ފުރަތަމަ ކަމަކަށް ވިސްނާށެވެ! ﷲ ތަޢާލާގެ
ޙަޟްރަތަށް ދުޢާކުރުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ. ސަބަބަކީ ދުޢާ މިކުރަނީ އެންމެހައި މަތިވެރިކަމެއް ލިބިވޮޑިގެންވާ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމުގައިވާތީއެވެ.
ވީމާ ކިތަންމެ ކުޑަކަމަކަށް އެދިގެން ދުޢާ ކުރާނަމަވެސް އެއީ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ! ސައިޒު ބަލަންވީ އެދޭ ކަންތަކުގެ އެއް ނޫނެވެ. އެހެނީ އެއްވެސް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުކަމެއް ނޫނެވެ.
ބޮޑުވެގެންވަނީ ދުޢާކުރުމެވެ. އެހެނީ އެއީ ތިމާ ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެކެވެ. ވީމާ ދުޢާ ކުރުމަކީ ހަމަ ހުރެފައި ކޮށްލާ އާދައިގެ ކަމަކަށް ނުހަދާށެވެ. ކަންކަން ކުރިމަތިވެވަޑައިގަތުމުން ރަސޫލް (ﷺ) ވުޟޫކުރައްވަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވެވިކަން ހަދީޘްފުޅު ސާބިތުވެފައިވާތީއެވެ.
ރުކޫޢުގައި ﷲ ތަޢާލާ މަތިވެރިކުރާށެވެ! އަދި ސަޖިދައިގައި ﷲ ތަޢާލާއަށް ދުޢާކުރާށެވެ. ދުޢާ ކުރުމަށް ރޭގަނޑުގެ ތިންބައިން ފަހުބައި ޚާއްޞަކުރާށެވެ! އެންމެ މަތިވެރި ވަގުތަކީ އެއީއެވެ. ސަޖިދައިގައި އޮވެ އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ﷲ ތަޢާލާ ދޫކޮށެއް ނުލައްވަވާނެތެވެ. އިން ޝާ ﷲ
ވީމާ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ. ﷲ ތަޢާލާގެ ރަޙްމަތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކައެވެ. ހަމައެއާއިއެކު ބަންގި ޢާއި ޤަމަތާއި ދެމެދު ދުޢާކުރަން ހަނދާން ނައްތައިނުލާށެވެ! ބަންގި ގޮވުމުން އަވަހަށް މިސްކިތަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް އެއީއެވެ. ބަންގި ނިމުމުން ސުންނަތްކުރުމަށްފަހު ދުޢާ ކުރާނެ ވަގުތުކޮޅެއް ހޯދުމެވެ.
ބައެއް މުސްލކިމުން ރޯދަ ހިފަނީ ހަމަ އެކަނި ރޯދައަށް ހުރެ ދުޢާކޮށް ﷲ ތަޢާލާގެ މަތިވެރި ޙަޟްރަތުން ކަންކަމަށް އެދުމުގެ ބޭނުމުގައެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ރޯދަ ހިފަންވާނީ އިސްލާމް ދީނުގެ އެ ރުކުން ނުވަތަ ސުންނަތް ފުރިހަމަކުރުމަށެވެ. ރޯދަ ހިފުމުގެ ސަވާބާއި ދަރުމަ ލިބިގަތުމަށެވެ. އެ މަޤްޞަދުގައި ރޯދައަށް ހުރެ ވީހައި ގިނައިން ދުޢާކުރަންވީއެވެ. އެމީހަކު އެދޭހައި ކަންކަމުގެ ވާހަކަ ދަންނަވަންވީއެވެ.
ހަމައެފަދައިން ބައެއް މީހުން ހަމައެކަނި ދުޢާ ކުރުމުގެ ބޭނުމުގައި ފަރުޟު ޙައްޖު އަދާކުރުމަށް ވެސް އެބަ ދެއެވެ. ނަމަވެސް ޙައްޖަށް ދާން ޖެހޭނީ އެ މަތިވެރި ރުކުން އަދާކުރުމުގެ ބޭނުމުގައެވެ. ޙައްޖަށް ގޮސް ހުރުމުގެ ތެރޭގައި އެމީހަކު ބޭނުން ވަރަކަށް ހަމަ ދުޢާކުރަންވީއެވެ. އެދެން ބޭނުންވާހައި ކަންކަމަށް އެދި ދަންނަވަންވީއެވެ. ރޯދަވެރިން ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުއްވަވާނެތެވެ. ހަމައެފަދައިން މާތްވެގެންވާ ޙަރަމްފުޅުގައި ކުރެވޭ ދުޢާއަކީ އެހައިމެ މަތިވެރިވެގެންވާ ދުޢާއެކެވެ. ޢަރަފާތު ދުވަހު ޢރަފާތުބިމުގައި ތިބެގެން ކުރާދުޢާާއަކީވެސް ޢިޖާބަކުރައްވަވާނެ ދުޢާއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން