ފިނިމޫސުމާ ހޫނުމޫސުމަށް ލާފޭރާން ބަދަލުކުރާ އުޞޫލުން ތިމާގެ ތަޤްވާވެރިކަން ބަދަލުކުރާނަމަ އެމީހަކު އެވަނީ މަގުފުރެދުމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ފިނިމޫސުމާ ހޫނުމޫސުމަށް ލާފޭރާން ބަދަލުކުރާ އުޞޫލުން ތިމާގެ ތަޤްވާވެރިކަން ބަދަލުކުރާނަމަ އެމީހަކު އެވަނީ މަގުފުރެދުމުގަ!

ތަޤްވާވެރި ނުވެވި ދުވަސްތަކެއް ފާއިތުވެދާނެއެވެ. އެފަދަ މީހަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ތަޤްވާވެރިވެވިއްޖެނަމަ އެއީ ﷲ ތަޢާލާ ލެއްވެވި ރަޙްމަތެކެވެ. ދެން އޮތީ އެމިންވަރު ކުޑަވިޔަނުދީ އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ.  

ފިނިމޫސުން އައުމުން ނުވަތަ ވިއްސާރަވެ ހީކެރުވުމުން އަހަރެމެން ބޯފޭރަންލައި މުޅި ހަށިގަނޑު ނިވާކުރަމުއެވެ. ފިނިމޫސުމުގެ މުޞީބާތުން ސަލާމަތްވެވުމާއިއެކު ފޭރާން ބާލައި އުކާލަމުއެވެ. އެހިސާބުން ބަދަލުވެގެންދަނީ ޙަދީޘްފުޅުގައިވާފަދައިން ފޭރާންލައިގެން އެހެނަސް ނިވާނުވެ ތިބޭ ބައަކަށެވެ.  

މީސްތަކުންނޭވެ! މިމިޘާލުން މިފެށީ މުޞީބާތެއްގައި އުޅޭނަމަ އަހަރެމެންގެ ތެރެއިން ގިނަބައަކު އެމީހުންގެ ތަޤްވާވެރިކަން އިތުރުކޮށްފައި މުޞިބާތް ފިލާއިރަށް ކުރިއަށްވުރެ ޢަމަލުތައް ނުބައިވެގެންދާތީއެވެ. މިފަދަ މީހުން ދުނިޔޭގައި އުޅޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުން ދުނިޔޭގައި އުޅޭނެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.  

ކޮންމެ ދުވަހަކުވެސް ކޮންމެހެން ކުރަން ޖެހޭނެ އެއް ކަމަކީ ނިދުމުގެ ކުރިން ތިމާއަށް އެދުވަހު ކުރެވުނު ފާފަތައް ދެނެގަތުމެވެ. އެއިގެ ތެރޭގައި ނަމާދެއް ނުކުރެވިވޭތޯ އާއި ޖަމާއަތުގެ ނަމާދަށް ނުދެވުނުތޯވެސް ބަލަންވާނެއެވެ. މީހަކަށް ދެރައެއް ދެވުނުތޯ އާއި މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއް ބުނެވުނުތޯވެސް ބަލަންވާނެއެވެ.  

ހަމައެއާއިއެކު އަނބިން/ފިރިން ދަރިން އަދި ޢާއިލާގެ ޒިންމާ އަދާކުރެވުނުތޯވެސް ބަލަންވާނެއެވެ. މިފަދަ އެއްވެސް ކަމެއް ނުކުރެވިވާނަމަ އެއިގެ މާނައަކީ ޝައިޠޯނާ ތިބާގެ މައްޗަށް ގަދަވެގެންފައި އޮތުމެވެ. މިއަދު ކުރެވުނު އެއްވެސް އުނިކަމެއް މާދަމާ ނުކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  

ވިސްނާށެވެ! ހަމަ ކޮންމެ ދުވަހަކީވެސް ޝައިޠޯނާ، އޭތީގެ ހަމަލާތައް އަމާޒުކުރާނެ ދުވަހެކެވެ. އެއްދުވަހު ކާމިޔާބުނުކުރެވުނު ކަންކަން އެހެން "އެޕްރޯޗަކުން" މާދަމާ ކާމިޔާބުކުރަން މަސައްކަތްކުރާނެއެވެ! އަހަރެމެންނަށް އޮތީ ސަމާލުވެގެން ތިބުމެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ފިނިމޫސުމާ ހޫނުމޫސުމަށް ލާފާރާން ބަދަލުކުރާ އުޞޫލުން ތިމާގެ ތަޤްވާވެރިކަން ބަދަލުކުރާނަމަ އެމީހަކު އެވަނީ މަގުފުރެދުމުގައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން