"އިބްލީސް އާދަމްގެފާނަށް ލަނޑުދޭން ކުރިކަމަކީ މާތް ގަންދީ ދޮގުހުވާކުރުމެވެ. އިބިލީހުގެ ބަސް އާދަމްގެފާނަށް ޤަބޫލުފުޅުކުރެއްވެވުނީ މާތް ﷲ ގަންދީ އޭތިވެސް ދޮގުނުހަދާނެކަމަށް ޤަބޫލުފުޅުކުރެއްވެވުނީތީއެވެ." މިއީ ޢިލްމްވެރިންގެ ބަސްފުޅެކެވެ.
މިއަދު މިފެންނަނީ އިބިލީސް އެދުވަހުކުރި އެނުބައި ޢަމަލުކުރާ މީހުންނެވެ. އިބްލީސް އެއިރުވެސް ހުރީ ﷲ ތަޢާލާއަށް އުރެދިގެންނެވެ. އިންސާނުން މިއަދު މާތް ﷲ ގަންދީ ދޮގުހުވާކުރާނީވެސް އަދި ހުވާކޮށްފައި އެހުވާ އުވާލަނީވެސް މާތް ﷲ އަށް އީމާންވެގެން ތިބެއެވެ. މިކުރެވެނީ ކޮންފަދަ ބޮޑު ފާފައެއްކަން ނުވެސް ވިސްނޭފަދައެވެ.
މިވާހަކަ ބުނެލަން މިޖެހުނީ ބައެއް ކިޔުންތެރިން ކުރައްވަމުން ގެންދަވާ ސުވާލުތަކަށް ޖަވާބެއްގެ ގޮތުންނެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
އަޅުގަނޑަކީ ކޮންމެހެން ލޯބިވެރިއަކު ހޯދަން އަވަސްވެގަނެގެން އުޅުނު އަންހެނަކީމެއް ނޫނެވެ. 30 އަހަރުވީއިރުވެސް މަޑުކޮށްލައިގެން ހުރީ އަޅުގަނޑަށް އިތުބާރުކުރެވޭވަރުގެ މީހަކާއި ބައްދަލުވުމުގެ އުންމީދުގައެވެ. އެހެން ހުއްޓާ ބައްދަލުވި މީހަކު އެތައް ހުވާތަކެއް ކުރުމުން އޭނާގެ ބަސް ޤަބޫލުކުރެވި އޭނާދެކެ ލޯބިވެވިއްޖެއެވެ. އޭނާދެކެ އަޅުގަނޑު ލޯބިވެއްޖެކަން އޭނާއަށް ޔަޤީންކުރެވުނުތަނާހެން އުޅުން ބަދަލުވަމުން އައިސް އަޅުގަނޑު ދޫކޮށްލައިފިއެވެ. އަޅުގަނޑުގެ ސުވާލަކީ ﷲ ތަޢާލާ ގަންދީ ކުރި ހުވާތަކަށްވާނީ ކިހިނެއްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެކަމަށް އުންމީދުކުރަމެވެ.
"ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. އަހަރެން
ކަލާދެކެ ލޯބިވާވަރަށްވުރެ ބޮޑަކަށް އެއްވެސް މީހަކަށް އަނެކަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ! މުޅި އުމުރުގަވެސް އެކަން ދަމަހައްޓާނަމެވެ.!" މިހެން ބުނެ ފައިވެސް ލަނޑުދީ ފިލަިގެން ދެވިދާނެއެވެ!
އެބަސް ބުނި ހިނދު މަލާއިކަތުން ވަނީ ތިބާގެ ފަތުގައި ލިޔުއްވަވައިފައެވެ. މަލާއިކަތުން ލިޔުއްވެވި ތިބާގެ ފަތުން އެބަސްތައް ފުހެލެވޭނެ ހެއްޔެވެ؟ ﷲ ގަންދީ ކުރާ ހުވާ އުވާލުމުން ކައްފާރާ ދޭންޖެހޭނެއެވެ.
ވިސްނަންވީ ތަންކޮޅަކީ ކައްފާރާ ދިނުމަކީ އެކަމުން އަނެކާއަށް ލިބުނު ގެއްލުމާއި އަނިޔާއާއި ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ތިމާ އާ ﷲ ތަޢާލާ އާ ދެމެދުގަ އޮތް މައްސަލައާއި ގުޅިގެން ކުރަންޖެހޭ ކަމެކެވެ.
އެއްވެސް މީހަކު އެހެން މީހަކަށް ކޮށްފައިވާ އަނިޔާއެއް ނުވަތަ ދީފައިވާ ގެއްލުމެއްގެ މާފު ހޯދަން ޖެހޭނީ އެމީހެއްގެ ކިބައިންނެވެ. އެކަން ﷲ ދޫކޮށްލައްވަވާނީ އަނިޔާ ލިބުނު މިހާއަށެވެ.
ކުރުކޮށް ނަމަވެސް މިބުނެދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން