ސަމާސާއަށްވެސް ފުރައްސާރަނުކުރާށެވެ! އޭނާގެ ހިތުގަ ޖެހިއްޖެނަމަ އެއީ ރިޒުޤް ދަތިކުރައްވަވައިފާނެ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ސަމާސާއަށްވެސް ފުރައްސާރަނުކުރާށެވެ! އޭނާގެ ހިތުގަ ޖެހިއްޖެނަމަ އެއީ ރިޒުޤް ދަތިކުރައްވަވައިފާނެ ބޮޑު ކަމެއް!

މުސްލިމުންނަށް ބެލިނަމަވެސް ގިނައީ ދަތިޙާލުގައި އުޅެންޖެހިފައިވާ މީހުންނެވެ. ކުރަންބޭނުންވާ ގިނަ ކަންތައްތަކެއް ނުކުރެވިގެން ކަންބޮޑުވެފައި ތިބެންޖެހޭ މީހުންނެވެ. ވީމާ ފުރަތަމަ ކަމަކަށްވެސް ޤަބޫލުކުރަންވީ ރިޒުޤް ދެއްވަވަނީ އަދި ތަނަވަސްކަން ދެއްވަވަނީވެސް ﷲ ތަޢާލާ ކަމެވެ.  

ވީމާ ފުރތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަންޖެހޭ ގުޅުން ރަނގަޅުކުރުމެވެ. އެކަން ކުރެވޭނީ ވެވުނުހައި ބޮޑަކަށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ.  

ވީހައި ގިނައިން އަޅުކަންކުރާށެވެ! ގިނައިން ތައުބާވާށެވެ! ގިނަގިނައިން އަސްތަޣްފާރުކުރުމަކީ ބަންދުކުރެވިފައިވާ ދޮރުތައް ހުޅުވުމަށް އޮތް އެންމެ ފަހިމަގެވެ. އެކަން ކީރިތި ޤުރްޢާނުން އެނގެން އެބައޮތެވެ. 

ހަމައެއާއިއެކު އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރާށެވެ. އެއްވެސް މީހަކަށް ދެރައެއް ނުދޭށެވެ. އެންމެ ކުޑަމިނުން އެއްވެސް މީހަކަށް މަލާމާތް، ފުރައްސާރަވެސް ނުކުރާށެވެ! ސަމާސައަކަސް ނަމަވެސްމެއެވެ. ތިބާ އެކަންކަން ކުރާކަށް އެމީހަކަށް ނުއެނގިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.  

ބައެއް މީހުން އެހެން މީހަކަށް ދެރައެއް ނުވަތަ ލަނޑެއްދީފައި އެކަމަށްޓަކައި އެބަ ފަޚުރުވެރިވެއެވެ. އެކަންކުރީ ތިމާކަން އަނެކާއަށް ނުއެނގޭނެ ކަމަށްބަލައި އުފާކުރެއެވެ. އެފަދަ މީހުންނަށްވެސް ބުނެލަން އޮތީ އެމީހާއަށް އެކަން ނުއެނގުނަސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.  

ތަނަވަސްކަން ހުންނަ ވަރަށް ގިނަބައަކަށްވެސް ކަންބޯދުވުންތަކުން އަރައިނުގަނެވިގެން އުޅެން އެބަޖެހެއެވެ. ބޮޑު ބައްޔެއްގައެވެ. ރަނގަޅަށް ނުނިދޭތީއެވެ. ނުވަތަ އެހެންވެސް ކޮންމެވެސް ކަމެއް މެދުވެރިވާތީއެވެ.

މިފަދަ ކަންކަން މެދުވެރިވުމަށް ދިމާވާ އެއްސަބަބަކީ އެހެން މީހަކަށް ނުވަތަ ބައަކަށް ދެރައެއް ދެވިފައި އޮތުމެވެ. ހިތުގައި ޖެހޭނެ ފަދަ ކަންކަން ކުރެވިފައިވުމެވެ. ވީމާ އަވަހަށް ތައުބާވާށެވެ! އެފަދަ ކަމެއް ކުރެވިފައިވާނަމަށް މާފަށް އެދި ހިތްޙަލާލުހޯދާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން