޖެހޭ މީހެއް ކަމުގައި ވެވިއްޖެ ނަމަ ދުނިޔޭގައި ލިބުނު މަޝްހޫރުކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން