ކުދިންނަށް ނަމާދުކުރަން ބާރުއަޅަންވީ ކޮން ޢުމުރަކުން ފެށިގެން؟ މިއީ ބައެއް ބެލެނިވެރިން ކުރައްވަމުން ގެންދަވާ ސުވާލެކެވެ.
ޖަވާބުގައި ފުރަތަމަވެސް ބުނެލަން އޮތީ ނަމާދުކުރުމުގައި މައިންބަފައިން ނަމޫނާ ދައްކައިދޭނަމަ ކުދިން ބޮޑެތިވާނީ ނަމާދުކުރަން ޝައުޤުވެރިވާ ކުދިންގެ ގޮތުގައެވެ. މަންމަ ގޭގައި ނަމާދުކުރާއިރު އުނދަގޫކުރިޔަސް ފެންނަ ހިސާބުގައި ނަމާދުކުރާށެވެ. ސަޖިދަވަޅުގައި އޮށޯވެއްޖެނަމަ ދުރަށްޖައްސާލައިފައި ސަޖިދަކުރާށެވެ. އެކަމަކުން ނަމާދަށް އުނިކަމެއް ނުއަންނާނެއެވެ.
މިސްކިތަށް ގެންދެވޭ ޢުމުރަށް އެޅުމުން ކުދިން މިސްކިތަށް ގެންދާށެވެ. ފުރަތަމަކޮޅު ކުދިން ބައެއް ކަންކަންވެސް ކުރާނެއެވެ. އެކަމަށް ރުޅިއިސްނުކޮށް ލޯބިން ނަޞީޙަތްދޭށެވެ.
މިހިސާބުން ކުއްޖެއްގެ ވާހަކަ ބުނެލާނަމެވެ. އެކުއްޖާ މިސްކިތަށް ގެންނަނީ ކާފައެވެ. ފުރަތަމަކޮޅު ދެސަފުދޭތެރޭ ހިނގައި ދުވެވެސް ހެދިއެވެ. ބައެއް ފަހަރު އަޑުވެސް ލެއްވިއެވެ. އަދި މިވީ އެއިގެ ފަހުން 2،3 އަހަރެވެ. މިހާރު ދެނަމާދުދޭތެރޭގައި ހަމައެކުއްޖާ ކާފައާއިއެކު މިސްކިތުގައި އިންނަނީ ޤުރްޢާންކިޔަވާށެވެ! ކިޔެވުންވެސް ވަރަށް ފުރިހަމައެވެ. މާޝާ ﷲ
ދެން މިދަނީ ސުވާލުގެ ޖަވާބަށެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެންމެ ކުޑައިރުންސުރެ ނަމާދަށް ޝައުޤުވެރިކުރުވަން މަސައްކަތްކުރަންވާނެއެވެ. ޢުމުރުން 7 އަހަރުވުމުން ނަމާދުކުރުވަން ބާރުއަޅަންވާނެއެވެ. އަދި 10 އަހަރުވުމުން މަޖުބޫރުކުރުވައިގެންވެސް ނަމާދުކުރުވަން މަސައްކަތްކުރަންވާނެއެވެ. މިއީ ޙަދީޘްފުޅުތަކުން އެކަން އެނގެން އޮތްގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން