ކައިވެނިކުރުމަށްފަހު ހިލޭ މީހަކާ އެއްވެސް ބާވަތެއްގެ ގުޅުމެއް ހިންގާކަށް އަހުރެން ނުބުނާނަމެވެ. ދެމަފިރިންނަށްވެސް އޮތީ އަނެކާއަށް ވަފާތެރިވުމެވެ. އެހެންކަމާއިއެކުވެސް ބައިވެރިޔާ ބޭވަފާތެރިވެގެން ޝަކުވާކުރަން އަންނަ ގިނަ މީހުންގެ ކިބައިން ފާހަގަކުރެވޭ މައްސަލައެއް ފާހަގަކޮށްލާނަމެވެ.
އެއީ ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމެވެ. ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ފަރުވާކުޑަކުރެވޭކަމެވެ. އެހެންވެ ބުނެލަން އޮތީ ވިސްނާށެވެ! ކިތަންމެ ރަނގަޅަށް ކަންކަަން ކޮށްދިނަސް މައްސަލަތައް ޖެހެމުން އަންނައިރު ކޮށްދޭންޖެހޭ ކަންކަން ކޮށްނުދެވޭނަމަ މައްސަލަތައް ބޮޑުވެގެންދާނެ މިންވަރާއި މެދުގައެވެ.
ﷲ އަށް ބިރުވެތިވެވެނީ މަދުމީހަކަށެވެ. ވީމާ ހިތްހަމަޖުޖެހޭއިރަށް އޮންނާނީ ޝައިޠޯނާ ދައްކާ މަގުން ދެވިފައެވެ. އެކަން ބައިވެރިޔާއަށް އެނގުމުން ނުވެނުދާނެ ގޮތްތައް މިދަނީ ވަމުންނެވެ. ދެމީހުން ވާދައަށް ފާފަކުރާ މީހުން މަދުކަމަކަށް ނުބުނެވޭނެއެވެ. މާނައަކީ އެހައިވެސް ގިނަވެއްޖެއެވެ.
ތިމާގެ ބައިވެރިޔާ ބޭވަފާތެރިވުމުން އޭނާ ގުޅުން ހިންގި މީހާގެ ގާތަށް ގޮސް ބިރެއް ލަދެއް ނެތި ބަދަލުހިފަން ގުޅުންހިންގަން ދަޢުވަތުދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެދަނީ ގިނަވަމުންނެވެ. އެވީޑިއޯތަކަކީ ކުޅެފައި ހުންނަ ވީޑިއޯތައް ނަމަވެސް އެގިނަވަނީ އެކަން އިތުރުވާތީއެވެ. ފާފަކުރުމުގަ ވާދަކުރާ ވާހަކަ މިބުނަނީ އެހެންވެގެންނެވެ. ބައިވެރިޔާ ބޭވަފާތެރިވުމުން ބަދަލުހިފަން ތިމާވެސް އެފާފަކުރާނަމަ ތިމާއަށްވެސް މިވެއްޓިގަނެވެނީ ނަރަކައަށްކަމާއިމެދު އޮންނަނީ ވިސްނައިވެސް ނުލެވިފައެވެ. ތިމާއަށް ރަނގަޅުގޮތްތައް މިންވަރުކުރައްވަވާނީ ތިމާ ﷲ ތަޢާލާއަށް ތެދުވެރިވެގެންކަމާއިމެދު ވިސްނާނުލައި ތިމާއަށް ރަނގަޅު ގޮތް މިންވަރުކޮށް ދެއްވެވުމަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
ކައިވެނިކުރަންވީ ހަމައެކަނި ދެމީހުން އެކުގައި ނިދާކަށް ނޫނެވެ. އެކުގައި ދިރިއުޅުމަށެވެ. ކޮންގޮތަކަށް ހެއްޔެވެ؟ ވަކިމީހަކަށް ނޫނެވެ. ދެމީހުންނަށްވެސް އުފާވެރިކަން ލިބޭނެ ގޮތަށެވެ. ކައިވެނީގެ މަޤްޞަދަކަށްވާންޖެހޭނީ އެގޮތެވެ.
ނިދުމާއި ހަމައަށް ދެވެނީ ދުަވަސް ހޭދަކޮށްފައެވެ. ވީމާ އެކުގައި ނިދުމުން ލިބެން އޮތް ހިތްހަމަޖެހުން ހޯދޭނެވަރު އޮންނާނީ ދުވަސް ހޭދަކުރެވުނު ގޮތުގެ މައްޗަށެވެ. ރަނގަޅު ގޮތުގައި ދުވަސް ހޭދަނުކުރެވި ނިދާގަޑީގައި ހޯދޭނީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟
ކުރުކުރުކޮށް މިކިޔައިދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ތިމާގެ ދިރިއުޅުންހުރި ގޮތާއިމެދު އަމިއްލައަށް ވިސްނާށެވެ! ވިސްނިވަރަކަށް ވާހަކަތައް ދާނީ ދިގުވަމުންނެވެ. އެހެންވީމާ ވިސްނައި ބުއްދީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން