އެދެމަފިރިންނަކީ ވަރަށް ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބުނެވެ. ނަމަވެސް މަހެއްވެސް ނުވަނީސް ހުމެއް ޖެހިފައި ދަރިފުޅު މަރުވީއެވެ. އެކަމުން ވަަރަށް ބޮޑު ހިތާމައެއް ކުރަން ދެމަފިރިންނަށްވެސް ޖެހުނެވެ.
އެކަމުގެ ހިތާމައިގައި އަނބިމީހާ އޭނާގެ ހަށިގަނޑާއިމެދު ފަރުވާކުޑަކޮށްލިއެވެ. ފެންވަރަނީވެސް މަދުންނެވެ. ހެދުން ބަދަލުކުރަނީވެސް ދައުވެ ކުނިވަސްދުވަސްފެށުމުންނެވެ. އެއްވެސް ވަރަކަށް ޒީނަތްތެރިއެއް ނުވެއެވެ.އަބަދު އިންނަނީ ހިތާމައިގައެވެ.
ދެން ކުރިމަތިވާންފެށީ މާބޮޑު މައްސަލައެކެވެ. ފިރިމީހާ ގޭގައި އުޅޭ ވަޤުތު މަދުކޮށްފިއެވެ. ގެއިން ކަނީވެސް ވަރަށްމަދުންނެވެ. ނިދަނީވެސް ދުރަށް އެނބުރިއޮވެއެވެ. އެހެންވެ އަނބިމިހާއަށް ޤަބޫލުކުރެވުނީ ފިރިމީހާ އެހެން އަންހެނަކާއި ގުޅުނީކަމަށެވެ. އެއުޅެނީ ފޫހިވެގެން ވަރިކުރަން ކަމަށެވެ. ނަމަވެސް ފިރިމީހާގެ އެއްވެސް ޢަމަލަކުން އެބާވަތުގެ ކަމެއް ކުރާކަމަށް ބެލެވޭނެ ޢަލާމާތެއް ނުފެނެއެވެ.
ދުވަސްކޮޅެއް ފާއިތުވުމުން ކެތްނުކުރެވިގެން ފިރިމީހާއަށް ބަދަލުތައް އަންނަ ސަބަބާއިމެދު ސުވާލުކުރުމުން ބުންޏެވެ. "މިހާރު ތިބާއަކީވެސް އަހުރެން ކައިވެނިކުރި އަންހެނާއެއް ނޫނެވެ. ފެންވަރަނީއެއް ނޫނެވެ. ލައިގެން ހުންނަ ހެދުމުން ދުވަނީ ކުނިވަހެވެ. އަބަދު އޮށޯވެ އޮންނަން ހަދައިގެން ބުރުދަނަށް ކޮންމެ ދުވަހަކު ކިލޯއެއް އެބަ އިތުރުވެއެވެ. ހަށިގަނޑާއި މޫނުގެ ރީތިކަން ގެއްލިއްޖެއެވެ.
ބުނަން ހެއްޔެވެ؟ ޢުމުރު ތިއަގޮތަށް ހޭދަކޮށްލިޔަސް އެދަރިފުޅެއް ދެން މިދުނިޔެއަކުން ނުލިބޭނެއެވެ. ދެންވެސް ވިސްނައި ހިތްވަރުކޮށް ނިކަން ކުރިން އުޅުނު ގޮތަށް އުޅެބަލާށެވެ! އަހުރެން އެއްވެސް އަންހެނަކާއި ގުޅުމެއް ނުބާއްވަމެވެ. އެކަމަކު ތިބާ ބަދަލުނުވިނަމަ ޖެހޭނީ އެކަމަށް ވިސްނާށެވެ!"
އަނބިމިހާއަށް ކަންކަން ވިސްނުނީ އެހިސާބުންނެވެ. ބަދަލުކުރުމާއިއެކު ފިރިމީހާގެ ލޯބިލިބެންފެށުމުން ބުންޏެވެ. "ބުނަންހެއްޔެވެ؟ ދަރިފުޅު މަރުވުމުން ލިބުނު ހިތްދަތިކަމަށްވުރެ ތިބާ ބަދަލުވުމުން ލިބުނު ހިތްދަތިކަން މާބޮޑެވެ. ދެން ދުވަހަކުވެސް އަދި ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް އަމިއްލަ ހަށިގަނޑަށް ފަރުވާކުޑައެއް ނުކުރާނަމެވެ. އެކަމުގައި ހުރިވޭން މާބޮޑުކަން އިޙްޞާޞްކުރެވިއްޖެއެވެ."
މިއީ އަޅުގަނޑަށް ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަދި އަޅުގަނޑު ދެކެނީ ހިތްދަތިކަން ކުރިމަތުވުމުން އަމިއްލަ ހަށިގަނޑަށް ފަރުވާކުޑަކުރެވޭ ކޮންމެ އަންހެނަކަށްވެސް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ކަމަށެވެ. އެފިރިމީހާ ރަނގަޅުކަމުން ވަކިނުވިނަމަވެސް މިއީ ގިނަ ފިރިން ބަލައިގަނެ ކެތްތެރިވާނެ ކަމެއް ނޫނެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް