ކަންކަމަސް އެދިގެން ކުރާދުޢާ ﷲ ތަޢާލާ އިޖާބަ ކުރެއްވެވި ނަމަވެސް ބޭނުން ފުއްދަވައި ދެއްވެވުން ލަސްކުރައްވަވަތެވެ. އެއީ އެމީހަކަށް އެންމެ ފައިދާކުރާނެ ވަގުތުގައި އެބޭނުން ފުއްދަވައި ދެއްވެވުމަށެވެ. ހިތުގައި ޔަޤީންކުރަންވީ ތިމަންނާ ކުރި ދުޢާ އިޖާބަ ނުކުރައްވަވައި ﷲ ތަޢާލާ ދޫކޮށް ނުލައްވަވާނެ ކަމެވެ. އެ ޔަޤީންކަމުގައި ހުންނަ މީހަކަށް އެއްވެސް ކަމެއްގައި މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ދުޢާ ކުރި ބޭނުން ފުއްދަވައިދެއްވެވުން ލަސްވަމުންދާނަމަ މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ގިނަގިނައިން ތައުބާވުމަށެވެ. ހެޔޮ އަމަލުތައް ކުރުން އިތުރުކުރަންވީއެވެ. "އަހަރެން ތައުބާވާންވީ ކޮން ކަމަކަށް ހެއްޔެވެ؟ އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ." އޮޅިގެންވެސް މިފަދައިން ނުބުނާށެވެ. މުއްމިނެއްގެ ދުލަކުން އެފަދަ ބަހެއް ނުބުނާނެއެވެ.
ވިސްނައިލާށެވެ! ރަސޫލް (ﷺ) އަކީ އެއްވެސް ފާފައެއް ކުރެއްވެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނުގެ އިސްވެދިއަހައި ފާފަތަކާއި ކުރެއްވެވޭނެ ފާތައްވެސް ﷲ ތަޢާލާ ވަނީ ފުއްސަވައި ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް މެދުކެނޑުމެއް ނެތި ގެންދެވީ ފާފަތައް ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރައްވަވަމުންނެވެ. އެއީ، އެކަމަކީ އަހަރެމެން އަބަދުކުރަން ޖެހޭނެ ކަމެއްކަން ދަސްކޮށް ދެއްވެވުމަށެވެ.
ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރުންމަތީގައި ހުންނަ މީހަކަށް އެމީހަކަށް ނުވެސް ވިސްނޭހައި، ބުއްދިއަށް ޤަބޫލުވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ރަޙްމަތުގެ ދޮރުތައް ހުޅުއްވަވައި ދެއްވަވާނެތެވެ.
ކަމަކަށް ބޭނުންވެގެން އެދި ދެންނެވުމުން އެކަމެއް ފުއްދަވައި ދެއްވެވުން ލަސްވުމުގެ މާނައަކީ ދުޢާ އިޖާބަ ނުކުރެއްވެވުމެއް ނޫނެވެ. ވަރަށް ގިނަ ފަހަރު އެދޭ ކަންކަން އެދޭ އަވަސްމިނުގައި ފުއްދަވައި ނުދެއްވަވައި ލަސްކުރައްވަވައެވެ. ނަމަވެސް އެއީ ހިތާމަކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެނީ ދުޢާ ކުރުމުން ﷲ ތައާލާ އައްސަވައިވޮޑިގަންނަވައެވެ. ކިތަންމެ ގިނަ ބައަކު ކިތަންމެ ގިނައިން ދުޢާ ކުރި ނަމަވެސް އެ ހުރިހާ ދުޢާތަކެއްވެސް ﷲ ތަޢާލާ ހަމަ ވަގުތުން އައްސަވައިވޮޑިގެންވެއެވެ.
- މުފްތީ މެންކުގެ ދަރުސްކުން